14 ނޮވެމްބަރ 2019
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބަލައިނުގަންނަވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބަލައިނުގަންނަވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްޗަށް ޖޭއެސްސީން ބެލި ސުލޫކީ މައްސަލަތަކެއް ސާބިތުވާ ކަމަށް ނިންމައި، އެ ދެ ބޭފުޅުން ސަސްޕެންޑް ކުރުމުގެ އިތުރުން މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވެސް ވަނީ ޖޭއެސްސީގެ އެ ނިންމުން ރަނގަޅު ކަމަށް ނިންމައި، ފާސް ކުރުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައިވަނީ ފަނޑިޔާރަކު ނިންމި ނިންމުމަކާ ގުޅިގެން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ބާވަތެއްގެ ސުލޫކީ މައްސަލައެއް ބެލުމަކީ ޖޭއެސްސީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެއާ ޚިލާފަށް އެ ކޮމިޝަނުން އަމަލު ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމާއި އެ ކޮޮމިޝަންގެ މެމްބަރުން ހުވަޔާއި ޚިލާފްވުން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެމަނިކުފާނާއި ފަނޑިޔާރު އާދަމް ސަސްޕެންޑްކުރި ކަމަށް ކޮމިޝަނުން ނިންމީ ގާނޫނާ ޚިލާފް އިޖްރާއާތުތަކެއް ހިންގައިގެން ކަމަށާއި އެހެންވެ، އެކަން ބަލައިނުގަންނަވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެ ނިންމުމަށް ތަބާވުމަކީ އަޅުގަނޑު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ ހައިސިއްޔަތުން ކޮށްގެން ހުރި ގާނޫނީ ހުވަޔާއި ޚިލާފްވެ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރިވުން ކަމުގައިވާތީ އެ ނިންމުން ބަލައިނުގަތުމަށް ނިންމައި، އެ ވާހަކަ އެންމެހައި ލޮބުވެތި ރައްޔިތުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެމަނިކުފާނު ސަސްޕެންޑް ކުރުމަށް ފަހު ސުޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލު ކުރަން ޖޭއެސްސީން ނިންމީ ވެސް ގާނޫނާ ޚިލާފަށެވެ. ސުޕްރީމް ކޯޓަކީ ހުރިހާ ގޮތަކުން ބެލިޔަސް، ޖޭއެސްސީއަށް ވުރެ މަތީ މުއައްސަސާއެއް ކަމަށާއި އެ ކޯޓަކީ އެ ކޮމިޝަންގެ ބެލުމުގެ ދަށުން ހިނގަމުންދާ ކޯޓަކަށް ނުވާއިރު، އެ ކޯޓު ހިންގުން އެހެން ފަނޑިޔާރަކާ ހަވާލު ކުރަން ނިންމީ ވެސް އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވާ ގޮތުން ވަކި ގޮތަކަށް ފަނޑިޔާރު ނިންމި ނިންމުމެއްގެ ސަބަބުން ފަނޑިޔާރުން ވަކި ކުރެވޭ ނަމަ އެކަމަކީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ކޯޓުތަކުގެ މިނިވަންކަން ގެއްލި، ފަނޑިޔާރުން ވަކި ކުރުމުގެ ސަގާފަތެއް އުފެދިގެންދާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން ފަނޑިޔާރަކު ހުއްދަ ނޫން އެއްވެސް އަމަލެއް ހިންގި ކަމުގެ އެއްވެސް ހެއްކެއް ދެއްކުމެއް ނެތި އަދި ވުޖޫދުގައި ނެތް މައްސަލަތަކެއް ދައްކައިގެން ޖޭއެސްސީން ހިންގާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މިދެންނެވި ގޮތުގެ މަތިން ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އެތައް ކަމެއް ކޮމިޝަނުން ހިންގާފައިވަނީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިފައިވާ ދުުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ނަގައިގެންނެވެ. އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓުގެ ބަދަލުގައި އެ ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ ކަމަށް ސިފަވެގެންދާނެ ގޮތުންނެވެ." އެ ބަޔާނުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
"ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާންޖެހޭ އަސާސެއް ނެތް"
ފަނޑިޔާރުންނާ ގުޅޭ 200 މައްސަލަ ބެލިން: ޖޭއެސްސީ
ވަކި ވަގުތަކު ފިޔަވަޅު ނޭޅޭނެކަމަށް ނުދެކޭތި: ހިސާން
އުއްތަމަ ފަނޑިޔާރުގެ ތަހުގީގު ރިޕޯޓް ބަލައެއް ނުގަތް
އުއްތަމަ ފަނޑިޔާރުގެ މައްސަލާގެ ރިޕޯޓް ފޮނުވައިފި
އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޖޭއެސްސީ ވަރުގަދަ ހިފުމަކަށް! ދެން ވާނީ ކިހިނެއް؟
ބަޔާން ނެރުމުން އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބަލަނީ
"ހުކުމްތަކުގެ މައްސަލަތައް ޖޭއެސްސީއަކަށް ނުބެލޭނެ"