Roadha Mihaaru

ސައީދު ނިޔާވީ ބުރަފަތި ދަގަނޑުގައި އޮޅިގެން ކަމަށް ބެލެވޭ!

ލ. އަތޮޅުން ރޭ ފުރި "ކޮލަމާ" ބޯޓުގެ ކެޕްޓަން އާދަމް ސައީދު މިއަދު ނިޔާވީ ބޯޓުގެ އޮޓޯ ޕަމްޕުގެ މައްސަލައެއް ދިމާވެގެން އިންޖީނު ރޫމަށް ފައިބައިގެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ކޮލަމާފުށި ކައުންސިލުން ބުނެފި އެވެ.

ސައީދު ނިޔާވީ ބުރަފަތި ދަގަނޑުގައި އޮޅިގެންކަމަށްބެލެވޭ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 ސެޕްޓެމްބަރ 2025

ލ. އަތޮޅުން ރޭ ފުރި "ކޮލަމާ" ބޯޓުގެ ކެޕްޓަން އާދަމް ސައީދު މިއަދު ނިޔާވީ ބޯޓުގެ އޮޓޯ ޕަމްޕުގެ މައްސަލައެއް ދިމާވެގެން އިންޖީނު ރޫމަށް ފައިބައިގެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ކޮލަމާފުށި ކައުންސިލުން ބުނެފި އެވެ.

ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން އެ ބޯޓު ދަތުރު ކުރީ ހުވަދު އަތޮޅަށެވެ. މާލެއިން މުދާ ހިފައިގެން އެކި ރަށްތަކަށް ދަތުރުކުރާ އެ ބޯޓުގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު މެންދުރު 1:25 ހާއިރެވެ.

ބޯޓު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވެސް ކުރަމުން އަންނަނިކޮށް އެ ބޯޓުގެ ޚަބަރެއްވީ މިއަދު ހަވީރު ހަތަރެއް ޖެހި ފަހުންނެވެ. އެކަމަކު އޭރު މައުލޫމާތު ލިބުނު ގޮތުގައި ބޯޓުގެ ކެޕްޓަން އަދި ބޯޓުގެ ވެރިޔާ ކަމަށްވާ ކޮލަމާފުށީ، ދޮންވެލި، އާދަމް ސައީދު، 66، ވަނީ ނިޔާވެފަ އެވެ.

ހާދިސާ ހިނގިއިރު ބޯޓުގައި ދެން ތިބީ ސައީދާ އެކު މަސައްކަތްކުރާ ބިދޭސީންނެވެ.

ކޮލަމާފުށީ ކައުންސިލުގެ ރައީސް އިބްރާހިމް ވަހީދު، "މިހާރު" އަށް ވިދާޅުވީ ސައީދު ނިޔާވީ ކަރަންޓުގައި ޖެހިގެން ކަމަށް ވެސް ޝައްކު ކުރެވޭ ކަމަށެވެ. އޭނާ ނިޔާވީ އޮޓޯ ޕަމްޕުގައި މައްސަލައެއް ދިމާވެގެން އެ ވީ ގޮތެއް ބެލުމަށް އިންޖީނު ރޫމަށް ފޭބި ވަގުތު ޝާފްޓްގައި އަޅައިގަނެ، އޭގައި އޮޅިގެން ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

"އޭގައި ސަސްޕެކްޓް ކުރާ އޭންގަލެއް އެއީ [ކަރަންޓުގައި ޖެހިގެން ކަަމަށް]. އެ ވާ ގޮތަކީ އޮޓޯ ޕަމްޕުގެ މައްސަލައެއް ދިމާވެގެން ކެޕްޓަން ފޭބި ކަމަށް ވަނީ. ފޭބި ގަޑީގައި ޝާފްޓްގައި އަޅައިގަނެގެން ޝާފްޓް ތެރެއަށް ދަމާލީ ކަމަށް ވަނީ. ދެން އެގަޑީގައި ލިބުނު ޒަހަމްގައި ނިޔާވީ ކަމަށް ވަނީ،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި ސައީދަކީ އޭނާ ހަނދާން ހުންނަން ފެށީއްސުރެ ވެސް ބޯޓު ދުއްވުމުގައި އުޅޭ މީހެކެވެ.

އޭނާ ވިދާޅުވީ ރޭގައި ހިނގާދިޔަ އެ ހާދިސާގެ މައުލޫމާތު ރަށާ ހިސާބަށް ނުލިބި އޮތީ ރޭންޖު ނުލިބޭ ހިސާބެއްގައި ބޯޓު އޮތުމުން ކަމަށެވެ. އަދި ބޯޓުތައް ދަތުރުކުރަމުންދާ ސަރަހައްދު ބެލުމަށް ބޭނުންކުރާ "ފޮލޯމީ" ގެ ރޭންޖު ވެސް ނުލިބޭތީ ބޯޓު އޮތް ހިސާބެއް ނޭނގުނީ އެވެ.

ބޯޓުގެ ޚަބަރެއްވީ ގދ. އަތޮޅާ ވަރަށް ކައިރިވެފައި ވަނިކޮށެވެ.

"އެ މީހުން އިންޖީނު ރޫމުން ފަހުން ސަލާމަތް ވެގެން ބޯޓު ދުއްވާފައި އެ އޮތީ. ދުއްވާފައި އޮއްވައި އަތޮޅާ ވެސް ވަރަށް ކައިރިވެފައި އޮތީ. ދެން ފޮލޯމީއަށް ވެސް ރޭންޖު ލިބިގެން މިކޮޅަށް މައުލޫމާތު ލިބުނީ،" ވަހީދު ވިދާޅުވި އެވެ.

ބޯޓުގެ ބައެއް ކްރޫންނާ ހަވާލާދީ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ސައީދުގެ ހަށިގަނޑުގެ ބޭރު ފުށުން އަނިޔާތަކެއް ފެންނަން ހުއްޓެވެ. އޭނާގެ ހަށިގަނޑު ބޯޓުން ނަގައިގެން ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށްވެ އެވެ.