Roadha Mihaaru
"ދެ ކުދިން މަރުވިކަމަށް ބެލެވެނީ ވިހެއުމުގެ ކުރިން"

ދެ ކުދިން މަރުވިކަމަށް ބެލެވެނީ ވިހެއުމުގެ ކުރިން: އައިޖީއެމްއެޗް

16 ނޮވެމްބަރ 2019

އައިޖީއެމްއެޗްގައި ރޭ ދެ ކުދިން މަރުވިކަމަށް ބެލެވެނީ ވިހެއުމުގެ ކުރިން ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗްގައި ރޭ ދެ ކުދިން މަރުވިކަމަށް ބެލެވެނީ ވިހެއުމުގެ ކުރިން ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުގައި ވިހެއި ތިން ކުއްޖަކު ރޭ މަރުވެފައިވާ ކަމަށް އަޑުފެތުރުނަސް އެ ހޮސްޕިޓަލުން ބުނީ އެތަނުގައި މަރުވީ ދެ ކުއްޖެއް ކަމަށެވެ. ތިންވަނަ ކުއްޖަކީ އޭޑީކޭ ހޮސްޕިޓަލުގައި ވިހެއި ކުއްޖެކެވެ.

އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ އިއްޔެ އާއި ރޭ ވިއްސި ދެ ކުއްޖަކު މަރުވެފައިވާއިރު އެ ދެ ކުދިން ވެސް މަރުވެފައިވަނީ ވިހެއުމުގެ ކުރިންކަމަށް ބެލެވޭ ކަމަށެވެ.

ވިހެއުމުގެ ކުރިން އަދި ވިހެއުމަށް ފަހު ތުއްތު ކުދިން މަރުވާ މައްސަލައިގެ ފުރިހަމަ ތަހުގީގެއް އެ ހޮސްޕިޓަލުން އަބަދު ވެސް ގެންދާ ކަމަށް ބުންޏެވެ.

"ޕެރިނޭޓަލް/ ޕޯސްޓް ނޭޓަލް ކޮންމެ މަރަކީ ވެސް މި ހޮސްޕިޓަލުގެ ތެރޭގައި ތަހުގީގުކުރެވި މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ ކޮމެޓީން ވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބަލަމުންގެންދާ ކަމެއްކަމުގައި ވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.

އެ ކޮންމެ މަރެއްގެ ތަފްސީލް އާއިލާއިން ބޭނުންވެއްޖެ ނަމަ ހިއްސާކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލުގައި ފުރާނައެއް ވަކިވާ ކޮންމެ ފަހަރަކު ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެކަމުގެ ފުން ހިތާމަ އިހްސާސްކުރެވޭ ކަމަށް ބަޔާނުގައި ބުންޏެވެ