Roadha Mihaaru
ސެގާޓް ވަކިކުރީ ރަނގަޅު ވަގުތު: ބައްސާމް

ސެގާޓް ވަކިކުރީ ރަނގަޅު ވަގުތު: ބައްސާމް

24 ޑިސެމްބަރ 2019

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓް މަގާމުން ވަކިކުރީ ރަނގަޅު ވަގުތުގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓް މަގާމުން ވަކިކުރީ ރަނގަޅު ވަގުތުގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ގައުމީ ޓީމުގެ ކޯޗުކަމާ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވި ސެގާޓް މަގާމުން ވަކިވީ މި މަހު ކުރީކޮޅުގައި ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ ނަތީޖާތައް ދަށްވުމުންނެވެ.

ރަން މެޑަލަށް އަމާޒުކޮށްގެން ދިޔަ މި ފަހަރުގެ ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ބަންގްލަދޭޝް އާއި ސްރީލަންކާއާ އެއްވަރުވިއިރު، ބޫޓާނާއި ނޭޕާލް އަތުން ވީ ބައްޔެވެ. މީގެ ތެރެއިން ބޫޓާން އަތުންވީ ބައްޔަކީ ގިނަ ބަޔެއްގެ ނުރުހުން ސެގާޓަށް އަމާޒުވި އެއް ސަބަބެވެ. އެއީ މީގެ ކުރިން ސީނިއާ ލެވެލްގައި ގުނާ މި ފަދަ މުބާރާތެއްގައި ބޫޓާން އަތުން ރާއްޖެ ބަލިވެފައިނުވުމުންނެވެ.

ސެގާޓް ގައުމީ ކޯޗަކަށް ގެނައުމަށް ފަހު އެންމެ ފުރަތަމަ ހަވާލުކުރި ޓާގެޓަކީ މުސްތަގުބަލަށް ވަރުގަދަ ޓީމެއް ބިނާކުރުމުގެ މަސައްކަތެވެ. ބައްސާމް ވިދާޅުވީ މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުން ލާޒިމެއް ނޫން ކަމަށް ބުނެފައި އޮއްވައި ޒުވާން ޓީމެއް ގޮވައިގެން އެ މުބާރާތް ކާމިޔާބުކުރި ކަމަށާއި ދެން އޭނާ އަށް ދިން އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމުގެ ޓާގެޓުގެ ވެސް އުއްމީދު އެބައޮތް ކަމަށެވެ. އެކަމަކު ސައުތު އޭޝިއަން ގޭމްސް އަށް ދިން ރަން މެޑަލްގެ ޓާގެޓް ހާސިލްނުވުމުން ވަކިކުރަން ނިންމީ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ސާފް (ސުޒުކީ ކަޕް) ކާމިޔާބުކުރި ރާއްޖޭގެ ޓީމަކީ ވެސް 23 އަހަރުން ދަށުގެ ޓީމެކޭ ބުންޏަސް ދޮގަކަށް ނުވާނެ. އެ ވަރުގެ ޓީމެއް ގޮވައިގެން ގޮސް މި ފަހަރުގެ ގޭމްސްގައި ރަން މެޑަލަށް ޓާގެޓްކޮށް އެކަންނުވީމަ ދެ ފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް އުވާލީ،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް އިންގްލެންޑްގެ ޖުޑާން އަލީ ހަމަޖެއްސުމަށް ކޮންޓްރެކްޓްގައި ސޮއިކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބީ އަށް ފަހު ސެގާޓް (ކ) އާއި ބައްސާމް ބައްދާލައިގެން. -- ފޮޓޯ: އިމޭޖަސް.އެމްވީ

މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބީ އަށް ފަހު ސެގާޓް (ކ) އާއި ބައްސާމް ބައްދާލައިގެން. -- ފޮޓޯ: އިމޭޖަސް.އެމްވީ

ސެގާޓާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާން ކައިރިިވެފައި ވަނިކޮށް އޭނާ މަގާމުން ވަކިކުރަން ނިންމީ އެފްއޭއެމާއި އޭނާއާ ދެމެދު މަޝްވަރާކުރެވި ދެ ފަރާތުގެ މެދުގައި ހެދިފައި އޮތް ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ. ސެގާޓް ވަކިކުރީ އެކަން ކުރަންވީ މުއްދަތު ފާއިތުވި ފަހުން ކަމަށް ބުނެ، ގިނަ ބަޔަކު ވަނީ އެފްއޭއެމަށް ފާޑުކިޔައިފަ އެވެ. އެކަމަކު ބައްސާމް ވިދާޅުވީ ސެގާޓް ވަކިކުރީ އެކަން ކުރަން ޖެހޭ ވަގުތުގައި ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ލަސްވެއްޖެކަމަށް. ކޯޗަށް ދިން ޓާގެޓްތަށް ކުރަމުން އައިސް ފައިނަލް ޓާގެޓްގައި މި ދިމާވި ހާސިލްނުވި. އެހެންވެ މި ބަދަލު މި ގެނައީ. އަޅުގަނޑުމެން ދެކޭ ގޮތާއި ޖެނެރަލް ޕަބްލިކް ދެކޭގޮތް ތަފާތު ވެދާނެ. އަޅުގަނޑުމެން މި ތަނަށް އައިސް މިކުރަނީ ޑިވެލޮޕްމަންޓް މަސައްކަތް. މިއީ މީގެ 10 ނޫނީ 15 އަހަރު ކުރިން ހަގީގަތުގައި ކުރަން ޖެހޭ މަސައްކަތް. އެކަން އޭރު ނުކޮށް ހުރީމަ މިހާރު ކުރަން މި ޖެހެނީ،" ބައްސާމް ވިދާޅުވި އެވެ.

ސެގާޓްގެ ކޯޗުކަމުގައި މި އަހަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަންގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތަކާއި އޭގެ އިތުރުން ސައުތު އޭޝިއަން ގޭމްސްގައި ޖުމްލަ 15 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން މޮޅުވީ ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. އެގާރަ މެޗުން ބަލިވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އަފްގާނިސްތާނަށް ކުރިން އިރުޝާދުދިން ސެގާޓަކީ ފަހަކަށް އައިސް ގައުމީ ޓީމާ ހަވާލުވި އެންމެ މައްސަލަ ބޮޑު ކޯޗެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުވާލުމުން އޭނާއާ މެދު އެތައް ބަޔަކު ނުރުހުންވި އެވެ. އަދި ދަގަނޑޭގެ އިތުރުން ސީނިއާ އެހެން ކުޅުންތެރިންނާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާތީ ފުޓްބޯޅައިގެ އެކި ފަރާތްތަކުން އޭނާއާ މެދު ހިތްހަމަނުޖެހުނެވެ.

ގައުމީ ޓީމަށް ދެން އެންމެ އަވަހަށް އޮންނާނީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންފައި އަންނަ އަހަރު މާޗް 26 ވަނަ ދުވަހު ރަށުންބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ.