Roadha Mihaaru
ސަރުކާރުގެ އެވޯޑެއް ނުލިބުނަސް ދެރައެއް ނުވޭ: ސޯނޫ

ޕަދުމާ ޝްރީ އެވޯޑް ނުލިބުނަސް ދެރައެއް ނުވޭ، އުންމީދެއް ވެސް ނުކުރަން: ސޯނޫ

15 ނޮވެމްބަރ 2021

އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފު ޕަދުމާ ޝްރީ އެވޯޑް މި އަހަރު އެކްޓަރު ސޯނޫ ސޫދަށް ލިބޭނެ ކަމަށް ބެލެވުނަސް، އެ އެވޯޑް ނުލިބުމަކުން އެއްވެސް ދެރައެއް ނުވާ ކަމަށާއި އެވޯޑަށް އަމިއްލަ ހައިސިއްޔަތުން އުންމީދު ވެސް ނުކުރާ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފު ޕަދުމާ ޝްރީ އެވޯޑް މި އަހަރު އެކްޓަރު ސޯނޫ ސޫދަށް ލިބޭނެ ކަމަށް ބެލެވުނަސް، އެ އެވޯޑް ނުލިބުމަކުން އެއްވެސް ދެރައެއް ނުވާ ކަމަށާއި އެވޯޑަށް އަމިއްލަ ހައިސިއްޔަތުން އުންމީދު ވެސް ނުކުރާ ކަމަށް ބުނެފި އެވެ.

ގައުމުގެ ހިދުމަތްތެރިންނަށް ސަރުކާރުން ހަތަރު ވަނަ އަށް ދޭ އެންމެ މަތީ ޝަރަފު ސޯނޫ އަށް މި އަހަރު ލިބޭނެ ކަމަށް އޭނާގެ ފޭނުން ވަރަށް ބޮޑަށް އުންމީދުކުރި އެވެ. އެކަމަކު މިދިޔަ ހަގުތާގައި އެވޯޑް ހަފުލާ ނިންމާލީ ސޯނޫ އަށް އެވޯޑް ނުލިބި އެވެ. މިއާ އެކު އޭނާގެ ފޭނުން ސޯޝަލް މީޑިއާގައި އެކަމުގެ މާޔޫސްކަމުގެ ޝުއޫރުތައް ބަންޑުންކުރި އެވެ.

މުނިފޫހި ދާއިރާގެ ފަންނާނުންގެ ތެރެއިން މި އަހަރު ޕަދުމާ ޝްރީ އެވޯޑް ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ ބަތަލާ ކަންގަނާ ރަނާވަތާއި ޑައިރެކްޓަރު ކަރަން ޖޯހަރާއި ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ އިތުރުން ކޮވިޑްގައި މަރުވި ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުބްރަމާނިއަމް އެވެ.

ޕަދުމާ ޝްރީ އެވޯޑް ނުލިބުމާ ބެހޭ ގޮތުން ސޯނޫ ބުނީ، ވަކި އެވޯޑަށް ލިބުމަށް ވުރެ ރައްޔިތުންގެ ފަރާތުން އޭނާ އަށް ލިބޭ ލޯތްބާއި އިހުތިރާމުގެ އަގު މާ ބޮޑު ކަމަށެވެ.

"އެވަރު އަހަންނަށް ފުދޭ. އެހެން ނޫނަސް އަހަރެން ޕަދުމާ ޝްރީއަކަށް އުންމީދެއް ވެސް ނުކުރަން. އަހަރެންގެ ނަޒަރުގައި އަހަންނަށް ލިބިފައިވާ އެންމެ ބޮޑު އެވޯޑަކީ ރައްޔިތުންގެ ލޯބި." ސޯނޫ ބުންޏެވެ.

ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ ސޯނޫ މިދިޔަ އަހަރުން ފެށިގެން ފާހަގަކުރެވިފައި ވަނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ނަމޫނާއެއްގެ ގޮތުގަ އެވެ. އެގޮތުން ކޮވިޑާ ދިމާކޮށް، އެކި ގޮތްގޮތުން އޭނާ އަންނަނީ ހުއްޓުމެއް ނެތި އާންމު ރައްޔިތުންނަށް އެހީވުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ ސަރުކާރުން ދޭ އެންމެ މަތީ އެވޯޑް ބާރަތު ރަތުނާ ސޯނޫ އަށް ހައްގުވާ ކަމަށް ބުނެ އޭނާ އަށް އެވޯޑް ދޭން ވެސް މިދިޔަ އަހަރު ވެސް އެތައް ބަޔަކު ގޮވި އެވެ.

ސޯނޫ، 48، ބުނީ ސަރުކާރުގެ އެވޯޑެއް ނުލިބުމަކުން އޭނާ އިންސާނިއްޔަތަށް ވަމުން އަންނަ އެހީ އަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ ކަމަށާއި އެ މަސައްކަތުގައި އަަބަދު ވެސް ދެމިހުންނާނެ ކަމަށެވެ.

"މިކަމުން ލިބޭ ހިތްހަމަޖެހުން ބުނެދޭކަށް ވެސް ނޭނގޭ." އޭނާ ބުންޏެވެ.

އާންމުންނަށް އެހީވެގެން ސޯނޫ އަށް ލިބުނު ލޯތްބާއި މަގުބޫލުކަމާ ހެދި ވެރިކަން ކުރާ ޕާޓީ، ބީޖީޕޭ އަށް ވަންނަން އެ ޕާޓީން އޭނާ ގިނަ ހުށަހެޅުންތަކެއް ވެސް ލިބުނެވެ. އެކަމަކު ސޯނޫ ބުނެފައި ވަނީ ސިޔާސީ ދާއިރާ އަށް ވަނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.