Roadha Mihaaru
ހަރުކަށި ހިންދޫންނާ ގުޅުން އިންޑިއާގައި ހުއްދަކޮށްފި

ހައްދުފަހަނައެޅި ހިންދޫ ޖަމާއަތާ ގުޅުން އިންޑިއާގެ ސިވިލް ސާވަންޓުންނަށް ހުއްދަކޮށްފި

23 ޖުލައި 2024

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ދީނީ ފިކުރުގައި ނަމޫނާއަކަށް ބަލާ ހައްދުފަހަނައެޅި ހިންދޫ ޖަމާއަތް ކަމަށްވާ ރާޝްޓްރިޔާ ސްވަޔަންސެވަކް ސަންގް (އާރްއެސްއެސް) ގެ މެންބަރުންނަށްވުން އެ ގައުމުގެ ސިވިލް ސާވަންޓުންނަށް މަނާކޮށްފައި އޮންނަ އޮތުން ބައި ގަރުނަށް ފަހު އުވާލައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ދީނީ ފިކުރުގައި ނަމޫނާއަކަށް ބަލާ ހައްދުފަހަނައެޅި ހިންދޫ ޖަމާއަތް ކަމަށްވާ ރާޝްޓްރިޔާ ސްވަޔަންސެވަކް ސަންގް (އާރްއެސްއެސް) ގެ މެންބަރުންނަށްވުން އެ ގައުމުގެ ސިވިލް ސާވަންޓުންނަށް މަނާކޮށްފައި އޮންނަ އޮތުން ބައި ގަރުނަށް ފަހު އުވާލައިފި އެވެ.

ބޮޑުވަޒީރު މޯދީ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ބީޖޭޕީގެ އިސް އެތައް ބޭފުޅުންނަކީ ސިޔާސީ މައިދާނަށް ވަޑައިގަތުމުގެ ކުރިން އާރްއެސްއެސްގެ ފިކުރައް ތަބާވި ބޭފުޅުންނެވެ. ޕެރަމިލިޓަރީ ޑްރިލްތަކާއި އަޅުކަމުގެ ބޮޑެތި އެއްވުންތައް ވެސް ބާއްވާ އާރްއެސްއެސް އަކީ އިންޑިއާ އަކީ ހިންދޫންގެ ގައުމެއް ކަމަށް ކަނޑައަޅައި އެގޮތަށް އިއުލާނުކުރުމަށް ވަކާލާތުކުރާ ޖަމާއަތެކެވެ. އިންޑިއާ އަކީ ހިންދޫ ދައުލަތެއް ކަމަށްވާ ގާނޫނުއަސާސީގައި އޮންނާތީ ސެކިއުލާ ގައުމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް ބުނާ މި ޖަމާއަތަކީ އިންޑިއާގެ ދީނީ ހަމަނުޖެހުންތަކުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.

އެތައް މިލިއަން ބަޔަކު އުޅޭ މި ޖަމާއަތުގެ މެންބަރުންނަށް ވުމާއި އެ ޖަމާއަތުގެ ހަރަކާތްތަކުގައި ބައިވެރިވުން ސިވިލް ސާވަންޓުންނަށް 1966 ވަނަ އަހަރުން ފެށިގެން އޮންނަނީ މަނާކޮށްފަ އެވެ. އާރްއެސްއެސްގެ އިތުރުން ޖަމާއަތު އިސްލާމީ ގައި ވެސް ބައިވެރިވުން އޭރުން ފެށިގެން މަނަލެވެ.

އެކަމަކު މިދިޔަ ހޯމަ ދުވަހު ބީޖޭޕީގެ ޕަބްލިސިޓީ ޗީފް އަމިތު މަލްވިޔާ މެމޯއެއް ހާމަކުރައްވަމުން ވިދާޅުވީ މި ގަވައިދުން "އާރްއެސްއެސް" ގެ ނަން އުނިކޮށްފައިވާ ކަމަށެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ 58 އަހަރު ކުރީގެ އެ ގަވައިދު ގާނޫނުއަސާސީއާ ހިލާފް ކަމަށެވެ.

ނަމަވެސް ޖަމާއަތު އިސްލާމީގެ ނަން އުނިކުރި ކަމަކަށް މެމޯއަކު ނެތެވެ.

ސަރުކާރުގެ މި ނިންމުމަށް އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. -- އޭއެފްޕީ