Roadha Mihaaru

އިންޑިއާގެ ބޮޑުވަޒީރު މޯދީ އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މޯދީ އެމްޑީޕީގެ ވެރިންނާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި މޯދީއާ އެކު އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި އެ ވަފުދުގައި ހިމެނޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީން ބުނީ، އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް 60 އަހަރުވި އިރު އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ގުޅުން އެގޮތުގައި އޮންނާނެ ކަމުގެ އުންމީދުކުރާ ކަމަށް އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން މޯދީ ވިދާޅުވީ، މިއަދު ބޭއްވި ބައްދަލުވުންތަކުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ ބައްދަލުކޮށް، ސިޔާސީ މަސްރަހުގެ ކަންކަން ކައިރިން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދު ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރައްވާފަ އެވެ.