Roadha Mihaaru
ކުޑަގިރި ހުޅުވުމުގެ ފަހުގެ ތައްޔާރީތަކާ އެކު ވީޑިއޯއެއް

ކުޑަގިރި ހުޅުވުމުގެ ފަހުގެ ތައްޔާރީތަކާ އެކު ވީޑިއޯއެއް

19 ޖެނުއަރީ 2023

ދަތުރު ދާން މާލެ ކައިރީގައި ހަދާ ޕިކްނިކް އައިލެންޑް "ކުޑަގިރި" ހުޅުވަން ތައްޔާރުވެ، އެ ރަށުގައި ގާއިމުކޮށްފައިވާ އެކި ވަސީލަތްތައް ފެންނަ ވީޑިއޯއެއް ދައްކާލައިފި އެވެ. އާއިލާތަކަށް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށް ތަރައްގީކުރާ މި ރަށް ހަދާފައިވަނީ ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައޮ ހިމެނޭ މި ރަށުގެ މަސައްކަތްކުރާ އެޗްޑީސީން ބުނީ އެ ރަށުގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވަން މިހާރު ތައްޔާރުވެފައިވާ ކަމަަށެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުޑަގިރި ހުޅުވަން މީގެ ކުރިން ވެސް ތާރީހުތަކެއް ދީފައި ވިޔަސް ރަށުގެ މަސައްކަތް ފުރިހަމަކުރުމަށް އިތުރު ވަގުތު ބޭނުންވާތީ ހުޅުވުން އޮތީ ފަސްވެފަ އެވެ.

ކުޑަގިރީގައި މޫދު ކުޅިވަރުގެ އިންތިޒާމް ހަމަޖައްސާފައިވޭ

ކުޑަގިރީގައި މޫދު ކުޅިވަރުގެ އިންތިޒާމް ހަމަޖައްސާފައިވޭ

މިއަދު އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ރަށުގައި މިހާރު ވަނީ ކުޅިވަރު ކުޅޭނެ ތަންތަން ހަދައި އަދި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް މޫދުގެ ކުޅިވަރުތަކާއި މަޖާ އެކި ހަރަކާތްތަކުގައި އުޅެވޭނެ ގޮތަށް ތަންތަން ހަދައި މަސައްކަތް ވަރަށް ބޮޑަށް ފުރިހަމަކޮށްފަ އެވެ.

މި ރަށުގައި ކައިވެނީގެ ހަފްލާތަކާއި އުފަންދުވަހުގެ ޕާޓީތަކާއި އެކި އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ވެސް ބޭއްވޭނެ އެވެ. މީގެ އިތުރުން ޑައިވިން އާއި ވޯޓަސްޕޯޓްސްގެ އެކި ހަރަކާތްތަކަށް ވެސް ބޭނުންކުރެވޭނެ އެވެ. ޓޫރިސްޓުންނަށް ވެސް ޒިޔާރަތްކުރެވޭ މި ރަށަށް ދާ މީހުންނަށް ބޭނުންވާނެ އަސާސީ މުހިންމު ކަންކަން ވެސް އެޗްޑީސީން ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި؛

- ފާހަނާ

- ޗޭންޖިންގް ރޫމް

- ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ފަދަ އިންތިޒާމުތަކާ އެކު ނާސިންގް ރޫމް

- މިސްކިތް

- ކްލިނިކް

- ކޮންވީނިއެންސް ސްޓޯރް

- ރީޓެއިލް ސްޓޯރް

- ކެފޭ

ރަށުގައި މިހާރު ވަނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކަރަންޓުގެ ހިދުމަތް ދޭން ފަށައިފަ އެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ހަދައިފަ އެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އައްޓާއި ބޮޑު ހަތަރު އަށި ހުންނާނެ އެވެ.

ކުޑަގިރި

ކުޑަގިރި

ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް ހިމެނެ އެވެ.

މީގެއިތުރުން، އެޑްމިން ކަންކަމަށް އިމާރާތަކާއި، ފްރަންޓް އޮފީހަކާއި ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހެއް ހުންނައިރު ސީސީޓީވީ ކެމެރާތައް ރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ހަރުކޮށްފަ އެވެ.

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް މާލެ އާއި ހުޅުމާލެއިން ވެސް ޓިކެޓު ނެގޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.