Roadha Mihaaru
ދަތުރުދާން ހެދި ކުޑަގިރި ހުޅުވައި ބޭނުންކުރަން ފަށައިފި

ކުޑަގިރި ހުޅުވައިފި؛ ރައީސް އެދިވަޑައިގަތީ އެންމެންގެ ތަނެއްގެ ގޮތުގައި ބެލެހެއްޓުމަށް

11 ފެބުރުއަރީ 2023

މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދާން ހާއްސަކޮށްގެން ހެދި ކުޑަގިރި ޕިކްނިކް އައިލެންޑް މިއަދު އާންމުންނަށް ރަސްމީކޮށް ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދާން ހާއްސަކޮށްގެން ހެދި ކުޑަގިރި ޕިކްނިކް އައިލެންޑް މިއަދު އާންމުންނަށް ރަސްމީކޮށް ހުޅުވާލައިފި އެވެ.

މާލެއާ ކައިރި ފަޅެއް ހިއްކައިގެން ހެދި މި ރަށް ހުޅުވާލިއިރު، ފުރަތަމަ ދުވަހަށް ހުޅުވާލި 300 ބުކިން އޮތީ ފުލްވެފަ އެވެ.

ދަތުރު ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުން: ދަތުރު ދިޔަ ކުދިންތަކެއް ގޮނޑުދޮށުގައި ވެއްޔާ ކުޅެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދަތުރު ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުން: ދަތުރު ދިޔަ ކުދިންތަކެއް ގޮނޑުދޮށުގައި ވެއްޔާ ކުޅެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުޑަގިރި އާންމުނަށް ހުޅުވާލުމުގެ ގޮތުން މިއަދު ހެނދުނު މި ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ މަނިކުފާނުގެ އިލްތިމާސަކީ އެ ރަށަށް ދަތުރު ދާ މީހުން އެކަކު އަނެކަކަށް އިހުތިރާމްކޮށް، އެންމެންނަށް ހިތްފަސޭހަކަމާ އެކީގައި ހިތްހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލެވޭ ރަށެއްގެ ގޮތުގައި އެތަން ބެލެހެއްޓުން ކަމަށެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ ސެކިއުރިޓީ އާއި ހިދުމަތް ދިނުމާއި ސާފުތާހިރުކަން ބެލެހެއްޓުމަށް ގިނަ ސްޓާފުންތަކެއް، އެޗްޑީސީން ހަމަޖައްސައިފައި ތިއްބަސް، ރަށް ސާފުތާހިރުކޮށް، އަމާންކަމާ އެކު އޮންނާނީ، އެ ރަށަށް ދަތުރު ދާ މީހުން ވެސް، އެ ކަންކަމަށް ސަމާލުކަން ދީގެން ކަމަށެވެ.

ދަތުރު ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދަތުރު ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު މާލޭގައި ދިރިއުޅުއްވަން ފެއްޓެވިތާ 50 އަހަރުވާއިރު، އޭރު ވެސް މާލެއިން ގޮނޑުދޮށްތަކުގެ ހިތްހަމަޖެހުމެއް ނުލިބެ އެވެ. މާލޭގެ ރައްޔިތުން އޭރު ހިތްހަމަޖައްސާލަން ގޮސް އުޅުނީ ކުޑަބަނޑޮހަށް ކަމަށް ވިޔަސް، ކުރީގެ ސަރުކާރުން އެ ރަށް ވިއްކާލައި، ރައްޔިތުން އެ އުފަލުން މަހުރޫމްކުރީ ކަމަށް ވިދާޅުވި އެވެ.

އަދިވެސް މި ކުޑަގިރީގައި ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ވަސީލަތްތައް އިތުރުކުރަން ޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑުގެ އުންމީދަކީ، މިހާތަނަށް މި ކުރެވިފައި ހުރި މަސައްކަތުން، މި ރަށަށް ދަތުރު އަންނަ ރައްޔިތުންނަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް: ރައީސް

"މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ، މާލޭގައި ދިރިއުޅޭ މީހުންނަށް، ރައްޔިތުންނަށް މި އުފާވެރިކަން ހޯދައިދިނުމަށް. މި ހަމަޖެހުން ހޯދައިދިނުމަށް،" ރައީސް ވިދާޅުވި އެވެ.

ދަތުރު ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުން: ދަތުރު ދިޔަ ބަޔަކު ގޮނޑުދޮށުގައި މަޖާކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދަތުރު ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުން: ދަތުރު ދިޔަ ބަޔަކު ގޮނޑުދޮށުގައި މަޖާކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަދިވެސް މި ކުޑަގިރީގައި ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ވަސީލަތްތައް އިތުރުކުރަން ޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑުގެ އުންމީދަކީ، މިހާތަނަށް މި ކުރެވިފައި ހުރި މަސައްކަތުން، މި ރަށަށް ދަތުރު އަންނަ ރައްޔިތުންނަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް."

ކުޑަގިރީގައި އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް ހަދަން ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮވާލިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ރަށް ބޭނުންކުރަން ފެށުމުން ލިބޭ ތަޖުރިބާގެ އަލީގައި ގެންނަން ޖެހޭ ބަދަލުތައް އެޗްޑީސީން ގެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަށް ހުޅުވި ދުވަހަށް ބުކިން ހެދި އެތައް ބަޔަކު މިއަދު ވެސް ގެންދަނީ ކުޑަގިރީގައި މޫދަށް އެރި މަޖާކުރަމުންނެވެ.

ދަތުރު ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުން: ދަތުރު ދިޔަ ބަޔަކު ހަޓެއްގައި މަޑުކޮށްލައިގެން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދަތުރު ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުން: ދަތުރު ދިޔަ ބަޔަކު ހަޓެއްގައި މަޑުކޮށްލައިގެން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެޗްޑީސީން ބުނިގޮތުގައި ކުޑަގިރިއަށް ދަތުރު ދިއުމަށް ދުވާލަކު 500-600 މީހުންނަށް ފުރުސަތު ދޭނެ އެވެ.

ދިވެހިންނަށް ކަނޑައަޅާފައިވާ އަގުތައް

● ބަންދު ދުވަސްތަކުގައި ކުޑަގިރި އަށް އެރުމާއި ފެރީ ހިލޭ.

● ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަށް އެރުމަށް 50ރ. އަދި ފެރީއަށް 50ރ.

● ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ ދުވަހަކު ވެސް ހިލޭ.

● ބަންދު ނޫން ދުވަސްތަކުގައި 2-11 އަހަރުގެ ކުދިންނަށް 25ރ. ގެ ފީއެއް.

ދަތުރު ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުން: ދަތުރު ދިޔަ މީހަކު ކުޑަކުއްޖެއް އުރާލައިގެން ހިނގާފައި ދަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދަތުރު ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުކޮށް ހުޅުވާލުން: ދަތުރު ދިޔަ މީހަކު ކުޑަކުއްޖެއް އުރާލައިގެން ހިނގާފައި ދަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބިދޭސީންނާއި ޓޫރިސްޓުނަށް ކޮންމެ ދުވަހަކު ވެސް މި ރަށަށް ދެވެނީ ފީއެއް ދައްކައިގެންނެވެ.

އެޗްޑީސީން ބުނީ ގޭސްފުޅި އާއި އުނދުނާއި ވަޅި އަދި ކަޓްލަރީ ކުޑަގިރިއަށް ގެންދިއުން މަނާވާނެ ކަމަށެވެ. އެ އެއްޗެހި އެ ރަށުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ކުޑަގިރީގައި 13 ހަޓު ހުންނައިރު، އެ ތަންތަން ވެސް އެޕާއި ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވެ އެވެ. ކުޑަ ހަޓެއް މުޅި ދުވަހަށް ބުކް ކުރެވޭނީ 500ރ. އަށެވެ. އަދި ބޮޑު ހަޓެއް 1،200ރ. އަށެވެ. ހަޓުން ކަރަންޓު ލިބޭނެ އެވެ. އަދި ކައްކަން ބޭނުންވާ ގޭހާއި އުނދުން ވެސް ލިބޭނެ އެވެ.

މާލެއިން އެ ރަށަށް ލޯންޗުގައި 15 މިނެޓުން ދެވޭނެ އެވެ. މާލެ އާއި ހުޅުމާލެއިން ވެސް އެ ރަށަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.