Roadha Mihaaru
ބަކިންހަމް ޕެލަސްގެ ގާޑަން ޕާޓީތައް ކެންސަލް

ބަކިންހަމް ޕެލަސްގެ ގާޑަން ޕާޓީތައް މި އަހަރު ވެސް ކެންސަލް

07 ޖެނުއަރީ 2021

އިނގިރޭސި ރާނީ އިސްކޮށް ހުންނަވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބަކިންހަމް ޕެލަސްގެ ގާޑަން ޕާޓީތައް މި އަހަރު ވެސް ނުބާއްވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ރާނީ އިސްކޮށް ހުންނަވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބަކިންހަމް ޕެލަސްގެ ގާޑަން ޕާޓީތައް މި އަހަރު ވެސް ނުބާއްވަން ނިންމައިފި އެވެ.

މި ނިންމުމަކީ ކޮވިޑް-19 ގެ އާ ވޭރިއަންޓެއް އިނގިރޭސިވިލާތުން ފެނި، ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އެ ގައުމު އަނެއްކާ ވެސް ދިގު ލޮކްޑައުންއަކަށް ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

އަހަރަކު ތިން ފަހަރު ބާއްވާ ޝާހީ އާއިލާގެ ގާޑަން ޕާޓީތަކަކީ ކޮންމެ ހަފުލާއަކަށް ވެސް ދައުވަތު ދެވޭ ވަރަށް ހާއްސަ ގިނަ އަދަދެއްގެ ބަޔަކާ އެކު ބާއްވާ ޝާހީ އާއިލާގެ ވަރަށް ހާއްސަ ހަފުލާތަކެކެވެ. އަދި މި ހަފުލާތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ގައުމީ ބަތަލުންގެ ހަނދާންތައް އާކުރެވެ އެވެ.

މި އަހަރުގެ ގާޑަން ޕާޓީތައް ކެންސަލްކުރިކަން ކަށަވަރުކޮށް ދެއްވަމުން ބަކިންހަމް ޕެލަސްހެ ތަރުޖަމާނު ވިދާޅުވީ މިދިޔަ އަހަރު ކޮވިޑްގެ ލޮކްޑައުންއާ ހެދި ހަފުލާތައް ކެންސަލްކުރަން ޖެހުނު އިރު މި އަހަރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގާޑަން ޕާޓީތައް ނުބާއްވާނެ އަހަރެކެވެ.

އެ ހަފުލާތައް އާންމުކޮށް ބާއްވައި އުޅެނީ ލަންޑަންގައި ހުންނަ ބަކިސްހަމް ޕެލަސްގެ އިތުރުން އެޑިންބަރާގެ ހޮލީރުޑްހައުސް ޕެލަސްގަ އެވެ. ތިން ހަފުލާގެ ތެރެއިން ދެ ހަފުލާ ބާއްވަނީ ބަކިންހަމް ޕެލަސްގަ އެވެ.

ގާޑަން ޕާޓީއެއްގައި ރާނީ.

ގާޑަން ޕާޓީއެއްގައި ރާނީ.

އިނގިރޭސި ޝާހީން އާއިލާ އިން ބާއްވާ ގާޑަން ޕާޓީތަކުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އެ ހަފުލާތަކަށް މެހުމާނުން ހެދުން އަޅާ ގޮތެވެ. ފިރިހެނުންގެ އާންމު ޑްރެސް ކޯޑަކީ މޯނިން ޑްރެސް އާއި ލައުންޖް ސޫޓެވެ. އަދި އަންހެނުންގެ ޑްރެސް ކޯޑްގެ އެންމެ ހާއްސަ އެއްޗަކީ ބޮލުގައި އަޅާ ބޮޑު ތޮފި ފަދަ އެއްޗިއްސެވެ.

ޝާހީ އާއިލާ އަށް ގާޑަން ޕާޓީތައް ތައާރަފުވީ ކްއީން ވިކްޓޯރިއާގެ ޒަމާނުގައި 1860 ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން އަބަދު ވެސް އަހަރީ ހަފުލާތަކެއްގެ ގޮތުގައި ގާޑަން ޕާޓީތައް ބާއްވަ އެވެ. އެ ހަފުލާތަކުގައި އަސްކަރީ ބްރާސް ބޭންޑްގެ ހުށަހެޅުންތައް ވެސް ގެނެސްދެ އެވެ.

ޝާހީ އާއިލާ އިން ގާޑަން ޕާޓީތައް ބާއްވަނީ މެއި މަހާއި ޖޫން މަހާ ދޭތެރޭގަ އެވެ.