ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖެ ނުދެކޭ ފަދަ އޯގާތެރި ވެރިއެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
19 ނޮވެމްބަރ 2021
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖެ ނުދެކޭ ފަދަ އޯގާތެރި ވެރިއެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ ގިނަ ގޮންޖެހުންތަކެއް ހުއްޓަސް، ވައުދުތައް ފުރިހަމަ ކުރަން މަސައްކަތްކުރާ ކަމަށެވެ. އަދި ތަފާތު ކުރުމެއް ނެތި ހުރިހާ ރަށްތަކަށް ތަރަައްގީ ގެނެސް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި އަދި އެއީ ރައްޔިތުންގެ ރަހުމަތްތެރިއެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެހެންވެ، މިހާރު ވެރިކަމުގައި ހުންނެވީ ރާއްޖެ ނުދެކޭ ފަދަ އޯގާތެރި ވެރިއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ އަޅުގަނޑުމެންގެ ގައުމު ނުދެކޭ ފަދަ ބޭފުޅެކޭ. އަޅުގަނޑުމެން މި ވާހަކަ ދެއްކީ 2018 ގައި. އެ ދުވަހު ވެސް އަޅުގަނޑުމެން މި ކަހަލަ ސްޓޭޖުތަކަށް އަރައި، ރައްޔިތުންނަށް އަޅުގަނޑުމެން ދިން ޔަގީން ކަމަކީ މި ވެގެންދާނީ ރައްޔިތުންނަށް އޯގާތެރި، ރައްޔިތުންނަށް އަޅާލާ، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދެއްވާ އަދި ކުދި ބޮޑު އާބާދީގެ ތަފާތު ކުރުމެއް ނެތި، ގައުމު ތަރައްގީ ކުރަން، 21 ވަނަ ގަރުނަށް ބޭނުންވާ ފަދަ ޖީލެއް ތައްޔާރު ކުރުމަށްޓަކައި ހީވާގި ކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅެކޭ،" މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ނައިބު ރައީސްކަމަށް އިންތިހާބުކުރި ފައިސަލް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން އެ ވާހަކަ ދިގުކޮށް ދައްކާކަކަށް ނުޖެހޭ. އަޅުގަނޑަށް ހަނދާން ކުރަން އުނދަގޫ ޕްރޮޖެކްޓްތަކުގެ އަދަދު. އެއީ ގިނަވީމާ."
ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ އިތުރުން ފަޅުތައް ހިއްކުމާއި ދަތުރުފަތުރުގެ ނިޒާމުތައް ގާއިމްކުރަން އެއާޕޯޓްތަކާއި ފެރީގެ ނިޒާމުތައް ގާއިމް ކުރުމުގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީ ކުރަން ވެސް ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި މިހާރު ވެސް ހިނގަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ޒުވާނުން ބިނާކުރުމަށްޓަކައި ފުރަތަމަ ފަހަރަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބުނީ މި ސަރުކާރުގައި ކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ހޯރަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއު އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ރަށުގައި ތިބިގެން، އެއްކަލަ ގަދަ ކަނޑުގައި ދަތުރު ނުކޮށް، ޚިދުމަތް ލިބިގަތުމަށްޓަކައި ކޮން ފަދަ ބޮޑެތި މަސައްކަތްތަކެއްތޯ މި ކުރަނީ؟. މިއީ ރައްޔިތުންގެ އެތައް ލައްކަ ބައެއްގެ ލޮލުގެ ކުރިމައްޗަށް ފެންނަ ކަންތައްތައް،" އެމްޑީޕީގެ ޓިކެޓުގައި 2018 ގައި ވެރިކަމަށް އިންތިހާބުކުރިި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތައުރީފު ކުރައްވަމުން ނައިބު ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދައްކަންވީ މި ވާހަކަ. އަޅުގަނޑުމެން މަގުމައްޗަށް ނިކުމެ، ދައްކަންވީ ކޮންމެވެސް ބަޔަކު ބޭރުކުރާ ވާހަކައެއް ނޫން. ފިތުނަ ފަސާދައިގެ ވާހަކައެއް ނޫން."
މިއަދު އަޅުގަނޑުމެން އެ ވާހަކަ ދިގުކޮށް ދައްކާކަކަށް ނުޖެހޭ. އަޅުގަނޑަށް ހަނދާން ކުރަން އުނދަގޫ ޕްރޮޖެކްޓްތަކުގެ އަދަދު. އެއީ ގިނަވީމާ." --- ނައިބު ރައީސް
ނައިބު ރައީސް ވިދާޅުވިގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އާއި ދުނިޔޭގެ އިގްތިސާދު އެއްކޮށް، ހުއްޓިފައި އޮތް ދުވަސްވަރު ވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ހަމަޖައްސައިދިނެވެ. އަދިި އޭގެ ފަހުން އިގްތިސާދު ރަނގަޅު ކުރުމުގައި ވެސް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި އެކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތްޕުޅު ރައްޔިތުން ވެސް ބަލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"ބޯޑަރުތައް ބަންދު ކޮށްގެން ވެސް، މުޅި ދުނިޔެ ބަންދު ކޮށްފައި އޮތް ވަގުތު ވެސް ބަނޑަކަށް ނުޖެހޭ އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން މިއަދު އުފާ ކުރާކަމަކީ ރައީސުލްޖުމްހޫރިއްޔާ ރެއާއި ދުވާލު އެ ކުރެއްވި މަސައްކަތް ފެނިވަޑައިނުގަންނަވާ ރައްޔިތެއް ނުހުންނާނެ." ނައިބު ރައީސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ކޮންމެ މީހަކަށް ވެސް މިނިވަންކަމާ އެކު ބޭނުންވާ ޚިޔާލުތައް ފާޅު ކުރުމާއި އެއްވުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށާއި އަދި އިދިކޮޅު ފަރާތްތަކުގެ މައްޗަށް ސިޔާސީ ދައުވާތައް ކުރުން މިހާރު ނޯންނާނެ ކަމަށެވެ. އެކަމަކު މީގެ ތިން އަހަރު ކުރިން ރާއްޖެ އޮތީ އެގޮތަށް ނޫން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެގޮތުން އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުންނަށް ބޮޑެތި ދައުވާތައް އުފުލައި، ޖަލަށްލި ކަން ފާހަގަ ކުރެއްވި އެވެ.
"ކާކުތޯ މިއަދު ޖަލުގައި ހުރީ؟. ކޮން ސިޔާސީ ދައުވާއެއްތޯ ކުރީ؟. ހަމަޖެހިގެން މި އުޅެނީ. ބޭނުން ވާހަކައެއް އަޅުގަނޑުމެންގެ އޮންނަ ހުދޫދުގެ ތެރެއިން އެބަ ދެއްކޭ. މަގުތަކަށް އެބަ ނިކުމެވޭ. ބޭނުންވާ ބަސް އެބަ ބުނޭ. ޓްވީޓް ކުރެވޭ. ފޭސްބުކްގައި ލައިކް ޖެހޭ. މިނިވަންކަން އެބައޮތް." ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގައުމު ތަރައްގީ ވާނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށާއި އެހެންވެ، އެންމެން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭ ކަމަށެވެ. އަދި ހަމަޖެހުން ގާއިމު ކުރެވޭނީ މީހުން ފަހަތުން ދިއުމަށްވުރެ، ސުލްހަވެރިކަމާ އެކު ތިބެގެން ކަމަށް ވިދާޅުވި އެވެ.
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް
ވަޒީރުންގެ މައްސަލަތަކެއް އޭސީސީގައި އޮތްތޯ ބަލަނީ
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟
އެމްޑީޕީން އިހަވަންދިއްޕޮޅު ތަރައްގީއެއްނުކުރާނެ: ސައީދު
ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް: އިބޫ
އިބޫ އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސެންޓުން: އަލީ
ފައިސަލަށް މަރުހަބާ ދަންނަވައި މަޝްވަރާއަށް ގޮވާލައިފި
ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ވެސް ސަރުކާރު ތެރެއިން؟
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް