Roadha Mihaaru
ކާމިޔާބު ވާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނެގެން: ފައިސަލް

ކާމިޔާބު ވާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނެގެން: ނައިބު ރައީސް

01 ޑިސެމްބަރ 2019

ރާއްޖޭގެ ކުންފުނިތަކުން ދޭން ބޭނުންވާ ހިދުމަތްތައް ފުރިހަމަ އަށް ދީ ކާމިޔާބު ހޯދަން ބޭނުން ނަމަ ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ކުންފުނިތަކުން ދޭން ބޭނުންވާ ހިދުމަތްތައް ފުރިހަމަ އަށް ދީ ކާމިޔާބު ހޯދަން ބޭނުން ނަމަ ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތާ ޝަރަފުވެރިކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ ކުންފުނިތަކުން ކުރަމުން އަންނަނީ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ މަސައްކަތްތައް ކަމަށެވެ. އަދި ރައްޔިތުންގެ އެ އުއްމީދުތައް ފުރިހަމަ ކުރުމަށް، އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނެ ހިދުމަތްތައް ރަނގަޅުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ކުންފުނިތަކުން މަސައްކަތްތައް ކުރުމުގައި ބަލަންވާނީ ރައްޔިތުންގެ ޝަކުވާއެއް ނޯންނާނެހެން ހާމަކަން ބޮޑު ގޮތެއްގައި ކަންތައް ކުރާށެވެ. އަދި އަމިއްލަ ފައިދާ އަށް ވިސްނުމުގެ ބަދަލުގައި ރައްޔިތުންގެ ފައިދާއާ މެދު ވިސްނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. މިގޮތަށް ކަންތައް ކޮށްގެން ނޫނީ އެންމެ ފުރިހަމަ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްނުދެވޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އިސްރާފުކުރުމުގެ ކަންތައް އެއްކޮށް ހުއްޓާލައި ކޮރަޕްޝަނަށް އަޅުގަނޑުމެން އެއްކޮށް ނޫނެކޭ ބުނަން އެބަ ޖެހޭ. އެނޫން އެއްވެސް އެހެން ގޮތަކަށް އަޅުގަނޑުމެން ބޭނުންވާ ކާމިޔާބު، އަޅުގަނޑުމެން ބޭނުންވާ ހަމަހަމަކަން، އަޅުގަނޑުމެން ބޭނުންވާ އުފާވެރިކަން ރައްޔިތުންގެ މޫނުމަތިން ނުފެންނާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ކުންފުނިތަކުން ކަންތައް ކުރި ގޮތްތަކުގެ ނަތީޖާއާ މެދު މިއަދު ވިސްނަން ޖެހޭ ކަމަށާއި އެކަމުން އިބުރަތް ހާސިލްކޮށް ކުރިއަށް އޮތް ތަނުގައި އެ ކުންފުނިތަކުން ދޭ ހިދުމަތްތައް ތެދުވެރިކަމާއެކު ދިނުމަށް ވެސް ނައިބު ރައީސް އެދިވަޑައިގަތެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި ވަކި ކަހަލަ ކަންތައްތަކަކަށް ހަމައެކަނި އަމާޒު ކުރެވިގެން ކަންތައްތަކެއް ކުރެވުނީ. އޭގެ ތެރޭގައި ވަކި ބަޔަކަށް ވަކި ރަށްތަކަކަށް އިހުމާލުވެފައި އޮތްކަމީ މިއަދު ރަނގަޅަށް ކަންތައް ކުރިއަށް ގެންދިއުމުގައި ވިސްނަން ޖެހޭ ކަމެއް،"

"އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ އެންމެނަށް ޔަގީންކޮށް އަރުވަން އޮތީ މި ސަރުކާރުން ރައްޔިތުން މެދުގައި ތަފާތުކުރުންތަކެއް ނުގެންގުޅޭނެ." ނައިބު ރައީސް ވިދާޅުވި އެވެ.