Roadha Mihaaru
ޝަމީމްގެ ވިސްނުން ޕްލީ ބާގެއިންއާ ދިމާއަށް

ޝަމީމްގެ ވިސްނުން ޕްލީ ބާގެއިންއާ ދިމާއަށް

16 ޑިސެމްބަރ 2019

ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް މަދުކުރަން ޕްލީ ބާގެއިނިން ނިޒާމެއް ގާއިމްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް މަދުކުރަން ޕްލީ ބާގެއިނިން ނިޒާމެއް ގާއިމްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އާ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވީ ކިލަނބުވެފައި އޮތް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. މިވަގުތު އެންމެ އިސްކަން ދެއްވާ އެއް ކަމަކީ އެކި ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދެއްގައި ބައިތިއްބާފައިވާ މީހުންނަށް އިންސާފު ހޯއްދަވައި ދެއްވުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރޮސެކިއުޓަ ޖެނެރަލް ނުވަތަ ޕްރޮސެކިއުޓަރުންގެ ވިސްނުން ހުންނަން ޖެހޭނީ މީހުން ބަންދުކުރާކަށް ނޫނެވެ. އެންމެ މުހިއްމީ އިންސާފު ގާއިމްކުރުން ކަމަށް ވިދާޅުވި އެވެ.

މި މަގަށް މަސައްކަތް ބައްޓަން ކުރުމުގައި އިތުރު ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ނަމަ އެ މަސައްކަތް ވެސް، އޭނާ ވިދާޅުވި ގޮތުގައި، ކޯޓަށް ހުށަހަޅާ މައްސަލަތައް މަދުކުރަން ޖެހެ އެވެ.

އެކަން ކުރުމަށްޓަކައި އަޅުގަނޑުގެ ވިސްނުން ހުރި ގޮތަކީ ބަންޑާރަ ނައިބާ ވެސް ވާހަކަ ދައްކައިގެން ޕްލީ ބާގެއިނިން ސިސްޓަމެއް ހެދޭނެ ގޮތެއް ހޯދުން. --ޝަމީމް

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ދައުލަތުން ހަދާފައި ވަނީ ޕްލީ ބާގެއިން އެއްބަސްވުމެކެވެ. އެއީ، ކުށަށް އިއުތިރާފްވުމާ އެކު ތަހުގީގަށް އެއްބާރުލުން ދިނުމުން، ބަދަލުގައި 20 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ނާންނަ ގޮތަށް އެއްބަސްވުމެވެ.

ޕްލީ ބާގެއިނިންގެ ތަފްސީލް ދެއްވަމުން ޝަމީމް ވިދާޅުވީ އެއީ ކުށްކުރާ މީހާ އެ ކުށަށް އިއުތިރާފްވާން އެއްބަސްވުމުން ދައުލަތުން ދެވެން އޮންނަ ލުޔެއް ދިނުން ކަމަށެވެ. މިސާލަކަށް އެއީ، އޭނާ ކުރި ކުށަކާ ގުޅިގެން ތަންފީޒުކުރަން ޖެހޭ ތިން އަހަރުގެ ހުކުމް ދެ އަހަރަށް ބަދަލުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސްލަހަތަކު ނެތް ޝަރީއަތަށް ގޮސްގެން އެންމެންގެ ވަގުތުތައް ހޭދަކޮށްގެން އެކަން ކުރާކަށް. އަޅުގަނޑުމެންނަށް 50 ޕަސެންޓް މައްސަލައިގައި ޕްލީ ބާގެއިން ސިސްޓަމެއްގެ ތެރެއިން ޝަރީއަތްތައް މަދުކުރެވިއްޖިއްޔާ ބޮޑެތި މައްސަލަތަކަށް ފޯކަސް ކުރެވޭނެ،" މި މަހުގެ 8 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވިސްނުން ހުރީ އަންނަ އަހަރު މަޖިލީސް ހުޅުވުނީމާ ޕްލީ ބާގެއިނިން ހަމަ ރަނގަޅު ނިޒާމެއް ހަދައިގެން އެ ނިޒާމުގެ ތެރެއިން ޝަރީއަތާ ހަމައަށް ކޮންމެވެސް އިންތިޒާމްތަކެއް ހަމަޖެހިގެން ޝަރީއަތުގެ ވަގުތުތައް މަދުވާނެ ގޮތަކަށް ކުރިއަށް ގެންދިއުން."

"ވާނުވާ" ގައި 250 އަށް ވުރެން ގިނަ މީހުން!

ޝަމީމް ރޭ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެންމެ ބޮޑު އެއް މައްސަލައަކީ ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދެއްގައި ގިނަ ބަޔަކު ބައިތިއްބާފައި ތިބި މައްސަލަ އެވެ. އެ އަދަދު 256 އަށް އަރާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކުރަން ނުޖެހޭ އެތައް ބަޔަކު ބަންދުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން، އެ މީހުން މަތިން ހަނދާން ނެތި ވާ ތަނެއް ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ކުރި ކުށަށް ހުކުމް ކުރި ނަމަ އެ ހުކުމް ތަންފީޒުވެ ނިމި މިނިވަން ވެފައި ތިބެން ޖެހޭ މީހުން ވެސް "ވާނުވާ ބަންދުގައި" އެބަތިއްބެވެ. އޭނާގެ ކަންބޮޑުވުމަކީ އެފަދަ މީހުން ވެސް ބަންދުގައި ތިބުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

އެ މައްސަލަތައް މުރާޖައާކޮށް، ބަންދުން ދޫކުރަން ޖެހޭ މީހުން ދޫކުރުމުގެ މަސައްކަތް ޕީޖީ އޮފީހުން މިހާރު ވަނީ ފަށައިފަ އެވެ.

"ވާނުވާ ބަންދު" ޖަހާފައި ތިބި މީހުންގެ ތެރޭގައި މީހުން މެރުމާއި ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގުމާއި ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނާއި މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްގެންނާއި ވިޔަފާރި ހިންގައިގެން ހައްޔަރުކޮށްފައިވާ މީހުން ހިމެނޭ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިންސްޓްރަކްޝަނަކީ މައިގަނޑު ގޮތެއްގައި ގަސްތުގައި މީހުން މަރާ މީހުން ދޫކުރާ ގޮތަކަށް ނޫނޭ. މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ މީހުން ދޫކުރާކަށް ނޫނޭ މިއުޅެނީކީއެއް،" ޝަމީމް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ފަރިތަ ޝަމީމް ވިދާޅުވީ އެ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ނަމަ 30 ދުވަހުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ދައުވާ އުފުލަން ޖެހެ އެވެ. ބަންދުކޮށްފައި މީހަކު ދޫކޮށްލައިފި ނަމަ 45 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭ ކަމަށާއި މި ދެ ކަންތައް ވެސް އެ މަގުން ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ އަދަދު އެނގޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.