Roadha Mihaaru
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހަ ޖަމާއަތަކަށް

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު ހަ ކުންފުންޏަކަށްދީފި

17 ނޮވެމްބަރ 2019

އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު ހަ ކުންފުންޏަކަށް އިސްލާމިކް މިިނިސްޓްރީން މިއަދު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު ހަ ކުންފުންޏަކަށް އިސްލާމިކް މިިނިސްޓްރީން މިއަދު ދީފި އެވެ.

މީގެ ކުރިން ވަނީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ 25 ކުންފުންޏަކަށް ދީފަ އެވެ. އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އާ އުސޫލުގެ ދަށުން ކުރިމަތިލި ފަރާތްތައް ބަލައި އުމްރާއަށް މީހުން ގެންދިއުުމަށް އިތުރު ހަ ކުންފުންޏެއް ކަނޑައަޅާފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ހުއްދަ ދީފައިވަނީ ދެ އަހަރަށެވެ.

އަލަށް ހުއްދަ ދީފައިވާ ކުންފުނިތައް

1- އަރަފާތު ހައްޖު އެންޑް އުމްރާ

2- ނިމްސާ ހައްޖު ވަލް އުމްރާ

3- ގާފިލާ ހައްޖު އެންޑް އުމްރާ

4- އަލް މަޝްއަރު ހައްޖު އެންޑް އުމްރާ

5- އަލް ބްރޫޖު ހޯލްޑިންސް

6- އަސްކޮއި ހައްޖު އެންޑް އުމްރާ

އުމްރާއަށް މީހުން ގެންދިއުމާ ބެހޭގޮތުން ހަދާފައިވާ އުސޫލަށް މިދިޔަ އޮކްޓޯބަރު މަހު ގެނައި އިސްލާހުތަކުގައި ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ވަނީ ގެެނެސްފަ އެވެ.

ކުރިން އުސޫލު އޮތްގޮތުން އެފަދަ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރަނީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ހިމެނޭ ގޮތަށް އޮންނަ ފަސް މެމްބަރުންގެ ކޮމެޓީއަކުން ކަމަށް ވިޔަސް، މިހާރު ގެނައި އިސްލާހު އޮތްގޮތުން ޕްރޮޕޯޒަލްތައް ޗެކް ކުރާނީ ހަމައެކަނި އިސްލާމިކް މިނިސްޓްރީންނެވެ.

ޕްރޮޕޯޒަލް ހުށަހަޅާއިރު އެއްވެސް މައުލޫމާތެއް ނުވަތަ ލިޔުމެއް މަދުވެއްޖެނަމަ ޕްރޮޕޯޒަލް ބާތިލްވާނެ ކަމަށް ކުރީގެ އުސޫލުގައި ބުނެ އެވެ. ނަމަވެސް ފަހުން ގެނައި އިސްލާހުގައި ހިމަނާފައި ވަނީ އެކަމެއް އިސްލާހު ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދޭންޖެހޭނެ ކަމަށެވެ.

އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ޝަރުތުތަކަށް ވެސް އެ އިސްލާހުގައި ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިން އުސޫލު އޮތްގޮތުން ހުއްދަ އަށް އެދި ހުށަހަޅާއިރު އެ ކުންފުނީގެ އެއްވެސް ޑިރެކްޓަރަކީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ ނުވަތަ ޚިޔާނާތުގެ ތުހުމަތު ކުރެވިގެން މައްސަލައެއް ހިނގަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ. މިހާރު އިސްލާހު އޮތްގޮތުން ހުއްދައަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވެސް އެ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ ނަމަ އެކަމުގެ ހުއްދައަށް އެދި އެ ކުންފުންޏަކަށް ޕްރޮޕޯޒަލް ހުށައެއް ނޭޅޭނެ އެވެ.