Roadha Mihaaru
ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވުން ފަސްކޮށްފި

ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވުން ފަސްކޮށްފި

25 ޖުލައި 2022

މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހެދި ކުޑަގިރި ރަސްމީކޮށް ހުޅުވުން ކުރިން މާދަމާ އަށް ތާވަލު ކޮށްފައި އޮތަސް މުއްދަތެއް ނެތި އެ ކަން ފަސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހެދި ކުޑަގިރި ރަސްމީކޮށް ހުޅުވުން ކުރިން މާދަމާ އަށް ތާވަލު ކޮށްފައި އޮތަސް މުއްދަތެއް ނެތި އެ ކަން ފަސްކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް މިއަދު ވިދާޅުވީ ޕިކްނިކް އައިލެންޑް ހުޅުވުން ލަސްކުރީ އެ ރަށުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ހުރުމުން ކަމަށެވެ. އޭގެ ތެރޭގައި ފެހި ކުރުމާއި ފެސިލިޓީތައް ފުރިހަމަކުރުން ހިމެނޭ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ސަރުކާރުން ފުރަތަމަ ނިންމީ މާދަމާ ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހު ކުޑަގިރި ހުޅުވާށެވެ.

މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކޮށްދޭން ވައުދުވި ކަމެކެވެ. އެ ކަން ފުރިހަމަކުރުމަށް މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރުގެ ދުރުގައި އޮންނަ ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެން ދަތުރު ދާނެ ރަށެއް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 41 މިލިއަން ރުފިޔާއަށެވެ.

އެ މަސައްކަތް ފެށިތާ އަށް މަސް ފަހުން މިހާރު ވަނީ، ކުޑަގިރި ތަރައްގީ ކުރުމުގެ ބޮޑު ބައެއް ނިންމައިފަ އެވެ.

ކުޑަގިރިއާ ގުޅޭގޮތުން، އެ ރަށް ތަރައްގީކުރަމުން އަންނަ އެމްޓީސީސީން ހަދާފައިވާ ވީޑިއޯއެއް.

ނަމަވެސް އަކްރަމް ވިދާޅުވި ގޮތުގައި ދަތުރު ދިއުމަށް ކުޑަގިރި ހުޅުވާނީ ބާކީ ހުރި ކަންކަން ފުރިހަމަވުމުންނެވެ. އެހެން ނޫނީ އެ ރަށަށް ދަތުރު ދާ މީހުންނަށް އުނދަގޫވާނެ ކަން ފާހަގަކުރެއްވި އެވެ.

ރަށް ހުޅުވާނެ ވަކި ދުވަހެއް އަދި ނުބުނެ އެވެ. އަކްރަމް ވިދާޅުވީ އެ ކަންކަން ހަމަޖެހި، މުއްދަތު ކައިރިވުމުން އިއުލާން ކުރާނެ ކަމަށެވެ.

ކުޑަގިރި ހުޅުވާ މުއްދަތު ފަސްކުރިއިރު، އެ ރަށުގައި ގަސް އިންދުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކުން ވެސް އަންނަނީ ކުރަމުންނެވެ. އަދި އެ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމް އަންނަނީ ވަރަށް ކައިރިން ބައްލަވައިލައްވަމުންނެވެ.

ސަރުކާރުން ކުރިން ޕްލޭންކުރީ މާލެ އަތޮޅުގައި އޮންނަ އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ދަތުރު ދިއުމަށް ހަމަޖެއްސުމަށެވެ. އެކަމަކު ރަށް ތަރައްގީ ކުރާނެ ގޮތުގެ ޕްލޭން އާންމުކުރި ފަހުން ސަރުކާރުގެ ނިންމުން ބަދަލުކޮށް ދަތުރުދިއުމަށް ކުޑަގިރި ހަމަޖެއްސީ އެވެ.