Roadha Mihaaru
ކޮލަމާފުއްޓަށް ޕިކްނިކް އައިލެންޑެއް ހަމަޖައްސައި ދީފި

ކައުންސިލުން ބޭނުންވި ގޮތަށް ކޮލަމާފުއްޓަށް ޕިކްނިކް އައިލެންޑެއް

18 ސެޕްޓެމްބަރ 2023

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް ގއ. ކޮލަމާފުށި ކައުންސިލަށް ފަޅުރަށެއް އިއްޔެ ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް ގއ. ކޮލަމާފުށި ކައުންސިލަށް ފަޅުރަށެއް އިއްޔެ ދީފި އެވެ.

އެ ކައުންސިލަށް ދިނީ އެ ރަށް ކުރިމަތީގައި އޮންނަ ހުރެންދު އެވެ. އެ ރަށް އޮންނަނީ ކޮލަމާފުށިން ފުރައިގެން ސްޕީޑް ބޯޓެއްގައި ފަސްވަރަކަށް މިނެޓުން ދެވޭހާ ހިސާބުގަ އެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮލަމާފުށީ ކައުންސިލަށް ހުރެންދޫ ދިނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން، ސަރުކާރުގެ އަމިއްލަ އިސްނެގުމަށް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތަކާ އެކު ކައުންސިލަކާ ހަވާލުކުރުމުގެ ބާރު ރައީސަށް އޮންނާތީ އެ އުސޫލުގެ ދަށުން އެ ގޮތަށް ނިންމެވުމުން ކަމަށެވެ.

"... ގއ. ހުރެންދު އަކީ މިހާރު އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށަކަށް ނުވާތީ، މި ރަށް ބެލެހެއްޓުން ގއ. ކޮލަމާފުށި ކައުންސިލާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ ރަށް ކޮލަމާފުށި ކައުންސިލާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ވެސް އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޮލަމާފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފެވެ.

ހުރެންދޫ، ކޮލަމާފުށި ކައުންސިލާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ހުރެންދޫ، ކޮލަމާފުށި ކައުންސިލާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މިނިސްޓްރީން ބުނި ގޮތުގައި، އެ ފަޅުރަށް ކޮލަމާފުށި ކައުންސިލާ ހަވާލުކުރީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު މިއަދު "މިހާރު" އަށް ވިދާޅުވީ ހުރެންދު އަކީ ކޮލަމާފުށީގެ މީހުން ޕިކްނިކް ދިއުމަށް ވަރަށް ކުރިއްސުރެ ވެސް ބޭނުންކުރަމުން އަންނަ ރަށެއް ކަމަށެވެ. ނަމަވެސް، އެއީ ކުރިން ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަށަކަށް ނުވާތީ ޕިކްނިކް ދާ މީހުންނަށް ބޭނުންވާ ވަސީލަތްތައް އެ ތަނުގައި ހަމަޖައްސައިނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ހުރެންދު އަކީ ކޮލަމާފުށީގެ މީހުން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ހަމަޖައްސައިދޭން ކައުންސިލުން ސަރުކާރުގައި އެދުނީ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ރަށުގައި ޕިކްނިކް އައިލެންޑަކަށް ބޭނުންވާ ހުރިހާ ފެސިލިޓީއަކާ ތަރައްގީކުރަން ޕްލޭންކޮށްފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ މި މަހު ކުރީކޮޅު ރ. މަޑުއްވަރީ ކައުންސިލަށް ވެސް ފަޅުރަށެއް ދީފަ އެވެ. މަޑުއްވަރީ ކައުންސިލަށް ދިނީ ކުރިން ރިސޯޓެއް ހަދަން އުޅުނު ރަށެއް ކަމަށްވާ އުފުލަންދު އެވެ. އެ ރަށް ވެސް ދިނީ ފަސް އަހަރުގެ މުއްދަތަކަށެވެ.