Roadha Mihaaru
ޖޭއެސްސީ ވަރުގަދަ ހިފުމަކަށް! ދެން ވާނީ ކިހިނެއް؟

ޖޭއެސްސީ ވަރުގަދަ ހިފުމަކަށް! ދެން ވާނީ ކިހިނެއް؟

23 އޮކްޓޯބަރ 2019

ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސުޕްރީމް ކޯޓާ ދެމެދު ކޮންމެވެސް ސިފައެއްގައި ކުރިމަތިލުންތަކެއް ނުހިނގާ އެއްވެސް ސަރުކާރެއް ނެތެވެ. ސުޕްރީމް ކޯޓު އުފެދުނު ފަހުން އެފަދަ އެތައް މަންޒަރެއް ފެނިއްޖެ އެވެ. އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ކުރީގެ ސަރުކާރުގައި މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކަކީ ވެސް އޭގެ ހެއްކެކެވެ. އެކަމަކު މިފަހަރު އަރައިރުން މި އުފެދުނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓާ ދެމެދު އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސުޕްރީމް ކޯޓާ ދެމެދު ކޮންމެވެސް ސިފައެއްގައި ކުރިމަތިލުންތަކެއް ނުހިނގާ އެއްވެސް ސަރުކާރެއް ނެތެވެ. ސުޕްރީމް ކޯޓު އުފެދުނު ފަހުން އެފަދަ އެތައް މަންޒަރެއް ފެނިއްޖެ އެވެ. އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ކުރީގެ ސަރުކާރުގައި މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކަކީ ވެސް އޭގެ ހެއްކެކެވެ. އެކަމަކު މިފަހަރު އަރައިރުން މި އުފެދުނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓާ ދެމެދު އެވެ.

މީގެ ދެތިން މަސް ކުރިން، އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަން ނިންމައި، ޖޭއެސްސީން އޭނާ ސަސްޕެންޑް ކުރި ހިސާބަކީ ސުޕްރީމް ކޯޓާއި ޖޭއެސްސީއާ ދެމެދު ޚިޔާލު ތަފާތުވުން އުފެދުމުގެ ފެށުމެވެ. އެ ސަސްޕެންޝަނާ ދެކޮޅަށް އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ އެކު އެ ކޯޓުން ޖޭއެސްސީގެ މައްޗަށް ނެރުނީ ވަގުތީ އަމުރެކެވެ. އެއީ ކޯޓުން މައްސަލަ ނިމެންދެން، ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރުމަށާއި އެ މައްސަލާގައި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

އެ އަމުރު ނެރުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް، ފާޅުގައި ދެކޮޅުހަދައި ޖޭއެސްސީން ނިންމީ އިތުރު ނިންމުމެކެވެ. އެއީ އަމުރު ނެރުނަސް، އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށެވެ. ޖޭއެސްސީން "ގަދަ ބަސް" ބުނުމާ އެކު، އިތުރަށް މައްސަލަ ބޮޑުވެގެންދާނެ ކަމަށް ބެލެވުނަސް، ސުޕްރީމް ކޯޓުން އެހެން ފިޔަވަޅެއް ނާޅަ އެވެ. އެންމެ ފަހުން، ޖޭއެސްސީން މައްސަލަ ބެލުމަށް ފަހު މަޖިލީހަށް ފޮނުވައިގެން ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކޮށް ހުރިހާ މަރުހަލާއެއް ނިމުނީ ގިނަ ބަޔަކު ހީކުރި ވަރަށް ވުރެ އޮމާންކޮށެވެ.

އަނެއްކާވެސް ޖޭއެސްސީ އާއި ސުޕްރީމް ކޯޓާ ދެމެދު މައްސަލަގަނޑެކެވެ. މިފަހަރުގެ ފެށުމަކީ ސުޕްރީމް ކޯޓުން ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކުގެ މައްސަލަތައް ބަލަން ރައްޔިތުންގެ މަޖިލީހުން ނިންމުމެވެ. އެ ހިސާބުން ޖޭއެސްސީން އެ މަސައްކަތް ފަށައި، ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ތެރެއިން ބައެއް ނިންމުންތައް ފާހަގަކޮށް، އެކަމާ ގުޅޭ ރިޕޯޓެއް އެ ކޮމިޝަންގެ ކޮމެޓީއަކުން އެކުލަވާލި އެވެ.

އެ ރިޕޯޓާ މެދު އެ ކޮމިޝަނަށް ގޮތެއް ނުނިންމެނީސް، އެ ދެމެދަށް އައީ ރާއްޖޭގެ ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ދެކުނު އެފްރިކާގެ ރިޓަޔާޑް ފަނޑިޔާރު ޔޮހާން ކްރިގްލާ ނެރުއްވި ރިޕޯޓެކެވެ. ކްރިގްލާގެ ރިޕޯޓުގައި ވެސް މައިގަނޑު ގޮތެއްގައި ހުރިހާ ކަމެއްހެން އަމާޒު ކޮށްފައި އޮތީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން އަމަލުކޮށްފައިވާ ގޮތުން އިތުބާރު ގެއްލިފައިވާ ކަމަށާއި އެ ކޯޓުގެ ފަނޑިޔާރުން ވަކިކުރުން މުހިންމު ކަމަށް ބުނެފައި އޮތެވެ. އެއީ ކަންކަން ބަލަން އަނެއްކާވެސް ޖޭއެސްސީއަށް ލިބުނު ބާރެކެވެ.

ޖޭއެސްސީން މިހާރު ވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައިފަ އެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ފަނޑިޔާރު އަބްދުﷲ އަރީފާއި އިތުރު ދެ ފަނޑިޔާރަކު ވެސް ހިމެނެ އެވެ.

ފުލުފުލުގައި ޖޭއެސްސީން ބަލަން ފެށި މައްސަލަތަކާ އެކު، "ހުޅުގަނޑު ފަޅައިގެން" ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތް ކަމަށްވާ އުއްތަމަ ފަނޑިޔާރު ތެދުވެވަޑައިގެން ބަޔާނެއް ނެރުއްވުމުންނެވެ.

އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން މިހާރު ބަލަމުން ދަނީ އެ ކޮމިޝަނަށް ބެލުމުގެ ބާރު އޮތް މައްސަލަތަކެއް ނޫން ކަމަށް ބަޔާނުގައި ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި ދައްކަވަނީ ޖޭއެސްސީން ބަލަމުން ދާ ކަމަށް އެންގި 15 ކަމަކާ ގުޅުން ހުރި މައްސަލަތަކަކީ ސުޕްރީމް ކޯޓުން ނިންމާފައި ހުރި ނިންމުންތަކެއް ކަމަށް ވެފައި، ފަނޑިޔާރަކު ކުރާ ހުކުމެއް ނުވަތަ ނެރޭ އަމުރަކާ ގުޅިގެން އެ ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮންނަ އޮތުމެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވާ ގޮތުގައި އެއީ ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ބައިނަލްއަގްވާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނު އަސާސީ ވެސް މަނާކުރާ ކަމެކެވެ. އެހެންކަމުން ޖޭއެސްސީގެ އަމަލް، އެމަނިކުފާނު ސިފަކުރެއްވީ، "ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވައިގެން ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ފަނޑިޔާރުން ގެންދަން ކުރާ މަސައްކަތެއް"ގެ ގޮތުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް އުއްތަމަ ފަނޑިޔާރު ގޮވާލެއްވީ އެކަންކަން ހުއްޓުވައި ދެއްވުމަށެވެ.

ޖޭއެސްސީ އަނެއްކާ ރައްދު ދިނެވެ. އުއްތަމަ ފަނޑިޔާރުގެ ބަޔާނާ ބެހޭ ގޮތުން ޖޭއެސްސީން ބުނީ އެއީ ކޮމިޝަނުން ބަލާ މައްސަލަތަކަށް ނުފޫޒު ފޯރުވައި، ހުރަސް އެޅުން ކަމަށެވެ. ނަތީޖާއަކަށް ވީ އުއްތަމަ ފަނޑިޔާރުގެ އިތުރު މައްސަލައެއްގެ ގޮތުގައި އެކަން ފެންމަތިކޮށް، އެ މައްސަލަ ވެސް ބަލަން ފެށުމެވެ.

ސުޕްރީމް ކޯޓު -- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު -- ފޮޓޯ/މިހާރު

މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ހިމެނޭ ގޮތުން ފަނޑިޔާރުން މަގާމުން ދުރުކޮޮށްފައި އޮތީ އެ ބޭފުޅުން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމާ ސީދާ ގުޅުން ހުރި ކަންތައްތަކެއްގައެއް ނޫނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރީ ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ.

އޭގެ ފަހުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު މުހައްމަދަށް މަގާމު ގެއްލުނީ ޖިނާއީ ކުށްތަކެއް އިސްތަށިފުޅުގައި އަޅުވައި، އެކަން ސާބިތުވުމާ ގުޅިގެން އޮޓަމެޓިކުންނެވެ. ދާދި ފަހުން ވަކިކުރި އަބްދުﷲ ދީދީ ވެސް ވަކިކުރީ ފަނޑިޔާރު ކަމުގެ މަސްއޫލިޔަތު އަދާކުރުމުގައި ނިންމި ނިންމުމެއްގެ މައްޗަށް ސީދާ ބިނާ ކޮށްގެނެއް ނޫނެވެ.

އެހެންވެ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރަކާ ގުޅޭ ގޮތުން ޖޭއެސްސީން މިހާރު ބަލާ މައްސަލަތަކަކީ ކޯޓަކުން ނިންމި ނިންމުންތަކަކާ ގުޅުވައިގެން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ކުރިއާ ހިލާފަށް މުޅިން ތަފާތު ކަމެކެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ދައުލަތުގެ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވިޔަސް އަދި އަމިއްލަ ފަރުދަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެ އެވެ. އެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް ދިނުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނުގައި ވަނީ ފަނޑިޔާރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރި ހުކުމެއް ނުވަތަ ނެރުނު އަމުރަކާ ގުޅިގެން ނުވަތަ ދިން ރައުޔަކާ ގުޅިގެން އިސްތިއުނާފްގެ އުސޫލުގެ ބޭރުން ނުވަތަ ފަނޑިޔާރުންނާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް އޮންނަ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށެވެ.

އެއީ އެއްވެސް ނުފޫޒެއް އަދި ބިރެއް ނެތި ފަނޑިޔާރުން އެ މީހުން ޒިންމާ އަދާކުރުމަށް ފުރުސަތު ދިނުމަށްޓަކައި ގާނޫނުގައި އޮންނަ ޚާއްސަ ރައްކާތެރި ކަމެކެވެ. ނަމަވެސް ރައްކާތެރިކަމުގެ އެ ރޮނގު ދަމާލެވޭނީ ކިހާ ދުރު މިނަކަށް ހެއްޔެވެ؟.

ފަނޑިޔާރުން އައްޔަން ކުރުން ނުވަތަ ސުލޫކީ މައްސަލަ ބެލުން ވިޔަސް، ޖޭއެސްސީގެ ނިންމުންތަކާއި މަސައްކަތްތަކާ މެދު ސުވާލު އުފައްދަން އަބަދުވެސް ޖާގަ ހުޅުވިފައި އޮތީ ސިޔާސީ ބޭފުޅުންތަކެއް އެ ކޮމިޝަންގައި ތިއްބަވައިގެން ނިންމާ ނިންމުންތަކާ މެދު އިތުބާރެއް ނެތުމުންނެވެ. މިހާރު ވެސް އޮތީ ހަމަ އެ ހާލަތުގަ އެވެ. މި ސަރުކާރު އައީ ޖޭއެސްސީ ބަދަލު ކުރުމުގެ ވައުދާ އެކު ކަމަށް ވިޔަސް، އެ ކޮމިޝަން އެކުލެވޭ ގޮތް ބަދަލުކުރަން މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ހަމައެކަނި ކޮމިޝަންގެ މެމްބަރުން ބަދަލުވެ، ސަރުކާރާއި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ބާރު ގަދަވާނެ ގޮތް ފިޔަވަ އެވެ.

ގާނޫނީ ބައެއް ބޭޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ފަނޑިޔާރުންގެ ގާނޫނު އޮތީ ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން ސުލޫކީ މައްސަލައެއް ބެލިދާނެ ފަދަ ގޮތަކަށެވެ. އެކަމަކު ނިންމާ ނިންމުމަކާ ގުޅިގެން ސުލޫކީ މައްސަލައެއް ބެލޭނީ ފަނޑިޔާރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފް ކަމެއް އޮވެގެން ކަމަށާއި އެކަމަކު އޭގެ ސަބަބުން ބައެއް ހާލަތްތަކުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު މިހާރު އެބަ އޮތް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ސަރުކާރާ ދެކޮޅަށް މައްސަލައެއް ނިންމިޔަސް، ކޮންމެވެސް ސުލޫކީ މައްސަލައެއް އެބަ އޮތޭ ކިޔާފައި ބަލަން ފެށިދާނެ. އޭގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ހުރަސް އެޅޭނެ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެފައިވާ ގޮތުން ކްރިގްލާގެ ރިޕޯޓަކީ ޖޭއެސްސީން ކޯޓުތަކަށް ނުފޫޒު ފޯރުވަން ދިން ހުއްޖަތެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ޖެހޭނެ ކަމަށް އެ ރިޕޯޓުގައި އޮތްއިރު، ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާ މައްސަލަ ކްރިގްލާގެ ރިޕޯޓުގައި ނެތީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ. އަދި ގާނޫނާ ޚިލާފަށް ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހިންގާ އަމަލުތަކާ މެދު ގާނޫނީ ދާއިރާ ހަނު ތިބޭ ސަބަބާ މެދު ވެސް ސުވާލު ކުރެއްވި އެވެ.

އެކަމަކު ޖަމީލް އެގޮތަށް ވާހަކަ ދެއްކެވިޔަސް، ޖޭއެސްސީން މިހާރު ބަލަމުން އަންނަ މައްސަލަތަކުގައި ހިމެނޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުބާރު ވަނީ، މިދިއަ ސަރުކާރުގެ ދުވަސްވަރު ނިންމެވި ނިންމެވުންތަކުގެ ސަބަބުން ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އަދި ގާނޫނުއަސާސީގައި އޮޅުމެއް ނެތް މިންވަރަށް ސާފުކޮށް ބުނެފައި ހުރި ބައެއް ކަންކަމާ ސީދާ ދެކޮޅު ނިންމުންތައް ވެސް ނިންމަވާފައިވެ އެވެ. އޭގެ ތެރޭގައި ޕާޓީ ބަދަލުކުރުމުން ރަައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށް، ސުޕްރީމް ކޯޓުން ނެރުނު އަމުރު ހިމެނެ އެވެ.

ޖޭއެސްސީން ބަލަމުން އަންނަ މައްސަލަތަކަށް ފަހު ފަނޑިޔާރުންނާ ގުޅޭ ގޮތުން ނިންމާ ނިންމުން ވާނީ އަނެއްކާވެސް ބޮޑު ކަމަކަށެވެ.