Roadha Mihaaru
ދިއްދޫ ފްލެޓް މައްސަލަ ނުނިމޭތީ ފައިސަލްގެ ކަންބޮޑުވުން

ދިއްދޫ ފްލެޓްތަކުގެ މައްސަލަ އޭސީސީން ނުނިމޭތީ ނައިބު ރައީސްގެ ކަންބޮޑުވުން

25 ނޮވެމްބަރ 2019

ހއ. ދިއްދޫގައި ސަރުކާރުން އެޅި ފްލެޓްތައް ހަވާލުކުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުން އެކަމާ ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ ހއ. ދިއްދޫން އަހުމަދު ސާއިލް އަލީ

ހއ. ދިއްދޫގައި ސަރުކާރުން އެޅި ފްލެޓްތައް ހަވާލުކުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުން އެކަމާ ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހަފްތާ ބަންދުގައި އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ނައިބު ރައީސް ދިއްދުއަށް ވަޑައިގެން މިހާތަނަށް ހަވާލު ނުކުރެވި ހުރި ފްލެޓްތައް ބައްލަވާލެއްވި އެވެ. އޭގެ ތެރެއިން ގިނަ ފްލެޓްތައް މިހާރު ހުރީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިއްދޫ ހިއްކައި، އަދި އެ ބިމުގައި އެ ސަރުކާރުން ފެށި މަޝްރޫއެއްގައި އެޅި ފްލެޓްތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލުމާއި ސީލިންގުން ފެން ފޭބުން ފަދަ މައްސަލަތައް މިހާރު ކުރިމަތިވެފަ އެވެ.

ފްލެޓޭ ކީ ނަމަވެސް ދިއްދޫގައި އެތަންތަން ހަދާފައި ހުރީ ވަކިވަކި ގޭގޭގެ ގޮތުގަ އެވެ. އެގޮތުން 250 ގެ ހަދާފައިވެ އެވެ. އޭގެ ތެރެއިން 130 ގެ ވަނީ މީހުންނާ ހަވާލުކޮށްފަ އެވެ. އަދި 110 ތަން ދޭނެ ފަރާތްތައް ކަނޑައަޅާފައި ވިޔަސް އާ ސަރުކާރުން ވަނީ އެ ލިސްޓް ބާތިލްކޮށް އަލުން މާކްސް ދީފަ އެވެ.

ދިއްދޫ ކައުންސިލުން ޖޫން 10 ގައި 110 ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި އެވެ. އެއާ އެކު ގިނަ ބައެއްގެ ޝަކުވާ ހުށަހެޅި އެވެ. އެހިސާބުން އެ ލިސްޓަށް ފްލެޓް ދިނުން މަޑުޖައްސާލަން އޭސީސީން އެންގި އެވެ.

ހައުސިން މިނިސްޓްރީން ރަށު ކައުންސިލަށް އަންގާފައިވަނީ މި މައްސަލާގައި އޭސީސީއާ އެކު އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ވަކި ގޮތެއް ނުނިމޭތީ ފްލެޓްތައް ދޫނުކުރެވި ވަނީ މަޑުޖެހިފަ އެވެ.

އެ ފްލެޓްތައް ބައްލަވާލެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް "މިހާރު" އަށް ވިދާޅުވީ އެތަންތަން ހަވާލުނުކުރެވި ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މީހުންނަށް ދިރިއުޅެން ފެށޭ ހާލަތުގައި ހުރި ފްލެޓްތައް ނުދެވި ގިނަ ދުވަސް ވެ، ވީރާނާވުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހެން ވެގެން ނުވާނެ ދެއްތޯ؟ މިތަންތަން ހަވާލުކުރެވެން އެބަ ޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ދިއްދޫ ފްލެޓުތައް ނައިބު ރައީސް ފައިސަލް ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިއްދޫ ފްލެޓުތައް ނައިބު ރައީސް ފައިސަލް ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ދިއްދުއަކީ ގެދޮރުގެ ދަތިކަން ބޮޑު ރަށެކެވެ. އެހެންކަމުން ތިން ކޮޓަރީގެ އެ ފްލެޓްތަކުގެ އިންތިޒާރުގައި ގިނަ ބަޔަކު އެބަ ތިއްބެވެ.

މިދިޔަ ސަރުކާރުން ދިއްދޫން ފްލެޓް ދިނީ ބޭއިންސާފުން ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ. ނަމަވެސް ގިނަ ފްލެޓުގައި މިހާރު މީހުން ދިރިއުޅެން ވެސް ވަނީ ފަށައިފަ އެވެ.