Roadha Mihaaru
ހއ. ގައި އާގުބޯޓުފަހަރަށް ހިދުމަތްދޭން ގަރާރެއް

އާގުބޯޓުފަހަރަށް އިހަވަންދިއްޕޮޅުގައި ހިދުމަތްދެވޭ ގޮތް ހެދުމަށް މަޖިލީހަށް ގަރާރެއް

01 ނޮވެމްބަރ 2021

ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް އެކަނި ބިނާވުން ހުއްޓުވުމަށް، އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ހިދުމަތްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް އެކަނި ބިނާވުން ހުއްޓުވުމަށް، އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ހިދުމަތްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު ހުށަހަޅުއްވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެކަމަކަށް ބިނާވެފައި އޮތް ޓޫރިޒަމް ހުއްޓި، އާމްދަނީ ލިބެން އޮތް ދޮރުތައް ބަންދުވުމުން ރާއްޖޭގެ އިގްތިސާދީ ރޭވުންތެރިކަން އާ ވިސްނުންތަކަކަށް ބައްޓަންކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ.

ޓޫރިޒަމަކީ ދުނިޔެ އަށް އަންނަ ކިތަންމެ ކުޑަ ލޮޅުމަކުން ވެސް އޭގެ ނޭދެވޭ އަސަރު، ހާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ކަމެއް ކަމުން، އެ ސިނާއަތަށް އެކަނި ބަރޯސާވެގެން އޮތުމަކީ ގައުމެއްގެ ގޮތުގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދުނިޔޭގެ ހުޅަނގާއި މެދުން މުދާ ހިފައިގެން ދަތުރުކުރާ އާގުބޯޓުފަހަރު ނުވަތަ، އިނޮސެންޓް ޕަސެޖްގެ މަގު އޮތް ގައުމަކަށް ވެފައި، ހާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް އަށް ޑިގްރީ ޗެނަލް އަކީ އާގުބޯޓުފަހަރު ރާއްޖެ ހުރަސްކޮށް ދަތުރުކުރާ މަޝްހޫރު މަގަކަށް ވަނީ ވެފަ އެވެ. އެކަމުން ރާއްޖެ އަށް ހޯދެން އޮތް ނަފާ ހޯދައި ލިބިގަތުމަކީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ އަށް ވެސް އަމާޒު ހިފިދާނެ އާ ސިނާއަތެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"ރާއްޖޭގެ ކައިރިން ދަތުރުކުރާ އާގުބޯޓުފަހަރުގެ އަދަދު ކޮންމެ އަހަރަކު ހާހުން ހާހުން ގުނައިލެވޭއިރު، އަދި އެ ބޯޓުފަހަރުން ގެންދެވޭ މުދަލުގެ އަގު ބިލިއަނުން ބިލިއަނުން ހިސާބުކުރެވޭ އިރު އެ ސިނާއަތުގެ މަންފާ ހޯދާކަށް ޓްރާންސިޓް ޝިޕްމަންޓް ޕޯޓެއް ނުވަތަ އިންޓަނޭޝަނަލް ޕޯޓް އޮފް ކޯލް ފަދަ ވަސީލަތެއް މިދިޔަ ދިގު މާޒީގައި ރާއްޖޭގައި ގާއިމުކުރެވިފައެއް ނެތް،" ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއް ތެރެއިން: އީސީ އާއި އައިކޮމްއަށް އައްޔަން ކުރާ ނަންތައް މިއަދު ވަނީ ފޮނުވާފައި-- ފޮޓޯ/މަޖިލިސް

މަޖިލީހުގެ ޖަލްސާއެއް ތެރެއިން: އީސީ އާއި އައިކޮމްއަށް އައްޔަން ކުރާ ނަންތައް މިއަދު ވަނީ ފޮނުވާފައި-- ފޮޓޯ/މަޖިލިސް

އަވަށްޓެރި ގައުމުތަކުގައި އެކި ފެންވަރުގައި ޓްރާންޝިޕްމަންޓް ބަނދަރުތައް ތަރައްގީކުރަމުންދިއުމުގެ ސަބަބުން އެގައުމުތަކުގެ އިގްތިސާދު ކުރިއަރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެެ. އިންޑިއާ އާއި ބަންގުލަދޭޝް ފަދަ ގައުމުތަކަށް ވުރެ ބޮޑަށް އެ ސިނާއަތުން މަންފާ ހޯދަން އެންމެ ފަހި ޕޮޒިޝަންގައި އޮތް ގައުމަކީ ރާއްޖެ ކަމަށް ސަލީމް ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގައި ދަތުރުކުރާ އާގުބޯޓުފަހަރު އަތްފޯރާ ފަށުގައި ރާއްޖެ އޮތުމުން، އެ ބޯޓުފަހަރަށް އެކިކަހަލަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ވަސީލަތެއް ރާއްޖޭގައި ގާއިމުކުރުމުގެ މަޝްރޫއެއް ސަރުކާރުން ކުރިން ވެސް އިއުލާނުކުރި ނަމަވެސް އެކަމުގައި އަމަލީ ސިފައެއް ޖެހިގެން ނުދިޔަ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ބޯޓުފަހަރު މަޑުކުރެވޭ ކޮންޓެއިނަރުތައް ބާލައި ގުދަންކުރުމާއި ބޯޓުފަހަރު ޑޮކް ކުރުމުގަ ހުރިހާ ކަމެއް ނުކުރިޔަސް އިހަވަންދިއްޕޮޅަކީ ފަޅުވެރިން ބަދަލުކުރެވޭ ޕޮއިންޓަކަށް ހެދިދާނެ. ބޯޓުފަހަރަށް ތެލާއި އެނޫން ވެސް ސަޕްލައިކޮށް ލޯޑުކުރެވޭ ޕޮއިންޓަކަށް ވެސް ހެދިދާނެ،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަޅުވެރިން ބަދަލުކުރުމާއި، ސަޕްލައި ލޯޑުކުރުމާއި، ސެކިއުރިޓީ ހިދުމަތާއި ބަންކަރިން ޕޮއިންޓަކަށް އިހަވަންދިއްޕޮޅު ހަދައިފި ނަމަ އެކަމުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ފައިދާވާނެ އެވެ.

"މިކަމަށް ބިލިއަން ޑޮލަރުގެ ބަނދަރަކާއި ބޮޑެތި ކެރޭނާއި ތެޔޮ ތާނގި އަދި ގުދަން ބޭނުމެއް ނުވޭ،" ސަލީމް ވިދާޅުވި އެވެ.

އެކަމަކީ މާބޮޑު އިންވަސްޓްމަންޓެއް ނުކޮށް މިލިއަނުން ފައިސާ ލިބޭ ކަމަކަށް ހެދިދާނެ ކަމަށާއި، އޭގެ ސަބަބުން ވަޒީފާތައް ވެސް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.