Roadha Mihaaru
ކުޑަގިރީގައި އިތުރު ވަސީލަތްތައް ގާއިމުކުރަނީ

ކުޑަގިރީގައި އިތުރު ވަސީލަތްތައް ގާއިމުކުރަނީ

12 މެއި 2024

މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑުގައި އިތުރު ވަސީލަތްތައް ގާއިމުކުރަން އެޗްޑީސީން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑުގައި އިތުރު ވަސީލަތްތައް ގާއިމުކުރަން އެޗްޑީސީން ނިންމައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ކުޑަގިރި، އިތުރު ވަސީލަތްތަކާ އެކު ތަރައްގީކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ރައްޔިތުންނަށް ވަރަށް ފުރިހަމަ ހިދުމަތްތަކެއް ކުރިމަގުގައި ކުޑަގިރިން ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ކުޑަގިރީގައި ވަސީލަތްތައް އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވެސް މި ފަހުން ވިދާޅުވި އެވެ.

ހީނާ ވިދާޅުވި ގޮތުގައި، ކުޑަގިރީގައި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ބަލައި، އެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އެ ރަށުން މިހާރަށް ވުރެ ފުރިހަމަ އަށް ހިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ އެވެ.

މާލެއާ ކައިރި ފަޅެއް ހިއްކައިގެން ހެދި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ ދުވާލަކު 500-600 މީހުންނަށް އެ ރަށުން ހިދުމަތް ދެވޭނެ ގޮތަށެވެ. ނަމަވެސް އެ ތަނުގައި ވަސީލަތްތައް މަދުކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.

ކުޑަގިރީގައި މިހާރު ހަތް ބީޗާ އެކު 13 ހަޓު ހުރެ އެވެ. މޫދު ކުޅިވަރަށް ހާއްސަ ވަސީލަތްތަކާއި މިސްކިތަކާއި ކްލިނިކަކާއި ފިހާރަ އާއި ޕްރައިވެޓް ރޫމާއި ޗޭންޖިން ރޫމާއި ފާހަނާ ހުރެ އެވެ. އެކި ކަހަލަ ރެކްރިއޭޝަން ހަރަކާތްތައް އޮވެ އެވެ. އިވެންޓުތައް ބާއްވަން ވެސް އެ ރަށަށް ކުއްޔަށް ދެ އެވެ.

މާލެ އިން އެ ރަށަށް ދޯނި ފެރީގައި ދެވެނީ ގަޑިއެއްހާއިރުންނެވެ. މާލެ އާއި ހުޅުމާލެއިން ވެސް އެ ރަށަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.