Roadha Mihaaru
ރާނީ ފުރަތަމަ ފަހަރަށް މާސްކް އަޅުއްވައިގެން

އިނގިރޭސި ރާނީ ފުރަތަމަ ފަހަރަށް މާސްކް އަޅުއްވައިގެން ރަސްމީ ހަފުލާއެއްގައި

09 ނޮވެމްބަރ 2020

އިނގިރޭސިވިލާތުގައި މިދިޔަ މާޗް ފެށިގެން ކޮވިޑް-19 ގެ ހާލަތު ގޯސްވި ފަހުން ފުރަތަމަ ފަހަރަށް ރާނީ އެލިޒަބަތު ފޭސް މާސްކް އަޅުއްވައިގެން ރަސްމީ ހަރަކާތެއްގައި ބައިވެރިވަޑައިގެންފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގައި މިދިޔަ މާޗް ފެށިގެން ކޮވިޑް-19 ގެ ހާލަތު ގޯސްވި ފަހުން ފުރަތަމަ ފަހަރަށް ރާނީ އެލިޒަބަތު ފޭސް މާސްކް އަޅުއްވައިގެން ރަސްމީ ހަރަކާތެއްގައި ބައިވެރިވަޑައިގެންފި އެވެ.

މާޗް މަހުގެ ފަހުން ފެށިގެން ރާނީ އާންމުންގެ ތެރެއަށް ނުކުމެ އުޅުއްވުން އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހުއްޓާލައްވައިފަ އެވެ. އެކަމަކު މެއި މަހުގެ ފަހުކޮޅު ރާނީ އަސް ދުއްވަނިކޮށް ނަފާގައިވާ ފޮޓޯތަކެއް އާންމުވެފައިވެ އެވެ. އޭރު ވެސް މާސްކް ނާޅުއްވަ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި މާމަދަރިކަލުން ޕްރިންސް ވިލިއަމާ އެކު ޕޯޓަން ޑައުންގެ ޑިފެންސް ސައިންސް އެންޑް ޓެކްނޮލޮޖީ ލެބޯޓްރީ އަށް ޒިޔާރަތްކުރެއްވި އިރު، މާސްކް ނާޅުއްވައި ހުންނެވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

ނަަމަވެސް ހޮނިހިރު ދުވަހު ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައި ބޭއްވި ރަސްމީ ހަފުލާގައި ރާނީ ބައިވެރިވެރިވަޑައިގަތީ ތުރުކުރައްވައިގެން ހުންނެވި ކަޅު ކުލައިގެ ހެދުންކޮޅާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ކަޅު ކުލައިގެ މާސްކެއް އަޅުއްވައިގެންނެވެ.

ކޮވިޑްގެ ބަލިމަޑުކަން ލައިގަތް ފަހުން ފުރަތަމަ ފަހަރަށް ރާނީ ރަސްމީކޮށް ބައިވެރިވެވަޑައިގަތީ ދެ ވަނަ ބޮޑު ހަނގުރާމާގައި މަރުވި ސިފައިންގެ ހަނދާން އާކުރުމުގެ ރަސްމިއްޔާތެއްގަ އެވެ.

ހަފުލާގައި ވާހަކަ ދައްކަވަމުން ވެސްޓްމިިންސްޓާގެ ޑީން ޑރ. ޑޭވިޑް ހޯލީ ވިދާޅުވީ ރާނީ އެލިޒަބަތު، 94، ހެޔޮ ހާލުގައި ފެނިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ވެސްޓްމިސްޓާ އެބީ އަކީ އެކަމަނާ އަށް ވަރަށް ހާއްސަ ތަނެއް ކަމަށެވެ. ސަބަބަކީ ރާނީ އާއި ފިރިކަލުން ޕްރިންސް ފިލިޕްގެ ކައިވެނީގެ ހަފުލާ ވެސް ބޭއްވި ތަނަކީ އެއީ ކަމަށްވާތީ އެވެ.

އިނގިރޭސިވިލާތް މިހާރު ދެވަނަ ލޮކްޑައުންއެއްގެ ތެރޭގައި އޮތް އިރު، ޝާހީ އާއިލާގެ ދެ ބޭފުޅަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދެއްވެވި އެެވެ. އެއީ ރާނީ ދަރިކަލުން ޕްރިންސް ޗާލްސް އާއި މާމަދަރިކަލުން ޕްރިންސް ވިލިއަމެވެ. ޗާލްސް ބައްޔަށް ޕޮޒިޓިވްވީ މާޗް މަހުގެ ތެރޭގަ އެވެ. އަދި ވިލިއަމަށް ބަލިޖެހިވަޑައިގަތީ އެޕްރީލް މަހުގެ ތެރޭގަ އެވެ.