24 މެއި 2019
ބީޖޭޕީން 300 ގޮނޑި ކާމިޔާބުކުރި އިރު ކޮންގްރެސް ޕާޓީއަށް އެންމެ 50 ގޮނޑި ލިބުމަކީ، ރާހުލް ގާންދީގެ ސިޔާސީ ހަޔާތް ނިމުންތޯ އެތައް ބަޔަކު މިހާރު ގެންދަނީ ސުވާލުކުރަމުންނެވެ.
ބީޖޭޕީން 300 ގޮނޑި ކާމިޔާބުކުރި އިރު ކޮންގްރެސް ޕާޓީއަށް އެންމެ 50 ގޮނޑި ލިބުމަކީ، ރާހުލް ގާންދީގެ ސިޔާސީ ހަޔާތް ނިމުންތޯ އެތައް ބަޔަކު މިހާރު ގެންދަނީ ސުވާލުކުރަމުންނެވެ.
ހަމައެކަނި ޕާޓީއަށް ލިބުނު ނާކާމިޔާބީއެއް ނޫނެވެ. ރާހުލް އާއި އޭނާގެ ބައްޕަ އާއި މަންމަ ވެސް ކާމިޔާބުކުރެއްވި އަމެތީ ދާއިރާއަށް ވާދަކުރައްވާ ރާހުލް މިފަހަރު ވަނީ ފިލްމީ ބަތަލާ ސިމްރިތީ އިރާނީ އަތުން ބަލިވެވަޑައިގެންފަ އެވެ. އެކަމަކު ކެރެލާގެ ވަޔަނާދާ ދާއިރާ އަށް ވެސް ވާދަކުރެއްވުމުން، އެ ގޮނޑި ލިބިވަޑައިގަތުމާ އެކު ރާހުލް އަށް މަޖިލިހުން ފުރުސަތު ލިބިވަޑައިގަތެވެ.
އަމެތީގައި ރާހުލް ބަލިވުމަކީ ވަރަށް ބޮޑު ވެއްޓުމެކެވެ. މިދިއަ 15 އަހަރު ދުވަހު އޭނާ ލޮކް ސަބާގައި ތަމްސީލްކުރެއްވީ އެ ދާއިރާ އެވެ. އޭނާގެ ކުރިން ބައްޕަ ރަޖީވް ގާންދީ އާއި މަންމަ ސޯނިޔާ ގާންދީ ވެސް އެ ދާއިރާގައި ބަލިވެފައެއް ނުވެ އެވެ.
އަމެތީ އޮންނަނީ އިންޑިއާގެ ސިޔާސީ ދާއިރާގެ "ގްރައުންޑް ޒީރޯ" ކަމަށް ބެލެވޭ އުއްތަރަ ޕްރެދޭޝްގެ މެދުގަ އެވެ. އުއްތަރަ ޕްރެދޭޝް ކާމިޔާބުކުރައްވާ ސިޔާސީ ބޭފުޅެއް ވިއްޔާ އާންމުކޮށް އިންޑިއާގެ ވެރިކަން ކުރައްވަ އެވެ.
އިންޑިއާގެ ލޮކް ސަބާގެ 545 ގޮނޑީގެ ތެރެއިން 80 ގޮނޑި ނިސްބަތްވަނީ އެންމެ އާބާދީ ބޮޑު ސްޓޭޓް، އުއްތަރަ ޕްރަދޭޝް އަށެވެ. މިހާތަނަށް 14 ބޮޑުވަޒީރަކު ނިސްބަތް ވަނީ އެ ސްޓޭޓަށެވެ. އޭގެ ތެރޭގައި ރާހުލްގެ މުނިކާފަ އާއި މާމަ އާއި ބައްޕަ ވެސް ހިމެނެ އެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ މަގާމަށް 2014 ގައި ވަޑައިގަތީ އެ ސްޓޭޓްގެ ވަރަނާސީ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިގެންނެވެ. އެކަމަކު އޭނާއަކީ އަސްލު ގުޖުރާތުގެ ބޭފުޅެކެވެ.
އިންތިހާބު ނާކާމިޔާބުވުމަށް ފަހު ނިއު ދިއްލީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާހުލް ވިދާޅުވީ ރައްޔިތުން ބޭނުންވީ ބީޖޭޕީކަން އިންތިހާބުން ދައްކައިދީފައިވާ ކަމަށެވެ. އަދި ކޮންގްރެސްގެ ނާކާމިޔާބީގެ ޒިންމާ ނަންގަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަމެތީގެ ގާތްގަނޑަކަށް 300،000 ވޯޓު ނުގުނާ އޮއްވާ ވެސް ރާހުލް ވަނީ ސިމްރިތީ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
"އަޅުގަނޑު އޭނާއަށް މަރުހަބާ ދަންނަވަން ބޭނުން. އޭނާ ކާމިޔާބުކުރައްވައިފި. މިއީ ޑިމޮކްރަސީއަކީ، އެހެންކަމުން ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން،" ރާހުލް ވިދާޅުވި އެވެ.
އެކަމަކު ކޮންގްރެސްގެ ބައްޔަކީ ޕާޓީގެ ތެދުވެރި މެމްބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެކެވެ.
"އަހަރެމެންގެ އަގު ވަރަށް ދަށް. އަހަރެމެން ކުރާ ވައުދުތަކަށް އާންމުންގެ ޔަގީންކަމެއް ނެތް. އަހަރެން ބުނާ އެއްޗަކަށް އެ މީހުން އިތުބާރެއް ނުކުރޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ކޮންގްރެސްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
"މޯދީ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ވެސް އޭނާ ނާކާމިޔާބު، އެކަމަކު އާންމުން އޭނާއަށް އިތުބާރުކުރޭ."
ޕާޓީގެ އެންމެ އިސް މަގާމުން ރާހުލް ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. އެކަމަކު އެ ވިސްނުމެއް ޕާޓީގެ ތެރެއަކު ނެތެވެ.
ކޮންގްރެސް ޕާޓީގެ ލަކަނޫގައި ހުންނަވާ ތަރުޖަމާން ބިޖެންދުރަ ކުމާރު ސިންގް ވިދާޅުވި ގޮތުގައި މައްސަލައަކީ ރާހުލްއެއް ނޫނެވެ. މައްސަލައަކީ ޕާޓީ ތެރޭގައި އޮތް ހަމަނުޖެހުމާއި ފެންވަރު ދަށް ކެމްޕޭނެވެ.
ސިޔާސީ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާހުލްގެ ކިބާގައި ވެރިކަމަށް ވަޑައިގަތުމުގެ ޝަހުސިއްޔަތެއް އަދި ނެތެވެ. ސޯޝަލް މީޑިއާގައި ރާހުލްއަށް މަލާމަތްކުރުމާއި ޖޯކް ޖެހުން އެހާމެ ބޮޑެވެ.
އެކަމަކު ރާހުލްގެ ކައިރި މީހުން ބުނާ ގޮތުގައި އެއީ ވަރަށް އާދައިގެ ބޭފުޅެކެވެ. ނަމަވެސް ވާދަވެރިންގެ ހުންނަ ޖޯޝާއި ފޯރި ނެތް ކަމަށް، ސިފަކުރެ އެވެ.
ކުރިއަށް ވުރެ ބޮޑަށް ސިޔާސީ ކަންކަމުގައި އުޅުއްވަން ރާހުލް ފެއްޓެވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ އެއްބަޔަކު ދެކޭ ގޮތުގައި، ހިޔަނިން ނުކުމެވަޑައިގަތުމެވެ. ސޯޝަލް މީޑިއާ ރަނގަޅުކުރެއްވި އެވެ. އަދި މޯދީ ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށް ކުރިމަތިވި އުނދަގޫތަކާ ބެހޭ ގޮތުން ކެރިގެން ބަހުސްކުރެއްވި އެވެ.
ޑިސެމްބަރު މަހު ތިން ސްޓޭޓެއްގައި އޮތް އިންތިހާބު ކާމިޔާބުވީ ރާހުލްގެ ސީދާ ރޯލެއް އޮވެގެން ކަމަށް ވާތީ، އަލުން ކޮންގްރެސް ހިންދެމިލަނީ ކަމަށް، ބައެއް މީހުންނަށް ހީކުރެވުނެވެ. އަދި ފެބްރުއަރީ މަހު ޕްރިޔަންކާ ގާންދީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުން އިތުރު ހިތްވަރެއް ވެސް ލިބި، ގާންދީ ދަރިފަސްކޮޅު އަނެއްކާވެސް ކަމެއް ކުރަން އުޅެނީކަން ގިނަ މީހުންނަށް ލަފާކުރެވުނެވެ.
އެކަމަކު އިންތިހާބުގައި ކުރިމަތިވީ އަނެއްކާވެސް ބޮޑު ނާކާމިޔާބީއެކެވެ.
"ރަނގަޅަށް ބަލައިލީމާ އެނގޭނެ އަހަރެމެންގެ މެނިފެސްޓޯ ވަރުގަދަކަން. އަހަރެމެން ވީ ވައުދުތައް ވެސް ރަނގަޅު. އެކަމަކު ވޯޓު ލާ މީހުންގެ ފަރާތުން ލިބޭނެ ކަމަށް އުއްމީދު ކުރި ސަޕޯޓެއް ނުލިބުނު،" ޕާޓީގެ އިސް އޮފިޝަލެއް ކަމަށްވާ ވިރެންދުރަ މަދަން ވިދާޅުވި އެވެ.
އެކަމަކު އޭނާ ވެސް ވިދާޅުވީ ނާކާމިޔާބީގައި ރާހުލްއަށް ފޫޅުކެނޑެން ނެތް ކަމަށެވެ.
"އިންތިހާބަކީ މޮޅުވުމާއި ބަލިވުން. ހަނދާނުގައި ބަހައްޓަން ޖެހޭ 1984 ގައި ބީޖޭޕީއަށް ލިބުނީ އެންމެ ދެ ގޮނޑި. އެ މީހުން އެނބުރި ނާދޭތަ؟ އަހަރެމެން ވެސް އެނބުރި އަންނާނަން."
ރޭޕް މައުލޫއު، ސިޔާސީ ފަައިދާއެއްގެ ގޮތުގައި؟
މޯދީ އަށް ރާހުލް ދިން ހަގު: އެތައް ބަޔަކަށް ހައިރާންކަން
އިދިކޮޅު ލީޑަރު ރާހުލް ވިދާޅުވީ ދެން ނުހުއްޓުވޭނެޔޭ
މޯދީ މަގާމުން ދުރުކުރަން "އިންޑިއާ" އިއްތިހާދު
ލޯކް ސަބާ އަށް ރެކޯޑް އަދަދަކަށް އަންހެނުން
ލޮކް ސަބާގެ ރައީސް ހޮވަން 48 އަހަރުތެރޭ ވޯޓެއް
އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުމަށް މޯދީ އެދިވަޑައިގެންފި
މޯދީ ކޯލިޝަން ކެބިނެޓް އިއުލާނުކުރައްވައިފި
އިންޑިއާގައި 14 އަހަރަށް ފަހު އިދިކޮޅު ލީޑަރެއް
މޯދީ މުސްލިމުންނަށް ފުރައްސާރަކުރާ މައްސަލަ ހުށަހަޅައިފި