Roadha Mihaaru
މޯދީ މަގާމުން ދުރުކުރަން "އިންޑިއާ" އިއްތިހާދު

މޯދީ މަގާމުން ދުރުކުރަން "އިންޑިއާ" އިއްތިހާދު ތެދުވެއްޖެ

30 ޖުލައި 2023

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ނަރެންދުރަ މޯދީ، ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކުރުމަށް، އެ ގައުމުގެ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އިދިކޮޅު ބޮޑު އިއްތިހާދެއް އެކުލަވާލައި މަސައްކަތް ފަށައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ނަރެންދުރަ މޯދީ، ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކުރުމަށް، އެ ގައުމުގެ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އިދިކޮޅު ބޮޑު އިއްތިހާދެއް އެކުލަވާލައި މަސައްކަތް ފަށައިފި އެވެ.

މިދިޔަ ހަފުތާގައި އެކުލަވައިލި މި އިއްތިހާދުން މަސައްކަތް ކުރާނީ، އަންނަ އަހަރު އެ ގައުމުގައި އޮންނަ އާންމު އިންތިޚާބުގައި، ބީޖޭޕީ އަށް، ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނަ ނުދިނުމަށެވެ. މޯޑީގެ ސަރުކާރާ އިދިކޮޅު ސިޔާސީ 26 ޕާޓީ ގުޅިގެން އެކުލަވައިލި މި އިއްތިހާދަށް ދީފައިވާ ނަމަކީ، އިންޑިއަން ނޭޝަނަލް ޑިވެލޮޕްމަންޓް އިންކްލޫސިވް އެލަޔަންސް އެވެ.

މިދިޔަ ހަފުތާގައި ބެންގަލޫރުގައި ބޭއްވި، ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި އެކުލަވައިލި މި އިއްތިހާދުގެ ނަމުގެ ކޮންމެ ލަފުޒެއްގެ ފެށޭ އަކުރު ހިމަނައިގެން އުފެދޭ ކުރު ނަމަކީ އިނގިރޭސި ބަހުން ލިޔެފައި އޮންނަ "އިންޑިއާ" އެވެ.

އާންމު އިންތިޚާބަށް އަހަރެއްހާ ދުވަސް އޮއްވައި އުފެއްދި "އިންޑިއާ" އިން މަސައްކަތް ކުރާނީ، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް، މިހާރުގެ އިދިކޮޅު ޕާޓީތަކުގެ ތާއީދު އިތުރު ކުރުމަށެވެ. ޚާއްސަ ގޮތެއްގައި ބީޖޭޕީގެ ތާއީދު ބޮޑު ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަރުގަދަ ކެމްޕޭނެއް ހިންގުމަށް ވަނީ ނިންމައިފަ އެވެ.

މިހާރު މަގާމުގައި ހުންނެވި ބޮޑުވަޒީރު މޯޑީއަކީ، 1966 ން 1977 އަށް އަދި 1980 ން 1984 އަށް އެ ގައުމުގައި ވެރިކަން ކުރެއްވި ނުފޫޒު ގަދަ ބޮޑުވަޒީރު އިންދިރާ ގާނދީ އަށް ފަހު، އިންޑިއާގައި ވެރިކަން ކުރައްވާ އެންމެ ނުފޫޒު ގަދަ ބޮޑުވަޒީރެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މެއި 2014 ން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާ މޯދީ ދަމަހައްޓަމުން އަންނަ، ހަމައެކަނި ހިންދީންނަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ސަބަބުން، އިންޑިއާގެ ޒަމާންވީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ދަނީ ވީރާނާވަމުންނެވެ. މުސްލިމުންނާއި ބައި މަދު އެހެން ދީންތަކާއި ނަސްލުތަކުގެ މީހުންނާ ދެކޮޅަށް، ބީޖޭޕީން ގެންގުޅޭ އަނިޔާވެރި އަދި ހަރުކަށި ސިޔާސަތުގެ ސަބަބުން، މޯޑީގެ މަގުބޫލުކަން ހިންދީން ފިޔަވައި އެހެން މީހުންގެ މެދުގައި މިހާރު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދާ ބެހޭ ގޮތުން އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސް ޕާޓީގެ ލީޑާރު ރާހުލް ގާނދީ ވިދާޅުވީ 2024 ވަނަ އަހަރު އޮންނަ އާންމު އިންތިޚާބަކީ ނަރެންދުރަ މޯޑީ އާއި "އިންޑިއާ"އާ ދެމެދު ކުރެވޭނެ ހަނގުރާމައެއް ކަމަށެވެ.

ވެރިކަން ކުރާ ބީޖޭޕީގެ ނުފޫޒާއި ބާރު މިހާރު އޮތް މިންވަރަށް ބަލާއިރު، އަންނަ އަހަރުގެ އިންތިޚާބުގައި އެ ޕާޓީ ބަލިކުރުމަކީ، އިދިކޮޅު އިއްތިހާދަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބީޖޭޕީގެ ބާރު ގަދަވެ މޯދީގެ ވެރިކަން ދެމެހެއްޓުމުގެ މައިގަނޑު ސަބަބަކަށްވީ، އިދިކޮޅު ޕާޓީތަކުގެ އެތެރޭގެ ހަމަނުޖެހުންތައް އިތުރުވުމެވެ.

މޯދީގެ ވެރިކަން ނިމުމަކަށް ގެނައުމަށް އުފެއްދި އިއްތިހާދާ ބެހޭ ގޮތުން އޭނާ ވިދާޅުވީ "އިންޑިއާ"އަކީ އެންމެ ވަރުގަދަ ކޮރަޕްޝަންގެ އިއްތިހާދެއް ކަމަށެވެ. އަދި އެ ބައިގަނޑާ ވާދަކޮށް 2024ގެ އާންމު އިންތިޚާބު ކާމިޔާބުކުރާނީ ބީޖޭޕީ ކަމަށް ވެސް މޯޑީ ވިދާޅުވި އެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބީޖޭޕީގެ ބާރު ގަދަ ނަމަވެސް، ކުރިއަށް އޮތް އިންތިޚާބުގައި އެޕާޓީގެ ވެރިކަން ދެމެހެއްޓުމަކީ ވެސް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަން، މިއަހަރުގެ ކުރީކޮޅު ކަރްނާޓަކާގައި އޮތް ސަރަހައްދީ އިންތިޚާބުން ސާބިތުވި އެވެ. އިދިކޮޅު ކޮންގްރެސް ޕާޓީން އެ ސަރަހައްދުގެ ގާނޫނު ހަދާ މަޖިލިސް ކާމިޔާބުކުރުމުން ދޭހަވަނީ، ބީޖޭޕީން ގެންގުޅޭ، ހިންދީންނަށް އިސްކަން ދިނުމުގެ ސިޔާސަތު ތާއަބަދަށް އާންމު ރައްޔިތުންނަށް ނުވިއްކޭނެ ކަމެވެ.