Roadha Mihaaru
ކުޑަގިރި ހަގީގަތަކަށް: އުފާވެރި ހަނދާންތަކަށް މަރުހަަބާ

ކުޑަގިރި ހަގީގަތަކަށް: އުފާވެރި ހަނދާންތަކަށް މަރުހަބާ!

05 ފެބުރުއަރީ 2023

ކުޑަބަނޑޮހާ އެކު ފަނޑުވެގެންދިޔަ ހަފުތާ ބަންދުގެ ފޮނި ހަނދާންތައް އެނބުރި އައީ އެވެ. ދަތުރުދާން "ކުޑަ ބަނޑޮހެއް" ބޭނުންވެފައި ތިބި އެންމެންނަށް "ކުޑަގިރި"ން މަރުހަބާ އެވެ!

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުޑަބަނޑޮހާ އެކު ފަނޑުވެގެންދިޔަ ހަފުތާ ބަންދުގެ ފޮނި ހަނދާންތައް އެނބުރި އައީ އެވެ. ދަތުރުދާން "ކުޑަ ބަނޑޮހެއް" ބޭނުންވެފައި ތިބި އެންމެންނަށް "ކުޑަގިރި"ން މަރުހަބާ އެވެ!

ޕިކްނިކް އައިލެންޑް, ކުޑަގިރިއަށް ފޭބުމާ އެކު ވަށާލަނީ އުފާވެރި ހަނދާންތަކެއްގެ ފެށުމެވެ. ބޮޑު ހިތްހަމަޖެހުމާކާއި އުފާވެރިކަމަށް އޮތް މަންޒިލެކެވެ. ވަގުތުކޮޅަކަށް ނަމަވެސް މާލޭގެ ހާސްކަމުން އަރައިގަނެވޭނެ މިނިވަން, ހިތްފަސޭހަ މާހައުލެކެވެ.

ކުޑަގިރި

ކުޑަގިރި

މުޅި ރަށުން ވެސް ޕިކްނިކް ވައިބެވެ. ރަށަށް އަރާއިރު ކުރިމަތިން ފެންނަ އިމާރާތްތަކުގައި ކުލަކޮށްފައިވާ ގުދުރަތީ މަންޒަރުތައް ހިތްގައިމެވެ. ވާތްފަރާތުގައި ރީތި، ދިގު ދޮންވެލި ތުނޑިއެކެވެ.

މިއީ ވީކެންޑް ގެޓްއަވޭ. ބެކްޕެކް އަޅައިގެން ހަމަ އަންނަންވީ. -- އިނާޒް

މޫދު ކުޅިވަރުތަކާއި ބީޗު ވޮލީ އާއި ފައިގަތަޅާ ފަދަ އެތައް ކުޅިވަރަކުން މަޖާ ނެގޭނެ މައިދާނެކެވެ. އާއިލާ އާއި ރައްޓެހިންނާ އެކު ގުޅުން ބަދަހިކޮށްލައި ހިތްހަމަޖެހުމުގެ ވަގުތުކޮޅެކެވެ. ދަތުރުދާން ހެދި މި ރަށަކީ ގިނަ ބައެއްގެ ޝަކުވާއާ ގުޅިފައިވާ ދިގު އިންތިޒާރެއްގެ ނިމުމެވެ.

"މިއީ ވީކެންޑް ގެޓްއަވޭ. ބެކްޕެކް އަޅައިގެން ހަމަ އަންނަންވީ. އެހެން ހުރިހާ ކަމެއް ހުންނާނީ އެކްސެސިބްލްވާ ގޮތަށް," ކުޑަގިރީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އިނާޒް ވިދާޅުވި އެވެ.

ކުޑަގިރިއަށް ޕިކްނިކް ދާ މީހުންނަށް ފަސޭހަކޮށްދޭން ރަށުގެ މެޕް ބަހައްޓާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުޑަގިރިއަށް ޕިކްނިކް ދާ މީހުންނަށް ފަސޭހަކޮށްދޭން ރަށުގެ މެޕް ބަހައްޓާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުޑަގިރިއަށް އެރުމާ އެކު އަށް ހެކްޓަރުގެ މި ރަށުގެ މެޕް ކިޔައިދޭނެ އެވެ. އޭގެފަހުން މިނިވަންކަމާ އެކު ހަމަޖެހިގެން އުޅެންވީ އެވެ.

ހިތްފަސޭހަ ކޮންސެޕްޓެއް

ދިވެހިން ބޭނުމީ ދަތުރުދާން ގުދުރަތީ ރަށެކެވެ. އެކަމަކު މިވަގުތަށް ސަރުކާރުން ނިންމީ ހިއްކައިގެން ޕިކްނިކް އައިލެންޑެއް ތަރައްގީކުރާށެވެ. މާލެ އާއި ގާތްގަނޑަކަށް 10.5 ކިލޯ މީޓަރު ދުރުގައި އޮންނަ މި ރަށް ހިއްކައިގެން ތަރައްގީކުރީ މާލެ ކައިރީގައި އާއްމުން ދަތުރުދާނެ އެއްވެސް ރަށެއް ނެތިގެންނެވެ.

ދަތުރުދާން ހަމައެކަނި އޮތް ރަށް, ކުޑަބަނޑޮސް ރިސޯޓެއްގެ ގޮތުގައި ހިންގަން ސަރުކާރުން 2013ގައި 50 އަހަރަށް ދޫކޮށްލީ އެވެ.

ކުޑަގިރި

ކުޑަގިރި

މި ހިތްހަމަނުޖެހުމުގައި ގިނަ ބައެއްގެ ހުށަހެޅުމަކީ މާލެ ސަރަހައްދުގައި އާއިލާއެކު ޕިކްނިކްދާނެ ރަށެއް ހަމަޖައްސައިދިނުމެވެ.

މި ރަށަށް އަރާކަށް އެއްވެސް ދިވެއްސެއްގެ އަތުން ލާރިއެއް ނުނަގާނެ. -- ނިއުޝާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދަކަށް ވީ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އެކަން ކުރެއްވުމެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހެދި ޕިކްނިކް އައިލެންޑުގެ މަސައްކަތް ލަސްވީ އެވެ. ފުރަތަމަ ކަނޑައެޅި ސަރަހައްދުގައި އެކަން ނުވެ ފަހުން ކުޑަގިރި ހިއްކީ އެވެ. މާސްޓަ ޕްލޭން އެކުލަވާލައި ނައިބު ރައީސް ފައިސަލް ނަސީމްގެ ބެއްލެވެމުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން, ދަތުރުދާން އެތަން ތަރައްގީކޮށް މިހާރު އޮތީ ހުޅުވޭ ވަރަށް ތައްޔާރުކޮށްފަ އެވެ.

ކުޑަބަނޑޮހަށް ކުރިން ދަތުރުދިޔަ ގޮތާ މި ރަށުގެ ކޮންސެޕްޓް މުޅިން ތަފާތެވެ. ޕިކްނިކް މިއޮތީ އެންމެން ބޭނުންވާ ގޮތަށް ޒަމާނީކޮށްފަ އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑުގައި އާއިލާއަކުން މަޑުކޮށްލައިގެން. އާއްމުންނަށް ލަސްތަކެއް ނުވެ މި ރަށް ހުޅުވާލާން އޮތީ ނިންމާފައި.

ކުޑަގިރި ޕިކްނިކް އައިލެންޑުގައި އާއިލާއަކުން މަޑުކޮށްލައިގެން. އާއްމުންނަށް ލަސްތަކެއް ނުވެ މި ރަށް ހުޅުވާލާން އޮތީ ނިންމާފައި.

ވީކެންޑް ހަދަން ދުރާލައި ރާވަން ނުޖެހި، ކުރު މަޖާ ވީކެންޑެއްގެ ފުރުސަތު ލިބެ އެވެ. ހާހެއްހާ މީހުންނަށް އެއްފަހަރާ ދަތުރު ދެވޭ ޖާގައިގެ ބޮޑު މި ރަށަށް ލޯންޗުގައި 15 މިނެޓުން އާދެވެ އެވެ. ފެރީ ދަތުރަށް ހޭދަވަނީ 40 މިނެޓެވެ. މި ރަށް އާއްމުންނަށް ހުޅުވާއިރު ތޮއްޖެހުން ބޮޑުވިޔަ ނުދީ ދަތުރު ފަސޭހަކޮށްލަން ދުވާލަކު އަދި އަރުވާ ގޮތަށް އޮތީ 500 މީހުންނެވެ.

އެއީ ދެ ފިޔަވައްސަށް ބަހާލައިގެން ތަރައްގީކުރާ މި ރަށުގެ ހިދުމަތް ފުރިހަމަކުރުމުގެ ބައެއް މަސައްކަތް އަަދިވެސް ކުރިއަށްދާތީ އެވެ.

ކުޑަގިރި ހުޅުވާލަނީ ދަތުރުދާނެ ދޯންޏެއް ކުއްޔަށް ހޯދައި ކެއިންބުއިމާއި އެހެން ޒަރޫރީ ސާމާނު ހަމަކުރަން ހާސްވާކަށް ނުޖެހޭ ގޮތަށެވެ. އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ހަފުތާ ބަންދުގައި ނުވަތަ ހަފުތާގެ މެދުތެރެއިން ވެސް ދުވަހެއް ޝެޑިއުލްކޮށް އާއިލާ އާއި އެކުވެރިންނާ އެކު ފުރޭ ގޮތަށެވެ. މި ރަށް ބަލަހައްޓަން ހަވާލުކޮށްފައިވާ އެޗްޑީސީން ފެރީ ހަމަޖައްސާގޮތަށް އޮތީ މާލެ އާއި ހުޅުމާލެ އިން ވެސް ދެވޭ ގޮތަށެވެ.

ރަށަށް ފޭބުމާއެކީ ދަތުރު މަޖާ ނަގަން ފެށޭވަރަށް ކުޑަގިރި އޮތީ ފުރިހަމަކޮށްފަ އެވެ.

ރަށަށް އެރުން ދިވެހިންނަށް ހިލޭ

ކުޑަގިރި ޕިކްނިކް އައިލެންޑް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުދާނެ ދުވަހަކާއި އެ ގްރޫޕެއްގެ މައުލޫމާތާ އެކު މި ރަށުގައި ތިބެން ބޭނުންވާ ސަރަހައްދު ވެސް ކަނޑައެޅޭނެ އެވެ.

ކުޑަގިރީގައި ހަދާފައިވާ ބޮޑު އައްޓެއް. މި އަށި ހަދާފައި ވަނީ ދެ ގްރޫޕަަކަށް ޝެއާކުރެވޭ ގޮތަށް ޖާގަ ތަނަވަސްކޮށް.

ކުޑަގިރީގައި ހަދާފައިވާ ބޮޑު އައްޓެއް. މި އަށި ހަދާފައި ވަނީ ދެ ގްރޫޕަަކަށް ޝެއާކުރެވޭ ގޮތަށް ޖާގަ ތަނަވަސްކޮށް.

"ކުޑަގިރި އެޕަށް ވަދެ އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރުން ރަޖިސްޓްރީވާން ޖެހޭނެ. އޭގެ ފަހުން ޕިކްނިކް އަންނަ އެންމެންގެ މައުލޫމާތު އަޅަން ޖެހޭ. އެއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ރަށަށް އަރަނީ ކޮން ބައެއްތޯ ޔަގީންކުރަން. ކޮންފަމޭޝަން ލިބުނީމަ އެޕް ތެރެއިން ލާފައި ހަޓް ބުކިން އާއި ރޫމްސް ބުކިން އަދި ފެރީތޯ ނޫނީ ޕްރައިވެޓް ޓްރާންސްފާގައިތޯ ނިންމަންވީ," އެޗްޑީސީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ޑިރެކްޓަ ނިއުޝާދު ޝަރީފް ވިދާޅުވި އެވެ.

"މި ރަށަށް އަރާކަށް އެއްވެސް ދިވެއްސެއްގެ އަތުން ލާރިއެއް ނުނަގާނެ."

ފީއެއް ނަގާ ގޮތަށް ހަމަޖައްސާފައި ވަނީ ހަޓް ބުކިން އާއި ރޫމް ބުކިން ފަދަ ހިދުމަތްތަކަށެވެ. ޕިކްނިކް ޕެޖޭކްތަކުގެ ތެރެއިން އެ މީހަކު ބޭނުންވާ ކުޅިވަރުތައް ހިމަނައިގެން، ހަޓް ނެގޭނެ އެވެ.

ކުޑަގިރީގައި ހަދާފައިވާ އައްޓެއް: މިތަނުން އަސާސީ ހުރިހާ ހިދުމަތެއް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި.

ކުޑަގިރީގައި ހަދާފައިވާ އައްޓެއް: މިތަނުން އަސާސީ ހުރިހާ ހިދުމަތެއް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި.

ދިވެހިންނަށް ހާއްސަ ރަށަކަށް ވާތީ ޓޫރިސްޓުން ނުވަތަ ރިސޯޓްތަކުން ގެންނަ މީހުންނަށް ހިދުމަތުގެ އަގު ދިވެހިންނަށް ވުރެން ބޮޑުވާނެ އެވެ.

އަވަހަށް ރަށަށް ފައިބައި, ތިބޭނެ އެންމެ ހިތްފަސޭހަ ތަންކޮޅެއް ހޯދަން އުޅެން ނުޖެހުމަކީ ވެސް ހޯދައިދީފައިވާ ވަރަށް ބޮޑު ލުޔެކެވެ.

ހިޔަލުގައި އަރާމުގައި ތިބެވޭ ގޮތަށް ހަދާފައިވާ ހަޓުތަކުގައި ޒަރޫރީ ހުރިހާ ހިދުމަތެއް ލިބެ އެވެ. ކުޑަ އައްޓާއި ބޮޑު އަށީގެ ހަޓުތައް ހަދާފައިވާ އިރު ބޮޑު އަށި ދޫކުރަނީ ދެ ގްރޫޕަކަށް ޝެއާކުރެވޭ ގޮތަށެވެ. ފެން ގުޅައި ކަރަންޓް ދޫކޮށްފައިވާ އިރު އަމިއްލަ އަށް ކެއްކޭނެ އިންތިޒާމް އަށިތަކުގައި ވަނީ ހަމަޖައްސައިފަ އެވެ. އަމިއްލައަށް ކައްކަން ގޭސް އުނދުން ބޭނުން ނަމަ ޕެކޭޖް ތެރޭގައި ހިމެނުމުން އެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ.

ކުޑަގިރީގެ ރޫމެއް: އަށް ރޫމާ އެކު ރަށް ހުޅުވިޔަސް ދެ ވަނަ ފިޔަވަހީގައި ރޫމްތައް އިތުރުކުރަން ވަނީ ޕްލޭންކޮށްފައި.

ކުޑަގިރީގެ ރޫމެއް: އަށް ރޫމާ އެކު ރަށް ހުޅުވިޔަސް ދެ ވަނަ ފިޔަވަހީގައި ރޫމްތައް އިތުރުކުރަން ވަނީ ޕްލޭންކޮށްފައި.

ނިއުޝާދު ވިދާޅުވި ގޮތުގައި އެ ބަޔަކު ބޭނުންވާ ޕިކްނިކް ޕެކޭޖް، އެޕްލިކޭޝަން މެދުވެރިކޮށް ނެގޭނެ އެވެ. ދަތުރު ބޭނުންވާ ގޮތަަކަށް ރާވާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބާބެކިއު ހެދޭ ގޮތަށް ރަށް ވަށައިގެން ވަނީ ގްރިލްތައް ބަހައްޓައިފަ އެވެ.

އާއްމުކޮށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބޭނެ ފިހާރައެއް މި ރަށުގައި އެބަހުއްޓެވެ. ޖާގަ ތަނަވަސް މިސްކިތެކެވެ. ރެސްޓޯރަންޓަކާއި ކުޑަކުދިންގެ ޕާކެއް ވެސް ވަނީ ހަދައިފަ އެވެ.

"މި ރަށުގެ ރެކްރިއޭޝަން ޓީމުން ކޮންމެ ދުވަހަކު ކުޅިވަރުތައް އިންތިޒާމްކުރާނެ. އެ ކުޅިވަރުތަކުގައި ވެސް ބައިވެރިވެވޭނެ," އޭނާ ވިދާޅުވި އެވެ.

"އާ ތަޖުރިބާތައް ކޮށްލެވޭނެ މަޖާ މާހައުލެއް މިއީ. ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހުންނާނެ."

އެންމެ ބޮޑު ޗެލެންޖް: ރަށް ފެހިކުރުން

ހިއްކައިގެން ތަރައްގީކުރި ރަށަކަށް ވާތީ މި ރަށް ފެހިކުރުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ. ރަށުގައި ގިނަ އަދަދަކަށް މިހާރު ވަނީ ރުއް އިންދައިފަ އެވެ. ހިޔާ ލިބޭނެ ބޮޑެތި ގަސްތައް ވެސް އިންދާފައިވާ އިރު އަދިކިރިޔާ ހެދެން ފެށީ އެވެ.

މި ރަށުގައި އާއްމުން އެންމެ ބޭނުންވާ ވަރަށް ގުދުރަތީ ހިޔާ ލިބެން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. އެއީ މި ރަށް ހަވާލުކޮށްފައިވާ އެޗްޑިސީގެ ޓީމުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް ކަންތަކެވެ.

ކުޑަގިރީގައި ހަދާފައިވާ ރެސްޓޯރަންޓް: މި ރަށުގައި ހިޔާ ލިބޭ ގިނަ ގަސްތައް ވަނީ އިންދާފައި.

ކުޑަގިރީގައި ހަދާފައިވާ ރެސްޓޯރަންޓް: މި ރަށުގައި ހިޔާ ލިބޭ ގިނަ ގަސްތައް ވަނީ އިންދާފައި.

އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކަޅު ފަސް އަޅައި ގަސް އިންދިޔަސް ހިއްކާފައި އޮތް ތަނަކަށް ވާތީ ހެދެން ގިނަ ދުވަސް ނެގީ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންމެންގެ ރައްކާތެރިކަމަށް ގަވައިދުތަކެއް

އާއިލީ މާހައުލަކަށް ވާތީ ކުޑަކުދިންނާ އެކު ވަގުތު ހޭދަކުރާއިރު ދަތުރު ގޮސް އުޅޭ އެންމެން ވެސް މި ރަށުގައި އަމަލުކުރަން ޖެހޭ ގަވައިދުތަކާއި އުސޫލްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެޕްލިކޭޝަން މެދުވެރިކޮށް ދަތުރު ޝެޑިއުލްކުރާއިރު ވެސް އެކަމަށް އެއްބަސްވާން ޖެހެ އެވެ. ބޭނުމަކީ އެންމެންނަށް ވެސް ރައްކާތެރި މާހައުލެއްގެ ކަށަވަރުކަން އޮތުން ކަމަށް ނިއުޝާދު ވިދާޅުވި އެވެ.

ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި ބޭއަދަބީ ކަންކަން ކުރާ ނަމަ މި ރަށުގައި ތިބޭ ފުލުހުންނަށް ރިޕޯޓްކުރާނެ އެވެ. ގަވައިދުތަކާއި އުސޫލްތަކަށް ތަބާނުވާ މީހުން ރަށުން ވެސް ބާލާނެ ކަމަށް އެކުލަވާލާފައި އޮތް އުސޫލުގައިވެ އެވެ.

ދުންފަތުގެ އިސްތިއުމާލް ކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އޭރިއާގައި އެކަންޏެވެ. އެ ނޫން ތަނެއްގައި އެކަން ކުރާ ނަމަ ގާނޫނުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ އެވެ.

މޫދު ކުޅިވަރަށް ހާއްސަކޮށްފައިވާ ސްލައިޑެއް: މި ރަށުގެ ރެކްރިއޭޝަން ޓީމުން ކޮންމެ ދުވަހަކު ވެސް ކުޅިވަރުތައް ރާވާއިރު ޕިކްނިކް ޕެކޭޖްގެ ތެރެއިން އެ ކުޅިވަރުތަކުގައި ބައިވެރިވެވޭނެ.

މޫދު ކުޅިވަރަށް ހާއްސަކޮށްފައިވާ ސްލައިޑެއް: މި ރަށުގެ ރެކްރިއޭޝަން ޓީމުން ކޮންމެ ދުވަހަކު ވެސް ކުޅިވަރުތައް ރާވާއިރު ޕިކްނިކް ޕެކޭޖްގެ ތެރެއިން އެ ކުޅިވަރުތަކުގައި ބައިވެރިވެވޭނެ.

މި ރަށުގެ އެކި ސަރަހައްދުތަކުގައި 40 އަށް ވުރެން ގިނަ ސީސީޓީވީ ކެމެރާ ހުރެ އެވެ.

"ވަރަށް ބޮޑަށް ކޯޑިނޭޓެޑް އޮޕަރޭޝަނެއް މިތާ ހިންގާނީ. ސެކިއުރިޓީ ވަރަށް މުހިންމު ކަމެއް. ކޮންމެ އެއް ގަޑިއިރަކުން މުޅި ރަށް ވަށައިގެން ބަލާނެ. ކަމެއް ދިމާވެއްޖިއްޔާ ވަގުތުން ފަސްޓް އެއިޑް ލިބޭނެ. ހުޅުމާލެ ހޮސްޕިޓަލަށް ގެންދަން ބޯޓު އޮންނާނެ ރެޑީގައި," އިނާޒް ވިދާޅުވި އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މުޅިން މަނަލެވެ. ޕްލާސްޓިކް ކޮތަޅާއި ފުޅި ފަދަ އެއްޗެހި މި ރަށަކަށް ނޭރުވެ އެވެ.

ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި މި ރަށުގައި ޗުއްޓީ ހޭދަކުރަން އެއްވެސް ލާރިއެއް ނުނެގިއަސް ވިސްނުމަކީ އެ ނޫން ދުވަސްތަކުގައި ކޮންމެވެސް އަގެއް ނެގުމެވެ. އެއީ ރަށުގެ މެއިންޓަނެންސް އާއި އެ ނޫން ކަންކަން ބެލެހެއްޓުމުގެ ގޮތުންނެެވެ.

ކުޑަގިރީގައި ކުޑަކުދިންނަށް ހާއްސަ ޕާކު.

ކުޑަގިރީގައި ކުޑަކުދިންނަށް ހާއްސަ ޕާކު.

ނިއުޝާދު ވިދާޅުވީ ހިތްގައިމު ތުނޑިއެއް އޮންނަ މި ރަށް ކައިވެނި ހަފުލާތަކަށް ވެސް ދޫކުރާނެ ކަމަށެވެ. އޭގެއިތުރުން ބާބެކިއު ހަދާލަން ވެސް އާދެވޭ ގޮތަށް ޕްލޭންކުރަމުން އަންނަ އިރު އޭނާ ވިދާޅުވި ގޮތުގައި ކުޑަގިރި ބާއްވާނީ އާއްމުންގެ ތަނެއްގެ ގޮތުގަ އެވެ. ކައިވެނީގެ ހަފުލާތަކާއި އުފަންދުވަހުގެ ޕާޓީތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ވެސް ބޭއްވޭނެ އެވެ.

މި ރަށް އަށް ރޫމާ އެކު ހުޅުވިޔަސް އިތުރު ރޫމްތަކެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. ވޯޓާ ޕާކަކާއި މަސްބާނަން ބޭނުންވާ މީހުންނަށް ފިޝިން ޕްލެޓް ފޯމެއް ހަދާނެ އެވެ.

މި ހުރިހާ ހިދުމަތްތަކާ އެކު ހަފުތާ ބަންދު ހާއްސަކޮށްލަންވީ އެވެ. ހިއްކައިގެން ނަމަވެސް ކުޑަގިރިއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް ހޯދައިދިން ހިތްހަމަޖެހުމެކެވެ. މި ހަފުތާ ބަންދުން ފެށިގެން މާލެއިން ބޭރުވެ ކުޑަގިރީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ތައްޔާރުވާށެވެ.