Roadha Mihaaru
ލޮކް ސަބާގެ ރައީސް ހޮވަން 48 އަހަރުތެރޭ ވޯޓެއް

ލޮކް ސަބާގެ ރައީސަކު ހޮވަން 48 އަހަރުތެރޭ ފުރަތަމަ ފަހަރަށް ވޯޓަކަށް

26 ޖޫން 2024

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާގެ ރައީސަކު ހޮވަން މިދިޔަ 48 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވޯޓަކަށްދާން ޖެހިއްޖެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާގެ ރައީސަކު ހޮވަން މިދިޔަ 48 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވޯޓަކަށްދާން ޖެހިއްޖެ އެވެ.

ލޮކް ސަބާގައި އަޣުލަބިއްޔަތު އޮންނަ ޕާޓީތަކުން އެކަނި ރައީސްކަމަށް ނަމެއް ހުށަހަޅައިގެން ރައީސަކު ކަނޑައަޅަމުން ދިޔަ ނަމަވެސް މިފަހަރު އިދިކޮޅު ޕާޓީތަކުން ވަނީ ވެރިންކުރާ އެންޑީއޭ ކޯލިޝަނުން ހުށަހެޅި މެންބަރު އޯމް ބިރްލާއާ ދެކޮޅަށް ނަމެއް ހުށަހަޅައިފަ އެވެ.

އިދިކޮޅު މައި ޕާޓީ ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ އިދިކޮޅު "އިންޑިއާ" ކޯލިޝަނުން ނަމެއް ހުށަހަޅަން ނިންމީ މަޖިލީހުގެ ނައިބު ރައީސްކަން އިދިކޮޅު ޕާޓީތަކަށް ދޫކޮށްލާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގަށް ނުދެއްވުމުން ކަމަށެވެ.

އިންޑިއާގެ މިނިވަންކަމުގެ ކުރިން މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުކުރުމަކީ އާންމު ކަމެއް ނަމަވެސް، މިނިވަންކަން ލިބުނު ފަހުން އިންޑިއާގައި މި ވާދަވެރިކަން ފެނިފައިވަނީ އެންމެ ތިން ފަހަރު އެވެ. އެއީ 1952، 1967 އަދި 1976 ވަނަ އަހަރު އެވެ.

އަންގާރަ ދުވަހު ކޮންގްރެސް އިން ލޮކް ސަބާގެ ރައީސްގެ މަގާމަށް ހުށަހަޅާފައި ވަނީ އަށް ވަނަ ދައުރަކަށް މެމްބަރު ކަމަށް އިންތިހާބުކޮށްފައިވާ ކޮޑިކުންނިލް ސުރޭޝް އެވެ. ޕާލަމެންޓްރީ އެފެއާޒް މިނިސްޓަރު ކިރެން ރިޖިޖޫ ވަނީ އިދިކޮޅުގެ އެ ނިންމުމާ މެދު އަލުން ވިސްނުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

މި މަހު ނިމުނު އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިތާ ޖަނަތާ ޕާޓީއަށް ވަނީ ދެ ދައުރަށް ފަހު ލޮކް ސަބާގެ ފުރިހަމަ އަޣުލަބިއްޔަތު ގެއްލިފަ އެވެ. މޯދީ އަށް ތިން ވަނަ ދައުރު ލިބިވަޑައިގަތީ ކޯލިޝަން ސަރުކާރެއް ހަދައިގެންނެވެ. އަނެއްކޮޅުން، ބަލިކަށިކޮށް ފެނުނު އިދިކޮޅު ކޮންގްރެސް އާއި މުޅި އިދިކޮޅު ކޯލިޝަނުން ވަނީ ލަފާކުރުންތަކާ މުޅިން ހިލާފަށް ވަރުގަދަވެފަ އެވެ.

އިދިކޮޅުގެ ކާމިޔާބީއާ އެކު މިދިޔަ 14 އަަހަރަށް ފަހު އިއްޔެ ވަނީ ރަސްމީކޮށް އިދިކޮޅު ލީޑަރު ވެސް ހޮވައިފަ އެވެ. އެއީ ކޮންގްރެސްގެ ލީޑަރު ރާހުލް އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އިދިކޮޅު ލީޑަރުކަމަށް ކަނޑައެޅޭނީ 543 މެންބަރުން ހިމެނޭ މަޖިލީހުގެ 10 ޕަސެންޓަށް ވުރެ މަތިން ހިއްސާވާ ޕާޓީއެއްގެ ބޭފުޅަކަށެވެ. މިދިޔަ 14 އަހަރު، އިދިކޮޅު ލީޑަރުގެ މަގާމު ހުސްކޮށް އޮތީ މީގެ ކުރިން އިންޑިއާގައި ވަރުގަދަކޮށް އޮތް ކޮންގްރެސް ޕާޓީއަށް މި ނިސްބަތަށް މިދިޔަ ދެ އިންތިހާބުގައި ވެސް ގޮނޑި ނުލިބުމުންނެވެ.

މިފަހަރު އާންމު އިންތިހާބުގައި 15 ޕާޓީ ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އާއި ބީޖޭޕީގެ ގޮނޑިތައް އެއްކޮށްލުމުން ޖުމްލަ ލިބެނީ ގާނޫނު ހަދާ މަޖިލީހުގެ 293 ގޮނޑި އެވެ.