Roadha Mihaaru
ބަކިމްހަމް ޕެލަސްގެ މަރާމާތަށް މީހަކު ހޯދަނީ

ބަކިމްހަމް ޕެލަސްގެ މަރާމާތަށް މީހަކު ހޯދަނީ

07 ފެބުރުއަރީ 2020

އިނގިރޭސީ ޝާހީ އާއިލާ ދިރިއުޅުއްވާ ބަކިމްހަމް ޕެލަސް މަރާމާތުކުރުމަށް މުވައްޒަފަކު ހޯދަން ހޯމަ ދުވަހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސީ ޝާހީ އާއިލާ ދިރިއުޅުއްވާ ބަކިމްހަމް ޕެލަސް މަރާމާތުކުރުމަށް މުވައްޒަފަކު ހޯދަން ހޯމަ ދުވަހު އިއުލާންކޮށްފި އެވެ.

ދަ ރޯޔަލް ހައުސްހޯލްޑުން ލިންކެޑިންގައި އާންމުކޮށްފައިވާ އިއުލާނުގައި ބުނާ ގޮތުން، ބޭނުން ވަނީ ބަކިންހަމް ޕެލަސްގައި މިހާރު ކުރިއަށްދާ މަރާމާތުތަކާއި ޑެކޮރޭޝަންތަކަށް ހާއްސަ "ޕްލޭނާ" އެކެވެ. އޭނާގެ މައިގަނޑު ޒިންމާއަކަށްވާނީ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ޕްލޭނެއްގެ ދަށުން ޝާހީ ގަނޑުވަރުގެ މަރާމާތްތަކުގައި މަސައްކަތްކުރުމެވެ.

އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ގަނޑުވަރުގެ ޒަމާންވީ ކަރަންޓް ކޭބަލްތައް ބަދަލުކުރުމާއި އެތަނުގެ ފެންވަޔަރިން ޒަމާނީކުރުމާއި ގަނޑުވަރުގެ ހީޓިން ނިޒާމު ޒަމާނީކުރުމާ އެކު، ގަނޑުވަރު ޑެކަރޭޓްކޮށް ޒީނަތްތެރިކުރުމެވެ. މިއީ 1950 ގެ ފަހުން ބަކިންހަމް ޕެލެސްގައި ބޮޑެތި މަރާމާތުތަކެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

މިކަމަށް ބޭނުން ވަނީ ކަމާގުޅުން ހުރި ދާއިރާތަކުން ތަޖުރިބާހުރި މީހެކެވެ. ޝާހީ ގަނޑުވަރުން ބުނީ ގަނޑުވަރުގެ ބޮޑެތި މަރާމާތުތަކެއް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށްދާ އިރު، އަލަށް ވަޒީފާ އަށް ހޯދާ "ޕްލޭނާ" މަސައްކަތްކުރާނީ މިހާރު މަސައްކަތްކުރާ ޓީމާ އެކު "ޕްރޮގްރާމް މެނޭޖްމަންޓް އޮފީހު" ގެ ދަށުން ކަމަށެވެ.

ސީނިއާ ލެވެލްގެ އެ މަގާމުގެ މުސާރަ އަކީ މަސައްކަތުގެ ތަޖުރިބާ އާއި މަސައްކަތްކުރާ ގަޑިއަށް ބަލައިފައި މަހަކު އަކު 38،000 ޕައުންޑް (49,465 ޑޮލަރު) އެވެ. މަސައްކަތްކުރަން ޖެހެނީ ހޯމައިން ފެށިގެން ހުކުރު ދުވަހާ ހަމައަށެވެ.

އިތުރު އެލަވަންސްގެ ތެރޭގައި މުސާރައިގެ 15 ޕަސަންޓްގެ ޕެންޝަން ސްކީމަކާއި ކެއުމާއި ރެކްރިއޭޝަނަލް ފެސިލިޓީ ހިމެނެ އެވެ. މީގެ އިތުރުން ކަމާ ގުޅުންހުރި ދާއިރާތަކުން ޓްރޭންވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

"ޕްލޭނާ" ގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 11 އެވެ. އިއުލާނުގައިވާ ގޮތުން މިހާރު ވެސް 200 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.