Roadha Mihaaru
"މިސްރާބަކީ ޓިނު ނެގުން ފަދަ ހުތުރު ކަންކަމެއް ނޫން"

މި ސަރުކާރުގެ މިސްރާބަކީ ޓިނު ނެގުން ފަދަ ހުތުރު ކަންކަމެއް ނޫން: ނައިބު ރައީސް

13 ޑިސެމްބަރ 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މިސްރާބަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް، މުއައްސަސާތަކަށް އަތްބާނައި ފުރާޅުން ޓިނު ނެގުން ފަދަ ހުތުރު ކަންކަން ކުރުން ނޫން ކަމަށާއި އިންސާފާއި ހަމަޖެހުން ގާއިމްކޮށް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މިސްރާބަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް، މުއައްސަސާތަކަށް އަތްބާނައި ފުރާޅުން ޓިނު ނެގުން ފަދަ ހުތުރު ކަންކަން ކުރުން ނޫން ކަމަށާއި އިންސާފާއި ހަމަޖެހުން ގާއިމްކޮށް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ފުރާޅުން ޓިނު ނަގައި، އަތްބާނައިގެން ކަންކަން ނުކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވީ ކުރީގެ ސަރުކާރަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަމަލުތަކާ ހެދި "ޓިނު ނަގަން ޖެހުނީ" ޖުޑިޝަރީ ތެރެއިން "ބަޣާވާތެއް" ގެނެސް ދާހިލީ ހަމަޖެހުން ނަގާލަން އުޅުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ވިދާޅުވެފަ އެވެ.

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މި ވެރިކަމުގެ ކުރިން ރާއްޖޭގައި އޮތް ބިރުވެރިކަމާއި ތަފާތުކުރުން ނެތި މިހާރު އޮތީ ހަމަޖެހުން ގާއިމްވެފައި ކަަމަށެވެ. އެއާ އެކު ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް އެބަދާ ކަމަށާއި މިއީ މި ސަރުކާރުން ރައްޔިތުންނަށް ވައުދުވި މިސްރާބު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ހިދުމަތް ފޯރުވައިދީ މަޝްރޫއުތައް ހިންގަނީ ރަނގަޅު ޕްލޭނެއްގެ ތެރެއިންނެވެ. މިސްރާބެއް ނެތި ޖެހުނު ގޮތަކަށް ކަންކަން ކޮށްލާ އުސޫލަކުން ނޫން ކަމަށާއި ތަސައްވުރު ސާފު ކަމަށް ވިދާޅުވި އެވެ.

"އެނގިގެން ކުރާ ބައެއް އަޅުގަނޑުމެންނަކީ، އެއްގޮތަކަށް ވެސް ނޭނގި އެއް ދުވަހު އެއް މިސްރާބަށް، އަނެއް ދުވަހު އަނެއް މިސްރާބަށް ކަންކަން ކުރާ ބައެއް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ވައުދުވީ ހަމަހަމަކަން ގާއިމްކުރުމަށާއި ގެއްލިފައި އޮތް އިންސާފު އަނބުރާ ގެނައުމާއި ތަރައްގީ ހޯދައި ދޭން ކަމަށެވެ.

"މި ސަރުކާރުން އޭރު ވައުދުވީ މި ރާއްޖޭގައި މަސްހުނިވެފައި އޮތް ކަންތައްތައް، އަތް ބާނައިގެން އުޅޭ ކަންތައްތައް ހުއްޓުވައި އެ ބައެއްގެ ކަންތައްތައް ކުރަން އެ ބަޔަކު ޖާމިނުކުރުވައި އެ ކަންތައްތައް ދޫކޮށްލަން،" ފައިސަލް ވިދާޅުވި އެވެ.

"ގައުމަކަށް ހަމަޖެހުން ލިބޭނެ ކޮންމެވެސް ދުވަހެއް އަންނަން ޖެހޭނެ. ތާއަބަދު ކޮންމެވެސް ތަނެއްގެ ފުރާޅުން ޓިނު ނެގުން، ފާރެއް ތަޅާލުން، ދޮރު ވައްޓާލުން އެއީކީ އެންމެ ދަށުގައި ހުރި ގައުމުތަކުގައި ވެސް ބަލައިފި ކަމަށްވަންޏާ އޮންނަ އުސޫލެއް ނޫން."

ފުވައްމުލަކު ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް އާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ފުވައްމުލަކު ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް އާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ ނާތަހުޒީބު ގައުމުތަކުގައި ވެސް އެ ބާވަތުގެ ކަންތައްތަކެއް ނުކުރާނެ އެވެ. މި ރާއްޖޭގައި އިންސާފު ގާއިމްކޮށް ވައުދުތައް ރަނުން ރަނަށް ފުއްދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަކީ މީގެ 10 އަހަރު ކުރިން ފެށި މަޝްރޫއެއްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ މިކަން ރައްޔިތުންނަށް ފަހިވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މި ސަރުކާރުގައި ފުވައްމުލަކުގައި ވެސް މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން އަންނަނީ އެއްވެސް ރަށެއް ތަފާތުނުކޮށް އަތޮޅުތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުންނެވެ. އުތުރުން ދެކުނަށް ބަލައިފި ނަމަ ތަރައްގީގެ މަޝްރޫއެއް ނުހިނގާ އެއްވެސް ރަށެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް ހޯދަން ޖެހޭނީ ކުދި ރަށްތަކުގެ އިހްސާސްތައް ވެސް ދަންނަ ވެރިއެއް ކަމަށް ކެމްޕޭންގައި ބުނަމުން އައީ ލާމަރުކަޒީ ނިޒާމު ހިންގަން ފުރުސަތު ދެއްވާނެތީ ކަމަށް ވިދާޅުވި އެވެ. ބާރުތައް ރަށްތަކަށް ދޫކޮށްލައި، ބަނދަރު ހެދުމާއި މަގު ހެދުމާއި އެއާޕޯޓް އެޅުން ފަދަ އުމްރާނީ އެތައް މަސައްކަތެއް ހިނގަމުންދާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއުތައް ހިންގަމުން އަންނަނީ ރާއްޖެ އަށް އެންމެ ދަތި އުނދަގޫ ކުރިމަތިވި ކޮވިޑް ތެރޭގައި ވެސް މެދުކެނޑުމެއް ނެތި ކަމަށެވެ. އަމާޒަކީ މަޝްރޫއުތަކަށް ފަހު ހިދުމަތުގައި ދިވެހިންގެ ބައިވެރިވުން މިހާރަށް ވުރެން ވެސް ބޮޑުކުރުން ކަމަށް ވިދާޅުވި އެވެ.