Roadha Mihaaru
އާ ގާނޫނުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

އިންޑިއާގެ ރައްޔިތު ކަމުގެ ގާނޫނު: ސުޕްރީމް ކޯޓުން މައްސަލަ ބަލަނީ، އެކަމަކު ގާނޫނު ހުއްޓުވައެއް ނުދިން

19 ޑިސެމްބަރ 2019

ނިއު ދިއްލީ (18 ޑިސެމްބަރު) - އަވަށްޓެރި ތިން ގައުމަކުން ގަވާއިދާ ހިލާފަށް ވަދެފައިވާ މުސްލިމް ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރައްޔިތުކަން ދިނުމުގެ ގާނޫނާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން، އެންމެ ފަހުން، ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނިއު ދިއްލީ (18 ޑިސެމްބަރު) - އަވަށްޓެރި ތިން ގައުމަކުން ގަވާއިދާ ހިލާފަށް ވަދެފައިވާ މުސްލިމް ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރައްޔިތުކަން ދިނުމުގެ ގާނޫނާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން، އެންމެ ފަހުން، ނިންމައިފި އެވެ.

ޕާކިސްތާނާއި ބަންގްލަދޭޝް އަދި އަފްގާނިސްތާނުން އިންޑިއާއަށް ވަންނަ މީހުންނަށް ރައްޔިތުކަން ދެވޭ ގޮތަށް ފާސްކުރި ގާނޫނާ ދެކޮޅަށް އިންޑިއާގެ ބައެއް ހިސާބުތަކުގައި މުޒާހަރާކޮށް، ހަމަނުޖެހުން ހިންގި އެވެ. މި ހަމަނުޖެހުންތަކުގައި ހަ މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

އިންޑިއާގެ ރައްޔިތުންގެ މަޖިލިހުގައި ބޮޑު އަޣުލަބިއްޔަތެއް އޮންނަ ހިންދޫންގެ ފިކުރަށް ތާއީދުކުރާ ބީޖޭޕީން މި ގާނޫނު ފާސްކުރުމާ އެކު ސުޕްރީމް ކޯޓަށް އެކި ފަރާތްތަކުން ޕެޓިޝަންތައް ހުށައެޅި އެވެ. އެކަމަކު އޭރު އެ ކޯޓުން މައްސަލަތައް ބަލާނެ ކަމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ބުނީ ގާނޫނުގެ ސައްހަކަމުގެ މައްސަލަ ކުރިއަށް ގެންދަން އިއްޔެ ނިންމާފައިވާ ކަމަށެވެ. މުސްލިމް ޖަމާއަތްތަކާއި ބައެއް ވަކީލުންނާއި ދަރިވަރުން ވެސް ހިމެނޭ ގޮތަށް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 59 އަށް އަރަ އެވެ.

މައްސަލަތައް ނިމެންދެން ގާނޫނަށް އަމަލު ކުރުން ހުއްޓުވައިދޭން ވެސް އެދުނެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ ބެންޗަކުން ބަލާ މައްސަލަތަކުގެ އަޑުއެހުންތައް އަންނަ ޖެނުއަރީ މަހު ފަށަން ނިންމައި، ޖަވާބުދާރީވާން މައި ސަރުކާރަށް ކޯޓުން މިހާރު ވަނީ އަންގައިފަ އެވެ.

އިންޑިއާގެ މުސްލިމުން ދެކޭ ގޮތުގައި އެއީ އެ ގައުމުގެ 200 މިލިއަން މުސްލިމުންގެ ބާރު ކަނޑުވާލައި އިހާނެތި ކަންތައް ކުރަން އަމާޒު އޮތް ގާނޫނެއް ކަމަށެވެ

އެކަމަކު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވަނީ އެ ގާނޫނު އޮތް ގޮތުން އިންޑިއާގެ އެއްވެސް ދީނެއްގެ ރައްޔިތަކަށް އަސަރު ނުކުރާނެ ކަމަށެވެ. އެހެންކަމުން އިންޑިއާގެ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަގީގަތާ ޚިލާފް ވާހަކަތައް ފަތުރައިގެން ހަމަނުޖެހުންތައް އުފެއްދުމުގެ އަޑީގައި އޮތީ އިދިކޮޅު ފަރާތްތަކެވެ.