Roadha Mihaaru
ޕިކްނިކް ރަށަށް ދެވޭ އަގު 80ރ. އަށްވުރެ ކުޑަވާނެ

ޕިކްނިކް އައިލެންޑަށް ދެވޭ އަގު 80ރ. އަށްވުރެ ކުޑަވާނެ

12 ނޮވެމްބަރ 2019

ޕިކްނިކް އައިލެންޑުގެ ގޮތުގައި ކ. އެނބޫދޫފަޅުގައި ތަރައްގީކުރާ ރަށަށް ދެވޭ ޓިކެޓުގެ އަގު 80ރ. އަށްވުރެ ކުޑަވާނެ ކަމަށް، އެ މަސައްކަތުގެ ކޮންސަލްޓަންޓް ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕިކްނިކް އައިލެންޑުގެ ގޮތުގައި ކ. އެނބޫދޫފަޅުގައި ތަރައްގީކުރާ ރަށަށް ދެވޭ ޓިކެޓުގެ އަގު 80ރ. އަށްވުރެ ކުޑަވާނެ ކަމަށް، އެ މަސައްކަތުގެ ކޮންސަލްޓަންޓް ބުނެފި އެވެ.

ޕިކްނިކް އައިލެންޑް ތަރައްގީކުރަން ޕްލޭނިން ޕްލޭނިން މިިނިސްޓްރީން ހަމަޖައްސާފައިވާ ލައްމެޔާ ކުންފުނީގެ ކޮންސަލްޓަންޓް ހުސެއިން ޒާހިރު ވިދާޅުވީ ދިވެހިންނާއި ވޯކް ވިސާ އޮތް ބޭރު މީހުންނަށް ރިޓާން ޓިކެޓު 80ރ. އަށްވުރެ ކުޑަވާނެ ކަމަށެވެ. އަދި ޕިކްނިކް އޭރިޔާ އަށް ވަނުމަށް 10ރ. ދައްކަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ފެރީ ދަތުރުތައް އޮންނާނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 6:00 ވަންދެނެވެ.

ހުސެއިން ވިދާޅުވީ ޕިކްނިކް ސަރަހައްދުގައި ބާބަކިއު އޭރިޔާ އާއި ފެމިލީ ރޫމާއި ނާސިން ރޫމާއި މިސްކިތް ހުންނާނެ ކަމަށެވެ. އެތަން ހަދާފައި ހުންނާނީ ފުރޮޅުގޮނޑީގައި ވެސް އުޅެވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ. އެކަމަކު އަމިއްލަ އަށް ކައްކައި ކެއުމުގެ ފުރުސަތެެއް ނޯންނާނެ އެވެ.

ޕިކްނިކް އައިލެންޑަށް އާއްމުންގެ ހިޔާލު ހޯދަން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ވަރަށް މަދު ބައެކެވެ. އެ މީހުން ވެސް ވަނީ ގުދުރަތީ ސިފައެއް ނެތް، ހިއްކައިގެން ހަދާ ތަނަކަށް ޕިކްނިކް ދާން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އެކަމަށް ޖަވާބުދެއްވަމުން ހުސެއިން ވިދާޅުވީ މިހާރު ވެސް ހިއްކައިގެން ރިސޯޓުތައް ހަދައިގެން އެތަންތަން ޓޫރިސްޓުުންނަށް ވިއްކާ ކަމަށެވެ. އެގޮތަށް، ޕިކްނިކް ދިއުމަށް ހާއްސަކުރި ރަށުގައި ވެސް ރީތި ބީޗެއް ހެދޭނެ ކަމަށް ވިދާޅުވި އެވެ.

ކަންބޮޑުވުން ފާޅުކުރި އެހެން މީހަކު ވަނީ ޕިކްނިކް އައިލެންޑެއް ހަމަޖެއްސުމުގެ ކުރިން އެކަމަށް އާއްމުންގެ ހިޔާލު ހޯދާފައިވޭތޯ އަހައިފަ އެވެ. އަމިއްލަ ގައުމުގައި ވެސް ދިވެހިން ތިބީ ދެ ވަނަ ދަރަޖައިގައި ކަމަށް އޭނާ ބުންޏެވެ.

"ގޮސްލާނެ ގުުދުރަތީ ރަށްގަނޑެއް ވެސް މި އަތޮޅުތެރޭގައި ބާކީ ނެތް. ކުރިން ދަތުރުދިޔަ މާދޫފިނޮޅު، އުޅަހަލި، ކުޑަ ބަނޑޮސް، ފޭދޫފިނޮޅު. ހުރިހާ ތަނެއް ގެސްޓުންނަށް ދީ ހުސްކޮށްލީ. އަހަރުން ނޭވާލަން ދާނެ ތަންކޮޅެއް ވެސް ނެތް. އެކަމަކު ހައްލަކަށް މި ދެނީ އާޓިފިޝަލީ ހަދާފައި ހުރި ތަނެއް،" އޭނާ ބުންޏެވެ.

ޕިކްނިކް އައިލެންޑަށް ހިޔާލު ހުށަހަޅަން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕިކްނިކް އައިލެންޑަށް ހިޔާލު ހުށަހަޅަން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ބުނީ ޕިކްނިކް އައިލެންޑަށް ހާއްސަކުރި ތަނަކީ ކުރަން ނުވާނެ ކަންތައްކުގެ މިސާލެއް ކަމަށެވެ. އެކަމުގެ ތެރޭގައި ކޮރަޕްޝަނާއި ފަޅު ހިއްކުމާއި ރާއްޖޭގެ އެކި ހިސާބުތަކުން ގަސް އުފުރައިގެން ގޮސް ހައްދާފައިވާ ކަމަށް ބުންޏެވެ.

"ރައްޔިތުން ބޭނުންކުރަނީ ކޮރަޕްޝަން ވައިޓްވޮޝް ކުރަން."

ހިޔާލު ހުށަހެޅި ފިރިހެނަކު ބުނީ މިހާރު ފެންނަނީ ކުރިން ހިންގާފައި ހުރި ކޮރަޕްޝަންގެ އަމަލުތައް ފޮރުވަން އުޅޭތަން ކަމަށެވެ. އެނބޫދޫ ފަޅުގައި ހަދާ ހުރިހާ ތަނަކީ ވެސް ކޮރަޕްޝަން ހިމެނޭ ކަމެއްކަމަށް ބުންޏެވެ.

މާލެ ސަރަހައްދުގައި އުޅޭ މީހުން ކުރިން ދަތުރު ދިޔައީ ކުޑަ ބަނޑޮހަށެވެ. އެކަމަކު ރިސޯޓެއްގެ ގޮތުގައި އެތަން ތަރައްގީކުރަން 2013 ވަނަ އަހަރު ދިނުމާއެކު، ދަތުރު ދާނެ ރަށެއް ނެތެވެ. ހުސެއިން ވިދާޅުވީ ރިސޯޓު ތަރައްގީކުރަން ހަވާލުކުރި އެގްރިމެންޓް ހޯދަން ވަރަށް މަސައްކަތްކުރެއްވި ކަމަށެވެ. ނަމަވެސް އެ ނުފެނުނު ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ ފެނުނު މީހުންނާ ހަވާލަދީ އޭނާ ވިދާޅުވީ "މަލަހިނި ކުޑަ ބަނޑޮސް" ނަމުގައި ރިސޯޓު ތަރައްގީކުރަން ދިނީ އާއްމުންނަށް ދަތުރުކުރެވޭ ގޮތަށް ކަމަށެވެ.

ޕިކްނިކް އައިލެންޑުގެ ބޮޑުމިނަކީ ކުޑަބަނޑޮހާ އެއްވަރަށް 3.3 ހެކްޓަރެވެ. އެތަނުން މޫދަށް އެރެވޭނީ ދެބައިކުޅަ އެއްބައިގަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި އެނބޫދޫ ފަޅަށް ދަތުރުދެވޭނެ ކަމަށެވެ. ނަމަވެސް ޕްލޭނަކީ ދަތުރުދާނެ ހާއްސަ ރަށެއް ހަމަޖެއްސުން ކަމަށް ވިދާޅުވި އެވެ.