07 ޖޫން 2022
އިންޑިއާގައި ހިންދޫ ފިޔަވައި އެހެން ދީންތައް އަދި ހާއްސަކޮށް އިސްލާމް ދީނާ ދެކޮޅަށް އުފެދެމުން އަންނަ ދެކޮޅުވެރިކަން އެއީ ނެތް އެއްޗަކަށް ހަދަން އެ ގައުމުގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މި ފަހަރު ބޭޒާރުވީ ފާޅުގައި މުޅި ދުނިޔެއަށެވެ. ލައިވްކޮށް ދެއްކި ޓީވީ ބަހުސެއްގައި ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕޫރް ޝަރުމާ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުން ދެން އިތުރަށް ފޮރުވޭނެ ކަމެއް ނެތެވެ.
އިންޑިއާގައި ހިންދޫ ފިޔަވައި އެހެން ދީންތައް އަދި ހާއްސަކޮށް އިސްލާމް ދީނާ ދެކޮޅަށް އުފެދެމުން އަންނަ ދެކޮޅުވެރިކަން އެއީ ނެތް އެއްޗަކަށް ހަދަން އެ ގައުމުގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މި ފަހަރު ބޭޒާރުވީ ފާޅުގައި މުޅި ދުނިޔެއަށެވެ. ލައިވްކޮށް ދެއްކި ޓީވީ ބަހުސެއްގައި ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕޫރް ޝަރުމާ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުން ދެން އިތުރަށް ފޮރުވޭނެ ކަމެއް ނެތެވެ.
މާފަށް އެދި އެއްޗެއް ބުންޏަސް އިންޑިއާގައި ޖުމުލަކޮށް މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުން ފެންނަނީ އެހެން މަންޒަރެކެވެ.
ބިލިއަނަކަށް ވުރެ ބޮޑު އާބާދީގައި ހުރިހާ ދީންތަކަށް އިހުތިރާމްކުރާ ކަމަކަށް މިހާރު ނުބުނެވޭނެ އެވެ. ހިންދުތުވާ އިން ގަބޫލުކުރަނީ އިންޑިއާ އަކީ ހަމަ އެކަނި އެ މީހުންގެ ތަނެއް ކަމަށެވެ. އެ ފިކުރުގައި އިންޑިއާ ނުބައި ފައްތަރަކަށް ދިޔައީ ބީޖޭޕީ ވެރިކަމަށް އައުމަށް ދެއްކި ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ގަބޫލުކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ އިންޑިއާގެ އާބާދީގެ 80 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާކުރާ ހިންދޫން ނުރައްކަލުގައިވާ ކަމަށް ބުނުމެވެ. ބީޖޭޕީން ވިސްނައި ދެނީ އެ މީހުންގެ ދީން ހިމާޔަތްކުރެވެން އޮތީ ހިންދުތުވާ ނުވަތަ ހިންދޫ ވަތަނީ ފިކުރަށް ތާއީދުކޮށްގެން ކަމަށެވެ.
އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތަކާއި ވަކިވެގަތުމުގެ ހަރަކާތްތަކާއި ނަސްލީ ބައިބައިވުމާއި ދެކޮޅުވެރިކަމަކީ އިންޑިއާގެ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދި ފިތުނަ އުފެދުމުގެ ސަބަބުތަކުގެ ގޮތުގައި އިންޑިއާ އިން ދެކެ އެވެ. އެކަމަކު ހިންދޫންގެ ވަތަނީ ހަރަކާތް ހިންދުތުވާ އަކީ މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް އިންޑިއާ ނުރައްކަލުގެ ތެރެއަށް ވައްޓާލާ ކަމެއްކަން މިހާރު ދަނީ ފެންނަމުންނެވެ. އެ ކަމާ ގުޅިގެން އަންނަ ފާޑުކިޔުމަށް ބީޖޭޕީން ބުނަނީ ހިންދުތުވާގެ އަސްލު ނިޔަތަކީ ހަމަނުޖެހުން އުފެއްދުން ނޫން ކަމަށެވެ.
ކަމުގެ ނުރައްކާ އޮތް ވަރަކީ ކޮވިޑް-19 ގެ ހާލަތު އިންޑިއާގައި އެންމެ ގޯސްވެގެން ދިޔައިރު، ކޮވިޑް ޖައްސާ ކޮރޯނާވައިރަހަކީ ވެސް މުސްލިމުންގެ އުފެއްދުމެއް ކަމަށް ބުނެ ދެއްކި ވާހަކަ އެވެ. އެއީ "ކޮރޯނާ ޖިހާދު" ކަމަށް ބުނަމުން ދިޔަ އެވެ. ބުނަން އުޅެނީ ހިންދޫން ނައްތާލަން މުސްލިމުން ވައިރަހެއް އުފެއްދުމެވެ.
ނަތީޖާއަކަށްވީ އިންޑިއާގެ ބައެއް ހިސާބުތަކުގައި އެ ދުވަސްވަރު ހޮސްޕިޓަލްތަކުން މުސްލިމުންނަށް ހިދުމަތް ދޭން ދެކޮޅު ހަދައި މުސްލިމް ސިއްހީ އެހީތެރިންނަށް ފުރައްސާރަކޮށް އަދި އަނިޔާކުރާ ހިސާބަށް ވެސް ކަންތައް ދިއުމެވެ. ބީޖޭޕީ ސަރުކާރުގެ ފަރާތުން ވެސް އެ ފަދަ ތަފާތުކުރުން ބަލިމަޑުކަމުގެ ވަގުތުގައި ވެސް ފެނުނެވެ. މުސްލިމުންގެ އެއްވުންތައް ހުއްޓުވި ނަމަވެސް ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ޖަމާވާ ހިންދޫ ފައްޅިތައް ދޫކޮށްލައިގެން އެތައް ދުވަހެއް ވަންދެން ތިއްބެވެ.
އިންޑިއާގެ ބީޖޭޕީގެ އެއްވުމެއްގައި އެ ޕާޓީގެ ދިދަ އުފުލަނީ. -- ފޮޓޯ: އޭއެފްޕީ
ބީޖޭޕީން ހިންދޫންގެ މަސްލަހަތަށް އިސްކަންދޭކަން އަންގައިދޭން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެތައް މިލިއަން ބަޔަކު ޖަމާކޮށް، ހިންދޫންގެ ދީނީ އެއްވުންތަކަށް ވެސް ޖާގަ ދިނެވެ. އެއީ ހިންދުތުވާގެ ފިކުރުގައި ހަމަބުއްދި ވެސް އެއްފަރާތްކޮށްގެން އުޅޭކަން ހާމަވި ބައެއް ކަންކަމެވެ. ހިންދޫންނަށްޓަކައި ކަމަށް ބުނެ ބީޖޭޕީން ކުރާ އެތައް ކަމަކުން ހަގީގަތުގައި ހިންދޫންނަށް އަދި ޖުމުލަކޮށް މުޅި ގައުމަށް ވެސް ވަނީ ގެއްލުމެވެ. ކުރިމަތިވަނީ ނުރައްކަލެވެ.
އެންމެ ބޮޑު ޑިމޮކްރަސީގެ ލަގަބާ އެކު އިންޑިއާ އޮތަސް ހިންދުތުވާ އަކީ ޑިމޮކްރަސީއާ ކަނޑައެޅިގެން ދެކޮޅު ހަރަކާތެކެވެ.
އެހެން ގައުމުތަކުން އައިސް އިންޑިއާގައި ވަޒަންވެރިވެފައިވާ މީހުންނާ ދެކޮޅަށް ވެސް ގައުމީ ކެމްޕޭނެއް ހިނގަ އެވެ. އިންޑިއާގައި އޮތީ ބަންގްލާދޭޝް ދަރިކޮޅަށް އޮތް ނުރައްކަލެވެ. ސަރުކާރުން ނެޝަނަލް ރެޖިސްޓަ އޮފް ސިޓިޒެންސް (އެންއާރްސީ) ގެ ނަމުގައި މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތް އިރުއުތުރު އާސާމްގައި ފެށި އެވެ. ކޮންމެ ނަމެއްގައި ފެށިގެން އެ ކަން ވެސް ވީ އެ ސަރަހައްދުގައި އުޅޭ ބަންގްލަދޭޝް ދަރިކޮޅުގެ މީހުންނާ ދެކޮޅު ކެމްޕޭނަކަށެވެ. ހިންދޫންގެ ވޯޓު ހޯދުމުގެ ހަރަކާތަކަށެވެ.
ބީޖޭޕީގެ އޭރުގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އަމިތު ޝާހް ވަނީ ބަންގްލާދޭޝް މީހުންނަކީ "ކަތުރުފަނި" ކަމަށް ސިފަކޮށް ކޮންމެ އެއްޗެއް ވަކިން ގެންގޮސް ބޭ އޮފް ބެންގަލް އަށް އަޅާލާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ރަޖިސްޓްރީ ހަދައި ނިމުނު އިރު އެނގުނީ އާސާމްގެ ގިނަ މީހުންނަކީ ރަށްވެހިކަން ކަށަވަރުނުވާ ހިންދޫން އަދި މުސްލިމު ނޫން އެހެން ދީންތަކުގެ މީހުންކަމެވެ. ލިސްޓުގައި އޮތް ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ ތެރެއިން 1.2 މިލިއަން މީހުންނަކީ ހިންދޫން އަދި މުސްލިމުން ނޫން މީހުންނެވެ.
ހަމަ މި ވިސްނުމުގައި ބީޖޭޕީގެ ސަރުކާރުން ވަނީ ރަށްވެހިކަން ދިނުމުގެ ގާނޫނު އިސްލާހުކުރުމުގެ ނަމުގައި، އިންޑިއާގައި އުޅޭ އެހެން ގައުމުތަކުން ހިޖުރަކޮށްގެން އުޅޭ މީހުންގެ ތެރެއިން މުސްލިމުން ނޫން އެންމެންނަށް އިންޑިއާގެ ރަށްވެހިކަން ދޭން ވެސް ހުށަހަޅައިފަ އެވެ.
އިންޑިއާގެ ގައުމީ ދިދަތަކެއް ހިފައިގެން މީހަކު ހިނގާފައި ދަނީ. ބީޖޭޕީން ވިސްނައިދެނީ ހިންދޫ ވަތަނީ ފިކުރުން ނޫނީ ގައުމު ސަލާމަތް ނުވާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ކަޝްމީރުގައި ވެސް ހައްގުތައް ހިފަހައްޓައި ސިޔާސީ ބޭފުޅުން ޖަލަށް ލައި އަނިޔާވެރި އަމަލުތައް ހިންގުން ދިފާއުކޮށް ބީޖޭޕީގެ ސަރުކާރުން ދައްކާ ވާހަކައިން ފެންނަނީ ހިންދުތުވާގެ ފިކުރެވެ. އެކަމަކު ބުނަނީ އެ ހުރިހާ ކަމަކީ ވެސް ކަޝްމީރަކީ އިންޑިއާގެ ބައެއްގެ ގޮތުގައި، އެއް ހަމަޔަކުން ބޭއްވުމަށް ކުރާ މަސައްކަތް ކަމަށެވެ. އަނެއްކޮޅުން، ބީޖޭޕީގެ ސިޔާސަތުން ކަޝްމީރުގެ ހިންދޫންނަކަށް ވެސް ލިބުނު އެއްވެސް ފައިދާއެއް ނެތެވެ. ކަޝްމީރަށް ދީފައި އޮތް އޮޓޮނޮމީ ނުވަތަ އަމިއްލަ ވެރިކަމުގެ ބާރުތައް ބޮޑުވަޒިރު ނަރެންދުރަ މޯދީގެ ސަރުކާރުން އުވާލައި ކަޝްމީރާއި އިންޑިއާގެ "ގުޅުން ބޮޑުކުރަން" އުޅެނީ ކަމަށް ބުންޏަސް އެކަމެއް ނުވެ އެވެ.
ހިންދުތުވާ އަކީ އިންޑިއާއިން ދަމަހައްޓަން މަސައްކަތްކުރަމުން އައި، ހުރިހާ ދީންތަކަށް އިހްތިރާމްކުރާ އެންމެންގެ ބައިވެރިވުން އޮންނަ ގައުމެއްގެ ސިފަ އެއްކޮށް ނައްތާލާ ހަރަކާތެކެވެ. ސަބަބަކަށް ވަނީ ހިންދުތުވާ އަކީ މުސްލިމުންނާއި ނަސާރާއިންނާއި ސެކިއުލާއިންގެ ސަބަބުން ވަކިވަކި ހިންދޫންނަށް ނުރައްކާ އޮތް ކަމަށް ގަބޫލުކޮށް އަމިއްލަ ދިފާއުގައި ކަމަށް ބުނެ އަނިޔާވެރިކަން އިސްކުރުން ހުއްދަކުރާ އިންސާފެއް ނެތް ހަރަކާތަކަށް ވާތީ އެވެ. މި ފިކުރުން އިންޑިއާގެ އަޣުލަބިއްޔަތު ނެތް ދީންތަކުގެ އެންމެން ބާކީވެ ނުރައްކަލަށް ހުށަހެޅިއްޖެ އެވެ. ޑިމޮމްރަސީއެއްގެ އެންމެ އަސާސީ ސިފަ ގެއްލެނީ އެވެ.
ހިންދުތުވާއާ، ބީޖޭޕީއާ ގުޅުމެއް ނެތް ކަމަށް ދައްކަން އެ ޕާޓީން އަބަދުވެސް ވާހަކަ ދައްކަ އެވެ. އެކަމަކު ހިންދުތުވާ ހިންގަން ނުކުމެ އުޅޭ ހިންދޫ ވަތަނީ ގްރޫޕްތަކުގެ ތެރެއިން ބަޖްރާންގް ދަލްގެ އާއި ރަޝްތުރިޔާ ސްވަޔަމްސެވަކް ސަންގް (އާރްއެސްއެސް) އާއި ވިޝްވާ ހިންދޫ ޕަރިޝާދާ ބީޖޭޕީއާ ފިކުރާއި ސިޔާސަތުގެ ގޮތުން ގުޅިފައި އޮންނަކަމީ ސިއްރެއް ނޫނެވެ. އެހެންވެ ބީޖޭޕީން ހިންދޫ ހަރުކަށި މި ފިކުރާ އެއްކިބާވާން ދައްކާ ވާހަކައެއް ނުވިކެ އެވެ. މި ގްރޫޕްތަކަކީ އިންޑިއާގެ ގުޖަރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގުމުގައި ވެސް އިސްކޮށް އުޅުނު މީހުންނެވެ. އަދި 2008 ވަނަ އަހަރު އޮރިއްސާގައި ނަސާރާއިންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކުގައި ވެސް ހިމެނެނީ މި މީހުންނެވެ.
ހިންދުތުވާ އިން ބުނާ ގޮތުގައި އެ މީހުން ވާހަކަ ދައްކަނީ އިންޑިއާގެ އަޣުލަބިއްޔަތު އޮތް ހިންދޫންގެ ހައްގުގަ އެވެ. އިންޑިއާގައި އެކި އާއިލާތަކާއި ދަރިކޮޅުތަކުގެ މީހުންގެ މެދުގައި އޮންނަ ތަފާތުކުރުމާއި ބާކީކުރުމުގެ ފިކުރާއި ވާހަކަ ދައްކާ ބަހުރުވައިގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކަށް ކުރާ ތަފާތާއި ސިޔާސީ ފިކުރުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތައް ނައްތާލަން މަސައްކަތްކުރުމަކީ ހިންދުތުވާ އިން ގަބޫލުކުރާ ގޮތުގައި ފޮރުވިފައިވާ އެޖެންޑާއެއްގެ ދަށުން ހިންދޫންނާ ދެކޮޅަށް ހިންގާ ކަންކަމެވެ.
އިންޑިއާގެ އެތައް ބަޔަކު ހިންދުތުވާއާ ދެކޮޅަށް މިހާރު ވާހަކަ ދައްކަނީ މި ފިކުރުގެ ސަބަބުން އިންޑިއާ ހަލާކުވާތީ އެވެ. ކޮންމެ ތަނެއްގައި، ކޮންމެ ކަމެއްގައި ހިންދުތުވާ އިސްކޮށް، ހިންދޫންނަށް ހައްގުތައް އިސްވާނެ ކަމަށް ދެކޭތީ ކޮންމެ ކަމަކުން އުފެދެނީ ހަމަނުޖެހުމާއި ނަފްރަތެވެ.
އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުމަށް މޯދީ އެދިވަޑައިގެންފި
މޯދީ ކޯލިޝަން ކެބިނެޓް އިއުލާނުކުރައްވައިފި
މޯދީ މުސްލިމުންނަށް ފުރައްސާރަކުރާ މައްސަލަ ހުށަހަޅައިފި
އިދިކޮޅުން އާންމުންގެ މުދާ މުސްލިމުންނަށް ބަހާނެ: މޯދީ
މޯދީ މަގާމުން ދުރުކުރަން "އިންޑިއާ" އިއްތިހާދު
ސަރުކާރުގެ އެވޯޑެއް ނުލިބުނަސް ދެރައެއް ނުވޭ: ސޯނޫ
ކަންގަނާ އަނެއްކާ ވެސް ބަޔަކު ލޭ ކައްކުވާލައިފި
ވެސްޓް ބެންގާލްގެ އިންތިހާބީ ހަމަނުޖެހުމުގައި 17 މަރު
"ޗައިނާ ސިފަވާތީ" ޑްރެގަން ފުރުޓްގެ ނަން ބަދަލުކޮށްފި
އިންޑިއާގެ ފިލްމީ މަސައްކަތްތަކަށް މާލީ އެހީ ދެނީ