Roadha Mihaaru
ކަންގަނާ އަނެއްކާ ވެސް ބަޔަކު ލޭ ކައްކުވާލައިފި

ކަންގަނާ އަނެއްކާ ވެސް ބަޔަކު ލޭ ކައްކުވާލައިފި

14 ނޮވެމްބަރ 2021

އިންޑިއާ އަށް ހަގީގީ މިނިވަންކަން ލިބުނީ މީގެ ހަތް އަހަރު ކުރިން 2014 ގައި ކަމަށް ބުނެ ބަތަލާ ކަންގަނާ ރަނާވަތު މިދިޔަ ހަފުތާގައި ދެއްކި ވާހަކަތަކެއްގެ މައްސަލަ ހޫނުވެ، އޭނާއާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ އަށް ހަގީގީ މިނިވަންކަން ލިބުނީ މީގެ ހަތް އަހަރު ކުރިން 2014 ގައި ކަމަށް ބުނެ ބަތަލާ ކަންގަނާ ރަނާވަތު މިދިޔަ ހަފުތާގައި ދެއްކި ވާހަކަތަކެއްގެ މައްސަލަ ހޫނުވެ، އޭނާއާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލަން ފަށައިފި އެވެ.

އިންޑިއާ އަށް މިނިވަންކަން ލިބުނީ 2014 ގައި ކަމަށް ބުނެ އަބަދު ވެސް މައްސަލަތައް ހިލުވާ ބަތަލާ ވާހަކަ ދެއްކީ ހަގީގީ މިނިވަންކަން ލިބުނީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ އެކީގައި ކަމަށް ދެއްކުމުގެ ގޮތުންނެވެ. ކަންގަނާ އަކީ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ވަރަށް ބޮޑު ސަޕޯޓަރެއްގެ އިތުރުން މޯދީ އަށް ސަނާ ކިޔުމުގައި އަރާހުރި ބަތަލާއެކެވެ.

ސަރުކާރުން ދޭ މަތީ ޝަރަފުގެ ތެރޭގައި ހިމެނޭ ޕަދުމާ ޝްރީ އެވޯޑް ވެސް މިދިޔަ ހަފުތާގައި ލިބުނު ބަތަލާ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އަށް ފިޔަވަޅު އަޅަން ގޮވާލައި އެތައް ބަޔަކު ސޯޝަލް މީޑިއާގައި ވެސް ވާހަކަ ދައްކަމުން އަންނަ އިރު، މުމްބާއީގައި ހުންނަ ކަންގަނާގެ ގެ ކައިރި އަށް ހުކުރު ދުވަހު ބަޔަކު އެއްވެ އޭނާއާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އަދި ކަންގަނާގެ ފޮޓޯތަކަށް ކުލަ ޖަހައި، އޭނާއާ ދެކޮޅު އެތައް ޝުއޫރެއް ފާޅުކުރި އެވެ.

އަބަދުވެސް ވަރަށް ވަތަނީ ގައުމެއް ގޮތުގައި ފާހަގަ ކުރެވޭ އިންޑިއާގެ މިނިވަންކަމާ ބެހޭ ގޮތުން ކަންގަނާ ދެއްކި ވާހަކަތަކާ ގުޅިގެން ބީޖޭޕީގެ ބައެއް އިސްވެރިން ވެސް ކަންގަނާގެ ވާހަކަތައް ކުށްވެރިކޮށްފައިވެ އެވެ. އެގޮތުން ބީޖޭޕީގެ ދިއްލީގެ ލީޑަރު ޕްރަވީން ޝަންކަރް ކަޕޫރް ވިދާޅުވީ ކަންގަނާ ދެއްކި ވާހަކަތަކަކީ 1947 ގައި މިނިވަންކަން ލިބުނު ގައުމުގެ މިނިވަންކަމަށް މަސައްކަތްކުރި އެތަކެއް ގައުމީ ބަތަލުންނަށް ކުޑައިމީސް ކުރުމުގެ ވާހަކައެއް ކަމަށެވެ.

އެހެންވެ މިނިވަންކަމާ ގުޅުވައިގެން އޭނާ ދެއްކި ވާހަކަ ލުއިކޮށް ނަގައިގެން ނުވާނެ ކަމަށާއި އެފަދަ ވާހަކަތައް ދައްކާ ނަމަ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުންތައް އުފެދި ލޭ ކެކޭނެ ކަމަށް ޕަރްވީން ވިދާޅުވި އެވެ.

"މިނިވަންކަމޭ ކިޔާފައި ހިތުހުރިހާ އެއްޗެއް ކިޔުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ. ގައުމު ފަހުރުވެރިވާ މިނިވަންކަމާ ގުޅުވައިގެން ކަންގަނާ ދެއްކި ވާހަކަތަކަކީ މިނިވަން ހޯދުމަށް މަސައްކަތްކުރި ގައުމީ ބަތަލުންނަށް ކުރި ފުރައްސާރައެއް. އަދި އެއީ އެ މީހުން އޮހުރުވި ދަލާއި ލޭގެ އަގުވަޒަން ނުކުރާ ކަމުގެ ހެއްކެއް." އޭނާ ވިދާޅުވި އެވެ.

މި އަހަރު ފަސް ވަނަ ނެޝަނަލް އެވޯޑް ވެސް ލިބުނު ކަންގަނާގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ސީނިއާ ލީޑަރު އާނަންދު ޝަރުމާ ވެސް ވިދާޅުވީ ކަންގަނާ އަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި އެ މައްސަލާގައި ސީދާ މޯދީ ވެސް ވާހަކަ ދައްކަވަން ޖެހޭނެ ކަމަށެވެ.

ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ކަންގަނާ ދައްކާފައިވާ އެކިއެކި ވާހަކަތަކާ ގުޅިގެން މިހާރު ވެސް އެކި ފަރާތްތަކުން އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު 700 އަށް ވުރެ ގިނަ އެވެ. އޭނާ އަކީ އަބަދު ވެސް މީހުން ރުޅި އަންނަ ޒާތަށް ވާހަކަ ދެއްކުމަށް ކަށީގައި ހިފާފައިވާ ބަތަލާއެކެވެ. އެހެންވެ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވެސް ކަންގަނާއާ ވަރަށް ނުރުހެ އެވެ.