Roadha Mihaaru
ނާއިންސާފުގެ ބިރު މިހާރު ކެނޑިއްޖެ: ނައިބު ރައީސް

ނާއިންސާފުގެ ބިރު މިހާރު ކެނޑިއްޖެ: ނައިބު ރައީސް

24 ނޮވެމްބަރ 2019

ނާއިންސާފުން ކަންކަން ދިމާވެދާނެ ކަމުގެ ބިރު މިސަރުކާރާ އެކު ނިމުމަކަށް ގެނެވިއްޖެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ ހއ. ދިއްދޫން އަހުމަދު ސާއިލް އަލީ

ނާއިންސާފުން ކަންކަން ދިމާވެދާނެ ކަމުގެ ބިރު މިސަރުކާރާ އެކު ނިމުމަކަށް ގެނެވިއްޖެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅު ކައުންސިލުން ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ފައިސަލް ވިދާޅުވީ ގައުމަށް ހަމަނޭވާއެއް ލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ހައްޔަރުކޮށްފާނެތީ ނުވަތަ ނާއިންސާފުން އެއްވެސް ރައްޔިތަކާ ދޭތެރޭ ކަމެއް ކޮށްފާނެތީ މިހާރު ބިރުން އުޅެން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ސަރުކާރު ގެނައީ ވަރަށް ގިނަ ބައެއްގެ އުންމީދުތަކާ އެކު. ސަރުކާރަށް އަހަރެއްވާއިރު މިއީ އުފާކުރަން ޖެހޭ ކަމެއް،" ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ މިސަރުކާރަކީ ދިވެހި އެންމެހާ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ސަރުކާރުގެ ހިޔާވަހިކަމުން އެއްވެސް ރައްޔިތެއް ބާކީ ނުކުރާނެ ކަމަށެވެ. ސަރުކާރު ގެނައުމަށް ވޯޓް ދިން ރައްޔިތުންނާއި ނުދޭ ރައްޔިތުންނާ މެދު ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އަސާސީ ހިދުމަތް ދިނުމުގައި ކުދި ރަށެކޭ ބޮޑެތި ރަށެކޭ ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއާ ގުޅޭގޮތުން ބޭރުގެ ނޫސްތަކުގައި ކުރިން ލިޔަމުން އައި ނުރައްކާ ވާހަކަތަކަށް ނިމުމެއް ގެނެވިއްޖެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އަދި މިސަރުކާރާ އެކު ބައިނަލްއަގުވާމީ ދުނިޔެ އާއި ރާއްޖެއާ އޮންނަ ގުޅުން ވަރަށް ބޮޑުތަން ބަދަހި ކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.

ހއ. އަތޮޅު ކައުންސިލުން ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސާއި މިނިސްޓަރު ސަމީރު އަދި އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ހއ. އަތޮޅު ކައުންސިލުން ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސާއި މިނިސްޓަރު ސަމީރު އަދި އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވީ ރާއްޖެ ހިންގުމުގެ ނިޒާމް ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށެވެ. އެގޮތުން މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ކައުންސިލްތައް ބާރުވެރި ކުރުވުމަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ގާނޫނަށް ބަދަލު ގެނެސް ދާދި އަވަހަށް ކަންކަން ފުރިހަމަ ވެގެންދާނެ. އަންނަ އަހަރު ވެގެންދާނީ ކައުންސިލްތަކަށް މާލީ ތަނަވަސްކަން އިތުރުވެގެންދާނެ އަހަރަކަށް. އޭގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ،" ހއ. އަތޮޅު ކައުންސިލްތަކުގެ ވެރިން ތިއްބެވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.

ގައުމެއް ކުރިއަރައި ދާނީ އުފެއްދުންތެރި ޖީލެއް ބިނާ ކުރެވިގެން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަމެއް ދެއްވަނީ ހަރުދަނާ ގާބިލް ޖީލެއް ބިނާ ކުރެއްވުމަށް ކަމަށް ވެސް ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

"އެކަން ކުރެއްވުމަށް، ތައުލީމީ ދާއިރާ އަށް ދުވަހަކުވެސް ނުކުރާވަރުގެ ހޭދައެއް އަންނަނީ ކުރަމުން. އެކި ދާއިރާތަކުން ޒުވާނުން ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފައްޓަވާފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ދިވެހިންނަކީ ގާބިލް ބައެއްކަން މުޅި ދުނިޔެ އަށް ސާބިތުކޮށްދީފައިވާ ކަމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުން ދެއްވުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ގައުމީ ފެންވަރެއްގައި ކާމިޔާބުތައް ހޯދި ހއ. އަތޮޅުގެ ރައްޔިތުންގެ އަގުވަޒަންކޮށް އިނާމްދީފަ އެވެ. އެންމެ ހިންގުންތެރި ކައުންސިލްގެ ގޮތުގައި މާރަންދޫ ހޮވައި ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.

ނައިބު ރައީސް މިއަދު މެންދުރު މި ރަށަށް ވަޑައިގެން މިރަށުގެ ކައުންސިލާއި މި އަތޮޅު ކައުންސިލްގެ ވެރިންނާ ބައްދަލު ކުރެއްވި އެވެ. އަދި މި ރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ވެސް ބައްދަލު ކުރެއްވި އެވެ.