Roadha Mihaaru
މޯދީ މުސްލިމުންނަށް ފުރައްސާރަކުރާ މައްސަލަ ހުށަހަޅައިފި

މޯދީ ކެމްޕެއިންގައި މުސްލިމުންނަށް ފުރައްސާރަކުރާތީ ކޮންގްރެސްއިން މައްސަލަ ހުށަހަޅައިފި

23 އެޕްރީލް 2024

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކެމްޕެއިން ސްޕީޗްތަކުގައި އެ ގައުމުގެ މުސްލިމުންނަށް ފުރައްސާރަކުރާ މައްސަލަ އިދިކޮޅު މައި ޕާޓީ، ކޮންގްރެސް އިން އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކެމްޕެއިން ސްޕީޗްތަކުގައި އެ ގައުމުގެ މުސްލިމުންނަށް ފުރައްސާރަކުރާ މައްސަލަ އިދިކޮޅު މައި ޕާޓީ، ކޮންގްރެސް އިން އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާގެ ގާނޫނުއަސާސީގައި އެއީ ސެކިއުލާ ނުވަތަ ދައުލަތުގެ ވަކި ދީނެއް ނޯންނަ ގައުމެއް ކަމަށް ކަނޑައަޅާފައި ވާއިރު އިންތިހާބުތަކުގައި ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ކުޑައިމީސްވާ ގޮތަށް ކެމްޕެއިން ކުރުމަކީ ވެސް މަނާ ކަމެކެވެ.

ހިންދީންނަށް އިސްކަންދިނުމުގެ ވަރުގަދަ ސިޔާސަތެއް މޯދީ ގެންގުޅޭއިރު އެއީ އޭނާގެ ކެމްޕެއިންގެ މައިގަނޑު އަސާސް ކަމަށް ވަނީ ހަދައިފަ އެވެ. މޯދީއާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ މަސައްކަތްކުރައްވަނީ އިންޑިއާގައި ބައި މަދު [200 މިލިއަން] މުސްލިމުން ބާކީކުރުމަށެވެ.

މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ 76 ސަފުހާގެ މެނިފެސްޓޯގައި "ހިންދޫ" ލަފްޒު ވެސް ބޭނުންކޮށްފައި ނުވިޔަސް މޯދީގެ ތަގުރީރުތައް ގޮސް ނިމެނީ ދީނީ ވާހަކައިންނެވެ. މިދިޔަ ހަފްތާ ބަންދުގައި ރާޖަސްތާނުގައި ބޭއްވި ކެމްޕެއިން އެއްވުމެއްގައި މޯދީ ތުހުމަތުކުރެއްވި ގޮތުގައި ކޮންގްރެސްގެ ކުރީގެ ސަރުކާރަކުން، ގައުމުގެ ވަސީލަތްތަކުގެ އެންމެ އިސް ހައްގުވެރިންނަކީ މުސްލިމުން ކަމަށް ބުނެފަ އެވެ.

ކޮންގްރެސް އަށް ވެރިކަން ލިބިއްޖެ ނަމަ މީހުންގެ މިލްކިއްޔާތު ދައުލަތަށް ނަގައި "އެންމެ ގިނަ ދަރިން ތިބި މީހުންގެ މެދުގައި" އަދި "ގައުމަށް ވަދެގަނެގެން އުޅޭ މީހުންގެ މެދުގައި" ބަހާލާނެ ކަމަށް ވިދާޅުވެ މުސްލިމުންނަށް ކުޑައިމީސްކޮށް މޯދީ ވާހަކަ ދެއްކެވި އެވެ.

"ބުރަ މަސައްކަތުން ހޯދި ފައިސާ، ގައުމަށް ވަދެގަނެގެން އުޅޭ މީހުންގެ މެދުގައި ބަހާލަންވާނެ ކަމަށް ގަބޫލުކުރަންތަ؟ މިކަން ބަލައިގަނެވޭނެތަ؟،" މޯދީ ވިދާޅުވި އެވެ.

ކޮންގްރެސް އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ބައިބައިވުން އުފެދޭ ގޮތަށް ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް މޯދީ ދައްކަވާފައިވާ ކަމަށެވެ. މިއީ އިންތިހާބާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފް އަމަލެއް ކަމަށް ކޮންގްރެސްގެ ޝަކުވާގައިވެ އެވެ.

މިއީ ގައުމުގެ ބޮޑުވަޒީރަކު ދުވަހަކު ވެސް ނުދައްކާ ފަދަ ގޯސް ވާހަަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

އިންޑިއާގެ އާންމު އިންތިހާބު މި މަހުގެ 19 ގައި ފަށައިގެން ކުރިއަށް ދާއިރު، ހަ ހަފްތާގެ މުއްދަތަށް އޮންނަ މި އިންތިހާބުގައި މޯދީ އަށް ފަސޭހަކަމާ އެކު ކާމިޔާބުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މޯދީގެ ކެމްޕެއިންގައި ހިންދީން ބޭނުންވާ ކަންކަމަށް އިސްކަން ދީފައި ވާއިރު ކެމްޕެއިން ފެށީ ވެސް އާސާރީ ބާބްރީ މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި އެޅި ފައްޅި ހުޅުވުމުގެ ބޮޑު ހަފްލާއަކުންނެވެ. -- އޭއެފްޕީ