Roadha Mihaaru
އައިއެސްއާ ގުޅުނު 15 އަންހެނަކު ދަންޖައްސަން ހުކުމްކޮށްފި

އައިއެސްއާ ގުޅުނު ތުރުކީގެ 15 އަންހެނަކު ދަންޖައްސަން ހުކުމްކޮށްފި

26 ފެބުރުއަރީ 2018

ބަޣުދާދު (ފެބްރުއަރީ 26) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުނުކަން ސާބިތުވި ތުރުކީގެ 15 އަންހެނަކު ދަންޖައްސަން އިރާގުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ފެބްރުއަރީ 26) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުނުކަން ސާބިތުވި ތުރުކީގެ 15 އަންހެނަކު ދަންޖައްސަން އިރާގުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މަރަން ހުކުމްކުރި އެންމެން ވެސް ވަނީ އައިއެސްގެ ހަނގުރާމަވެރިންނާ ކައިވެނި ކުރި ކަމަށް އެއްބަސްވެފަ އެވެ. އަދި އެ މީހުން ވަނީ އައިއެސް އަށް ލޮޖިސްޓިކް ސަޕޯޓްދީ، ޓެރަރިސްޓް ހަމަލާތައް ދިނުމުގައި އެހީތެރިވެދީފައިވާ ކަމަށް އެއްބަސްވެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ހުކުމް އިއްވި އަންހެނުންގެ އުމުރަކީ 20-50 އަހަރާ ދެމެދެވެ. ބަޣުދާދުގެ ސެންޓްރަލް ކްރިމިނަލް ކޯޓަށް އެ މީހުން އިއްޔެ ހާޒިރުކުރި އިރު ތިބީ ކަޅު ހެދުމުގަ އެވެ. މީގެ ތެރޭން ހަތަރު އަންހެނެއްގެ ދަރިން ވެސް ތިއްބެވެ. އެއް އަންހެނަކު ބުނި ގޮތުގައި އޭނާ ވަނީ އައިއެސްއާ ގުޅިގެން ހަނގުރާމަ ވެސް ކޮށްފަ އެވެ.

ސީރިއާ އާއި އިރާގުގައި ހަނގުރާމަ ކުރަނިކޮށް އައިއެސްގެ އެތައް ހަނގުރާމަވެރިންނެއް ވަނީ މަރުވެފަ އެވެ.

އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމަ ނިމުނުކަން އިރާގުން އިއުލާންކުރީ ޑިސެމްބަރު މަހު އެވެ.

އައިއެސްއާ ގުޅިފައިވާ ބިދޭސީ 560 އަންހެނުންނާއި 600 ކުޑަ ކުދިން މިހާރު ވެސް އިރާގުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭން 300 މީހުންނަކީ ތުރުކީ އަންހެނުންނެވެ.

މަރަން ހުކުމްކުރި އަންހެނުންގެ ފަރާތުން ވަކާލާތު ކުރި ވަކީލުން ބުނެފައި ވަނީ އެ މީހުން އިރާގަށް ގެންގޮސްފައި ވަނީ އޮޅުވާލައިގެން ކަމަށެވެ. މަރަން ހުކުމް ކުރި މީހުންގެ މައްސަލަ އިސްތިއުނާފް ކުރަން އެއް މަސް ދުވަސް ލިބޭނެ އެވެ.

އިރާގުގެ ޓެރަރިޒަމާ ދެކޮޅު ގާނޫނުގައިވާ ގޮތުން އައިއެސްއާ ގުޅުނުކަން ސާބިތުވި ކޮންމެ މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ އެވެ.

އައިއެސްއާ ގުޅިފައިވާ އަންހެނުންގެ ތެރޭން ހުވަފަތްވެފައިވާ 12 މީހެއްގެ މައްޗަށް އިރާގުގެ ކޯޓަކުން މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.