Roadha Mihaaru
ކުޑަކުޑަ މާހިންއާ އެކު، މޮޅަދޫ ހެއްވާލައިފި

ކުޑަކުޑަ މާހިންއާ އެކު، މޮޅަދޫ ހެއްވާލައިފި

23 ނޮވެމްބަރ 2019

ގާތްގަނޑަކަށް 400 މީހުންގެ އާބާދީގެ ހއ. މޮޅަދު އަށް ޒަމާނީ ފެންވަރުގެ ބަނދަރެއް ލިބޭނެ ކަމުގެ ޔަގީންކަމާ އެކު މުޅި ރަށް މިއަދު ވަނީ އުފަލުން ފޮޅިފަ އެވެ. އޭގެ ތެރެއިން ވެސް އުމުރުން ތިން އަހަރު ވާން ކައިރި ވެފައިވާ މާހިން މުހައްމަދަށް ލިބޭ އުފާ މާބޮޑެވެ. އެންމެންގެ ނަޒަރު ވެސް މިއަދު ހުއްޓުނީ އޭނާ އަށެވެ. އެއީ، މި އަހަރުގެ ޖޫން މަހު ނައިބު ރައީސް ފައިސަލް ނަސީމް މި ރަށަށް ވަޑައިގެން ސަލާމް ކުރައްވަމުން ދަނިކޮށް، ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންތައް ނައިބު ރައީސަށް ދެންނެވީ މި ކުޑަކުޑަ މާހިން ކަމަށް ވާތީ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފައްޓަވައި ދެއްވުމަށް މިއަދު މިރަށަށް ވަޑައިގެން މާހިން ފެނުމާ އެކު، ނައިބު ރައީސް ވެސް އެ ހަނދާން އާވި އެވެ.

"ކޮބާ މި ފަހަރު މި އައީ ބަނދަރު ހަދަން" ކަމަށް ވިދާޅުވެ ނައިބު ރައީސް ފައިސަލް، މާހިންއާ ސަމާސާ ކުރެއްވީ އެ ސަބަބަށްޓަކަ އެވެ.

މާހިން، ނައިބު ރައީސްއާއެކު: ބަނދަރު ހަދައިދޭން ކުރިން ނައިބަށް ދެންނެވީ ކުޑަކުޑަ މާހިން-- ފޮޓޯ: ރައީސް އޮފީސް

މާހިން، ނައިބު ރައީސްއާއެކު: ބަނދަރު ހަދައިދޭން ކުރިން ނައިބަށް ދެންނެވީ ކުޑަކުޑަ މާހިން-- ފޮޓޯ: ރައީސް އޮފީސް

މުޅި ރަށް އެކަމަކަށް އާދޭސް ކުރާ ބަނދަރުގެ ވާހަކަ ނައިބު ރައީސަށް ދެންނެވުމުގެ ހިޔާލު ކުޑަ މާހިން އަށް އައީ ކިހިނެއް ކަމެއް އޭނާގެ ބެލެނިވެރިންނަށް ވެސް ނޭނގެ އެވެ.

"ބޮޑެތި މީހުން ދައްކާ ވާހަކަ ވަރަށް އަޑު އަހާނެ. އެ ކަހަލަ ވާހަކަ ވަރަށް ދައްކާނެ. އެ ދުވަހު އެހެން ދެންނެވީ މީހަކު ބުނެގެނެއް ވެސް ނޫން،" މާހިންގެ ބައްޕަ މުހައްމަދު އަލީ ބުންޏެވެ.

މާހިން، މިއަދު މާގިނަ ވާހަކައެއް ދައްކާކަށް ބޭނުމެއް ނެތެވެ. ހަމައެކަނި ބުނެލީ ވަރަށް އުފަލުން ހުރި ވާހަކަ އެވެ. ވީ އުފަލެއްގެ ބޮޑުކަމުން ކަމަށް ވެސް ވެދާނެ އެވެ.

މާހިންއާ، ބަނދަރާ ގުޅޭ އެހެން ސަބަބެއް ވެސް ވެ އެވެ. އޭނާގެ ބައްޕަ މުހައްމަދަކީ ލޯންޗެއްގެ ކައްޕި އެކެވެ. އެހެންވެ، ކިތަންމެ ކުޑަ ނަމަވެސް ބައްޕަ އަށް ދިމާވާ ދަތިކަން ވެސް މާހިން އަށް އިހުސާސް ކުރެވިދާނެ އެވެ.

މި ރަށު ކައުންސިލުން ބުނާގޮތުގައި، މިއީ ރަށުގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު މަޝްރޫ އެވެ. އަދި މިއީ އެތައް ޒަމާނެއްގެ އުންމީދެއް ހާސިލްވުން ކަމަށް ކައުންސިލާއި ރަށުގެ ރައްޔިތުން ބުނެ އެވެ. ޒަމާނުންސުރެ މީހުން އަރައި ފޭބުމަށް ރަށުގެ ހުޅަނގު ފަރާތުގައި އޮންނަ ޖެޓީ ބޭނުން ކުރާއިރު ގަދަ ދުވަސްތަކުގައި އެތަނަށް ކައިރި ނުކުރެވެ އެވެ.

މޮޅަދޫ ބަނދަރު ސަރަހައްދު: މިއީ ބޮޑު އިންތިޒާރެއްގެ ނިމުން-- ފޮޓޯ: އަހުމަދު ސާއިލް އަލީ/މިހާރު

މޮޅަދޫ ބަނދަރު ސަރަހައްދު: މިއީ ބޮޑު އިންތިޒާރެއްގެ ނިމުން-- ފޮޓޯ: އަހުމަދު ސާއިލް އަލީ/މިހާރު

މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވީ، މޫސުން ގޯސް ދުވަސްވަރާއި ދިޔަ ވަރު ހިކި ދުވަސްތަކުގައި ޖެޓީއަށް ދޯނިފަހަރު ކައިރި ނުކުރެވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. ރަށުން ބޭސްފަރުވާ ނުލިބޭތާ އެހެން ރަށަކަށް ވެސް ނުގެންދެވިގެންނެވެ.

"މީހުންގެ އެތައް މުދަލެއް ނެތިގެން ގޮސްފައި ވަނީ. އެތައް އޮޑި ދޯނި ފަހަރަކަށް ބޮޑެތި ގެއްލުން ވެފައި ވަނީ،" އެ ހިތްދަތި މާޒީ އޭނާ ހަނދާން ކޮށްދިނެވެ.

އެއް އަހަރުގެ ތެރޭ ނިންމަން ހަވާލުކޮށްފައިވާ މޮޅަދޫ ބަނދަރުގެ މަޝްރޫރުގައި 232 މީޓަރު ކަނޑު ތޮއްޓަކާއި 200 މީޓަރުގެ އެއްގަމު ތޮށްޓެއް ލާނެ ކަމަށެވެ. އަދި 42 މީޓަރު ރިވެޓްމެންޓް ޖަހާނެ އެވެ. އެއާއެކު މޮޅަދޫގެ އެންމެ ބޮޑު އުންމީދު ފުރިހަމަ ވީ އެވެ. ކުރީގެ ހިތްދަތިކަން މާޒީވީ އެވެ.

"ބަލި މީހުން ނުގެންދެވިގެން އުޅެން ޖެހޭ. ދިހަ، ބާރަ މީހުން ހިފަހައްޓައިގެން އޮޑިއަށް ލާން ޖެހޭ." މި ރަށު އަސުރުމާގޭ އަލީ އިބްރާހިމް 70، ބުންޏެވެ.

ކުރިން ކެޔޮޅަކަށް އުޅުނު އަލީ އިބްރާހިމް ބުނާގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުން ފެށިގެން މޮޅަދޫ ގައި ބަނދަރު ހެދުމަށް އައީ "ކަޑަ" ޖަހަމުންނެވެ. ނަމަވެސް އެކަމުގެ އެއްވެސް އަމަލީ މަސައްކަތެއް ނުކުރެ އެވެ.

މިއަދު އެކަން ހަގީގަތަކަށް ވުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މަސްވެރިކަމުގައި އުމުރުގެ ބޮޑުބައި ހޭދަ ކުރި އަލީ އިބްރާހިމް ބުންޏެވެ.

ކުޑަ އާބާދީ އޮތް މޮޅަދޫގެ ކުޑަ ކުޑަ މާހިން އާއި ހުރިހާ ރައްޔިތުން ވެސް ތިބީ މިއަދު ވަރަށް ހިތްހަމަ ޖެހިގެންނެވެ. ދިގު އިންތިޒާރަކަށް ނިމުން އަންނާތީ އެވެ.