Roadha Mihaaru
އިނގިރޭސި ރާނީގެ ސޯޝަލް މީޑިއާ އަށް މުވައްޒަފަކު ހޯދަނީ

އިނގިރޭސި ރާނީގެ ސޯޝަލް މީޑިއާ އަށް މުވައްޒަފަކު ހޯދަނީ

15 ޑިސެމްބަރ 2019

އިނގިރޭސި ރާނީ ކްއީން އެލިޒަބަތުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެނޭޖްކުރާނެ މީހަަކު ހޯދަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ރާނީ ކްއީން އެލިޒަބަތުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެނޭޖްކުރާނެ މީހަަކު ހޯދަން އިއުލާންކޮށްފި އެވެ.

ރޯޔަލް ހައުސްހޯލްޑުން ލިންކެޑްގައި އިއުލާނުކޮށްފައި ވަނީ ހެޑް އޮފް ޑިޖިޓަލް އެންގޭޖްމަންޓްގެ މަގާމެވެ. އެ މަގާމަށް ހޮވޭ މީހަކު މަސައްކަތްކުރަން ޖެހޭނީ ޝާހީ ގަނޑުވަރު ބަކިމްހަމް ޕެލަސްގެ ރޯޔަލް ކޮމިއުނިކޭޝަން ބްރާންޗްގެ ޕްރައިވެޓް ސެކްރެޓަރީ އޮފީހުގަ އެވެ.

އިއުލާނުގައި ބުނީ ދާއިމީ މަގާމެއްގެ ގޮތުގައި ހަވާލުކުރާ ހެޑް އޮފް ޑިޖިޓަލް އެންގޭޖްމަންޓްގެ މަސްއޫލިއްތަޔަކަށް ވާނީ ރާނީގެ މީޑިއާ ޕްލެޓްފޯމްތައް އަޕްޑޭޓްކޮށް، ރާނީއާ ގުޅޭ އެންމެ ފަހުގެ ހަބަރުތައް އެޑިޓްކޮށް ތާޒާކަމާ އެކު ފޯރުކޮށް ދިނުން ކަމަށެވެ. މަގާމުގެ މައިގަނޑު ޝަރުތަކީ މީޑިއާގައި އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުމެވެ.

މި މަގާމުގެ މުސާރަ އަކީ ތަޖުރިބާ އަށް ބަލައި އަހަރަކު 45،000-50،000 ޕައުންޑް (60،000، 67،000 ޑޮލަރު) އެވެ. މަސައްކަތްކުރަން ޖެހެނީ ހަފުތާ އަކު ފަސް ދުވަހު އެވެ. އެއީ ހަފުތާ އަކު 37.5 ގަޑިއިރެވެ. އަދި އަހަރަކު 33 ދުވަހުގެ ޗުއްޓީ އާއި ޕެންޝަން ސްކީމެއްގައި ބައިވެރިވާން ލިބޭނެ އެވެ.

ޝައުގުވެރިވާ މީހުން ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެެ. ޝޯޓްލިސްޓްކުރެވޭ މީހުންނަށް އިންޓަވިއު އަށް ކިޔާނީ އަންނަ މަހުގެ ތެރޭގަ އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ޝާހީ ގަނޑުވަރުން ރާނީ އަށް ޑިޖިޓަލް ކޮމިއުނިކޭޝަން އޮފިސަރަކު ހޯދަން އިއުލާންކުރި އެވެ.