Roadha Mihaaru
ކުޑަގިރިއަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ކުޑަގިރިއަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

03 ފެބުރުއަރީ 2023

ކުޑަގިރި ޕިކްނިކް އައިލެންޑަށް ހާއްސަކޮށްގެން މޯބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުޑަގިރި ޕިކްނިކް އައިލެންޑަށް ހާއްސަކޮށްގެން މޯބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފުކޮށްފި އެވެ.

އެޗްޑީސީން ބުނީ ކުޑަގިރި އެޕް ޑައުންލޯޑް ކޮށްގެން، އެ ރަށާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ހިދުމަތްތައް ލިބޭނެ ކަމަށެވެ. މި އެޕަކީ ކުޑަގިރީގެ ހިދުމަތްތައް ވީހާ ވެސް ލުއިފަސޭހަ ގޮތަކަށް އާންމުނަށް ދިނުމަށް ތައްޔާރުކޮށްފައިވާ އެޕެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި އެޕް މެދުވެރިކޮށް ބުކިންއަށް އަދި ހުޅުވާލާފައި ނުވިޔަސް، އެޕަށް ރަޖިސްޓާކުރުމުން ކުޑަގިރިއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން މިހާރު މި އެޕް ޑައުންލޯޑްކުރެވޭނެ އެވެ.

ކުޑަގިރި އަންނަ ހަފުތާގައި އާންމުންނަށް ހުޅުވާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކުޑަގިރިއަށް ދަތުރު ދެވޭނީ އެޕް މެދުވެރިކޮށް ކުރިން ބުކްކޮށްގެންނެވެ. އެ ރަށަށް ދަތުރުކުރުމަށް ފެރީ ހަމަޖެއްސުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އޭރުން މާލެ އަދި ހުޅުމާލެއިން ވެސް އެ ރަށަށް ދަތުރުކުރެވޭނެ އެވެ.

އެ ރަށުގައި މިހާރު ވަނީ ކުޅިވަރު ކުޅޭނެ ތަންތަން ހަދައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް މޫދުގެ ކުޅިވަރުތަކާއި މަޖާ އެކި ހަރަކާތްތަކުގައި އުޅެވޭނެ ގޮތަށް ތަންތަން ހަދައިފަ އެވެ. ކައިވެނީގެ ހަފްލާތަކާއި އުފަންދުވަހުގެ ޕާޓީތަކާއި އެކި އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ވެސް އެ ރަށުގައި ބޭއްވޭނެ އެވެ.

ކުޑަގިރީގައި މިސްކިތަކާއި ޗޭންޖިން ރޫމަކާއި ކްލިނިކަކާއި ކެފޭއެއް ވެސް ހުންނާނެ އެވެ.

މާލެއާ 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވެ އެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރު ދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.