Roadha Mihaaru
ތުރުކީން ފޮނުވާލި އައިއެސް މީހާ ބޯޑަރުގައި ތާށިވެފައި

ތުރުކީން ފޮނުވާލި އައިއެސް މީހާ ގްރީސްގެ ބޯޑަރުގައި "ތާށިވެފައި"

13 ނޮވެމްބަރ 2019

އަންކަރާ (ނޮވެމްބަރު 13) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ހަނގުރާމަކުރި އެމެރިކާ މީހާ ތުރުކީން ފޮނުވާލި ނަމަވެސް އޭނާ މިހާރު ހުރީ ގްރީސް ބޯޑަރުގައި "ތާށިވެފައި" ކަމަށާއި އެއީ ތުރުކީއާ ބެހޭ ކަމެއް ނޫން ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކަރާ (ނޮވެމްބަރު 13) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ހަނގުރާމަކުރި އެމެރިކާ މީހާ ތުރުކީން ފޮނުވާލި ނަމަވެސް އޭނާ މިހާރު ހުރީ ގްރީސް ބޯޑަރުގައި "ތާށިވެފައި" ކަމަށާއި އެއީ ތުރުކީއާ ބެހޭ ކަމެއް ނޫން ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެމެރިކާ މީހާ ބޯޑަރުގައި ތާށިވީ އޭނާ ގްރީސް އަށް އެތެރެވުމުގެ ހުއްދަ ނުދިނުމުން ކަމަށެވެ.

އުރުދުޣާން ވިދާޅުވީ އައިއެސްގެ މެންބަރުން ބޯޑަރުގައި ތާށިވުމުން އެކަމާ ތުރުކީން ކުރާނެ ކަމެއް ނެތް ކަމަށާއި އައިއެސްގެ އިތުރު މީހުން އަދިވެސް ޑިޕޯޓްކުރާނެ ކަމަށެވެ.

"އެ މީހުންނާއި ހަވާލުވިޔަސް ނުވިޔަސް ތުރުކީން ދާނީ އައިއެސް މީހުން ޑިޕޯޓް ކުރަމުން،" އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީގެ އޮފިޝަލުން ބުނީ އައިއެސް އަށް ނިސްބަތްވާ އެމެރިކާ މީހާ ވަނީ އޭނާގެ ގައުމަށް ދިއުމަށް ދެކޮޅު ހަދައިފައި ކަމަށެވެ. އަދި އޭނާ ބޭނުންވީ ގްރީސް އަށް ދާން ކަމަށް ވެސް ބުނެފައިވެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ އައިއެސް އަށް ނިސްބަތްވާ އެމެރިކާ މީހަކު ތުރުކީން ހިފަހައްޓައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ތުރުކީން ބުނީ ޖަރުމަން، ފްރާންސް، އަޔަލޭންޑް އަދި ޑެންމާކަށް ނިސްބަތްވާ އައިއެސްގެ 20 މީހަކު ވެސް އެ މީހުންގެ ގައުމުތަކަށް ފޮނުވާފައިވާ ކަމަށެވެ.

ތުރުކީން ބުނީ އެ ގައުމުގެ ޖަލުތަކުގައި ތިބި އައިއެސްގެ 2،500 އަށް ވުރެ ގިނަ ހަނގުރާމަވެރިން އެ މީހުންގެ ގައުމުތަކާ ހަވާލުކުރަން ބޭނުންވާ ކަމަށެވެ. މީގެ ތެރޭން ގިނައީ ޔޫރަޕް މީހުންނެވެ. ނަމަވެސް އެ މީހުންނާ ހަވާލުވުމަށް ޔޫރަޕުގެ ގައުމުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އައިއެސްއާ ގުޅުނު 100 އަށް ވުރެ ގިނަ މީހުންގެ ރަށްވެހިކަން އިނގިރޭސިވިލާތުން ވަނީ ބާތިލްކޮށްފަ އެވެ.