Roadha Mihaaru
ބޮޑު މުސާރައާ އެކު ކުޑަގިރި އަށް މުވައްޒަފުން ހޯދަނީ

ބޮޑު މުސާރައާ އެކު ކުޑަގިރި އަށް މުވައްޒަފުން ހޯދަނީ

15 ޑިސެމްބަރ 2022

ކުޑަގިރި ޕިކްނިކް އައިލެންޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އޯޕަން ޑޭއެއް ބާއްވަން އެޗްޑީސީން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުޑަގިރި ޕިކްނިކް އައިލެންޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އޯޕަން ޑޭއެއް ބާއްވަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން އިއްޔެ ބުނީ އެ އޯޕަން ޑޭ އޮންނާނީ އަންނަ ހޮނިހިރު ދުވަހު، ހުޅުމާލޭގައި ހުންނަ އެތަނުގެ ހެޑް އޮފީސް އިމާރާތުގައި ކަމަށެވެ. އެ ދުވަހު ހެނދުނު 9 އިން މެންދުރު ފަހު 3 ޖަހަންދެން އެ ހަރަކާތް އޮންނާނެ އެވެ.

ކުޑަގިރީގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް 17 ދާއިރާއަކުން ވަޒީފާގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ

• އެކްޒެކެޓިވް ސެކްރެޓަރީ

• ރޫމް އެޓެންޑެންޓް

• ސޭލްސް އެންޑް ރިސަވޭޝަން ކޯޑިނޭޓަރު

• ރިސެޕްޝަނިސްޓް

• ރެކްރިއޭޝަން އެންޑް އިވެންޓްސް ސުޕަވައިޒާ

• ރެކްރިއޭޝަން އެޓެންޑެންޓް

• ޓިނެންޓް މެނޭޖުމަންޓް ކޯޑިނޭޓަރު

• މާކެޓިން އެންޑް ޕީއާރު ކޯޑިނޭޓަރު

• އެކައުންޓެންޓް

• އެސިސްޓެންޓް އެކައުންޓްސް އޮފިސަރު

• އެޗްއާރު އެންޑް ޓްރެއިނިން ކޯޑިނޭޓަރު

• ޕާޗޭސިން އެންޑް ސްޓޯ ކޯޑިނޭޓަރު

• ލޭންޑްސްކޭޕިން ކޯޑިނޭޓަރު

• މޮނީޓަރިން އެންޑް ސެކިއުރިޓީ ސުޕަވައިޒަރު

• ސެކިއުރިޓީ އެސިސްޓެންޓް

• މަސައްކަތު މީހުން

• އިމާމުން

މި ވަޒީފާތަކުގެ މުސާރަ އުޅެނީ 8،500ރ. އާއި 23،500ރ. އާ ދެމެދުގަ އެވެ.

ވަޒީފާ ބޭނުންވާ މީހުން އޯޕަން ޑޭއަށް ދާއިރު ތައުލީމީ ސެޓްފިކެޓުތަކާއި ސީވީ ގެންދަން އެޗްޑީސީން ވަނީ އެދިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ކުޑަގިރި މި މަހު ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ސަރުކާރުން ކުރިން ނިންމާފައި އޮތީ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން އެ ތަން އާއްމުންނަށް ހުޅުވާލުމަށެވެ. އެ މުއްދަތަށް އެ މަސައްކަތް ނުނިމުމުން ދެން ހަމަޖެއްސީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެތަން ހުޅުވާށެވެ. އެކަމަކު، އެ މުއްދަތުތައް ފާއިތުވެގެން ދިޔައިރު ވެސް ޕިކްނިކް އައިލެންޑު ނުހުޅުވުނެވެ.

މިނިސްޓްރީން ބުނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ އާއިލާތަކަށް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށެވެ. އިންތިޒާމްތައް ހަމަޖައްސާފައި ވާނީ ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް: މި މަހު އެތަން ހުޅުވަން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުޑަގިރި ޕިކްނިކް އައިލެންޑް: މި މަހު އެތަން ހުޅުވަން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލެއާ 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވެ އެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރުދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.

އެ ރަށުގައި މިސްކިތަކާއި އާއްމުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ އިމާރާތްތައް ވެސް ވަނީ ހަދައިފަ އެވެ. ގާތްގަނޑަކަށް 41 މިލިއަން ހޭދަކުރަން ނިންމާފައިވާ ޕިކްނިކް އައިލެންޑުގައި ކަރަންޓާއި ފެނުގެ ހިދުމަތް ވެސް މިހާރު ވަނީ ނިމިފަ އެވެ.