Roadha Mihaaru
ޕިކްނިކް އައިލެންޑް  މި މަހު ހުޅުވޭތޯ ބަލަނީ

ޕިކްނިކް އައިލެންޑް ހުޅުވަން އާ ތާރީހެއް، މި މަހު ހުޅުވޭތޯ ބަލަނީ

06 ޑިސެމްބަރ 2022

ކުޑަގިރި ޕިކްނިކް އައިލެންޑް މި މަހު ހުޅުވަން މަސައްކަތް ކުރާ ކަމަށް ޕްލޭނިން މިނިސްޓްރީން އަނެއްކާވެސް ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަގިރި ޕިކްނިކް އައިލެންޑް މި މަހު ހުޅުވަން މަސައްކަތް ކުރާ ކަމަށް ޕްލޭނިން މިނިސްޓްރީން އަނެއްކާވެސް ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ކުޑަގިރި ހުޅުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

މި މަހުގެ ތެރޭގައި އެ ކަންކަން ނިންމައި ޕިކްނިކް އައިލެންޑް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ސަރުކާރުން ކުރިން ނިންމާފައި އޮތީ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން އެ ތަން އާއްމުންނަށް ހުޅުވާލުމަށެވެ. އެ މުއްދަތަށް އެ މަސައްކަތް ނުނިމުމުން ދެން ހަމަޖެއްސީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެތަން ހުޅުވާށެވެ.

އެކަމަކު، އެ މުއްދަތުތައް ފާއިތުވެގެން ދިޔައިރު ވެސް ޕިކްނިކް އައިލެންޑު ނުހުޅުވުނެވެ.

ކުޑަގިރި މަތިން ނަގާފަވާ ފޮޓޯއެއް: މިއީ ދަތުރު ދާ މީހުން ރަށަށް އަރާ ސަރަހައްދު.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުޑަގިރި މަތިން ނަގާފަވާ ފޮޓޯއެއް: މިއީ ދަތުރު ދާ މީހުން ރަށަށް އަރާ ސަރަހައްދު.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕްލޭނިން މިނިސްޓްރީން ބުނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ އާއިލާތަކަށް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށެވެ. އިންތިޒާމްތައް ހަމަޖައްސާފައި ވާނީ ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މާލެއާ 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވެ އެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރުދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.

އެ ރަށުގައި މިސްކިތަކާއި އާއްމުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ އިމާރާތްތައް ވެސް ވަނީ ހަދައިފަ އެވެ. ގާތްގަނޑަކަށް 41 މިލިއަން ހޭދަކުރަން ނިންމާފައިވާ ޕިކްނިކް އައިލެންޑުގައި ކަރަންޓާއި ފެނުގެ ހިދުމަތް ވެސް މިހާރު ވަނީ ނިމިފަ އެވެ.