Roadha Mihaaru
ކޮޅުވެއްޓި މާދަމާ ނުފެނިއްޖެ ނަމަ ރާއްޖެއިން ބޭރުވާނެ

ކޮޅުވެއްޓި މާދަމާ ނުފެނިއްޖެ ނަމަ ރާއްޖޭގެ ކަނޑުން ބޭރުވާނެ: ކޯސްޓްގާޑް

20 މެއި 2017

ދިވެހި ދެމަފިރިއަކާއި ހަތަރު ބިދޭސީންނާ އެކު ދަތުރު ކުރަނިކޮށް ގެއްލުނު ކޮޅުވެއްޓި މާދަން ނުފެނިއްޖެ ނަމަ އެ އުޅަނދު ރާއްޖޭގެ ކަނޑު ސަރަހައްދުން ބޭރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިވެހި ދެމަފިރިއަކާއި ހަތަރު ބިދޭސީންނާ އެކު ދަތުރު ކުރަނިކޮށް ގެއްލުނު ކޮޅުވެއްޓި މާދަން ނުފެނިއްޖެ ނަމަ އެ އުޅަނދު ރާއްޖޭގެ ކަނޑު ސަރަހައްދުން ބޭރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

"މާރިޔާ 3" ނަމަކަށް ކިޔާ އެ ކޮޅުވެއްޓި މިދިޔަ އަންގާރަ ދުވަހު ގެއްލުނީ ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރު ކުރަނިކޮށެވެ. އެ އުޅަނދު ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަނާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓް ގާޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ އެ އުޅަނދު ފެނޭތޯ މިހާތަނަށް 10،800 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މާދަމާގެ އިރުއޮއްސުމުގެ ކުރިން އެ ކޮޅުވެއްޓި ނުފެނިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުވެ، ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އެއީ ރާއްޖޭގައި މިވަގުތު ހުރި ވަސީލަތްތަކުން ބެލޭނެ އެންމެ ބޮޑު ސަރަހައްދުން ބޭރުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭގެ ފަހުން ވެސް އެ އުޅަނދު ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އިންޖީނު ހުއްޓުނަސް އަދި އެހެން ކަމެއް ދިމާވިޔަސް ބެހިގެންދާ ނަމަ އަޅުގަނޑުމެން ގަބޫލުކުރަނީ މާދަމާގެ 18:00 އާއި 12 އާ ދެމެދު ރާއްޖޭގައި މިހާރު ބެލެން ހުރި ވަސީލަތްތަކުން ބެލެން ހުރި ސަރަހައްދުން، މަތިންދާބޯޓުން ވެސް ބެލޭނެ ސަރަހައްދުން އެ މީހުން ނިކުމެގެން ހިނގައިދާނެ ކަމަށް. މިހާރުއްސުރެން ވެސް އަޅުގަނޑުމެން ވާނީ އަވަށްޓެރި އިންޑިއާ އަދި ސްރީ ލަންކާގެ އަށް ވެސް މި މައުލޫމާތު ފޯރުކޮށްދީފައި،" މުހައްމަދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެ މީހުންގެ ސަރަހައްދަށް ދިޔަޔަސް އަޅުގަނޑުމެން މިކަން ހުއްޓައެއް ނުލާނަން."

މާރިޔާ-3 ގައި ދަތުރުކުރި ދިވެހި ދެމަފިރިންނަކީ އޭގެ ކައްޕި ވިލިފުށީ އާދަމް ނައީމާއި ޒުލޭހާ އުސްމާނެވެ. ޒުލޭހާ އެއަށް އެރީ ލ. އަތޮޅަށް ދާ މަގުމަތީގައި ރަށަށް ދިއުމަށެވެ. މީގެ ކުރިން ވެސް ފިރިމީހާއާ އެކު އެގޮތަށް އޭނާ ދަތުރުކުރާ ކަމަށްވެ އެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި ގެއްލުނު އުޅަނދު ރާއްޖެއިން ބޭރުވާނެ ކަމަށް ލަފާކުރަނީ ކޯސްޓް ގާޑުގައި މިހާރު ހުރި ޑްރިފްޓް މޮޑެލް ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ. އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އުޅަނދުގެ ކުޑަ ބޮޑުމިނަށާއި އޮއިވަރަށް ބަލައި އެ އުޅަނދު ބެހިގެން ދާނެ ސްޕީޑް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާގެ ކަނޑުގެ އޮޔާއި ވަޔާއި ދިޔަވަރާއި އޮއިވަރާއި މި ހުރިހާ އެއްޗެއް ހުރި ވަރެއް އެއަށް އެބަ ލިބޭ. އެއިން މިބަލަނީ މި ސްޓްރަކްޗާއަށް އޮތް ލޭންޑިން ކްރާފްޓެއް ނަމަ އޭތި އޮޔާ އެކު ދަތުރުކުރާނީ ކިހާ ވަރަކަށް ކަން،" މުހައްމަދު ވިދާޅުވި އެވެ.

ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓާ ސަލީމްވާހަކަ ދައްކަވަނީ: ދަތުރު ކުރާއިރު ދަތުރުގެ މައުލޫމާތު ހިއްސާކޮށްފައި ދަތުރު ކުރުމަށް އޭނާ އިލްތިމާސް ކުރެއްވި --މިހާރު ފޮޓޯ/ހުސައިން ވަހީދު

ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓާ ސަލީމްވާހަކަ ދައްކަވަނީ: ދަތުރު ކުރާއިރު ދަތުރުގެ މައުލޫމާތު ހިއްސާކޮށްފައި ދަތުރު ކުރުމަށް އޭނާ އިލްތިމާސް ކުރެއްވި --މިހާރު ފޮޓޯ/ހުސައިން ވަހީދު

ކޯސްޓް ގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެ އުޅަނދު ހޯދުމުން ދަނިކޮށް ލ. އިސްދުއާ ދިމާލުން ތެޔޮތަކެއް ކަނޑަށް އެޅިފައި ވަނިކޮށް އިއްޔެ ފެނުނު ކަމަށާއި އެކަމަކު އިތުރު އެއްޗެއް އެތަނުން ފެނިފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ މާ ބޮޑަށް ލަސްވި ފަހުން އެ ހާދިސާ ރިޕޯޓްކޮށްފައި އޮތުމެވެ. އެހެންވެ، ކަނޑު ދަތުރުކުރާއިރު ދަތުރުގެ މައުލޫމާތު އޭގެ ވެރިފަރާތަށް ހިއްސާކޮށްގެން ދަތުރު ކުރަމުން ދިއުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"އާއިލާ އަށް އަދި އޮޕަރޭޓް ކުރައްވާ ފަރާތަށް ވެސް މާ ބޮޑަށް މިކަންކަން ނުބެލެވި އެބަ ދޭ. މި ކޭސްގައި ވެސް 48 ގަޑިއިރަށް ވުރެ ގިނަ އިރު ވީ ފަހުން ރިޕޯޓް ވެސް ކޮށްފައި މިއޮތީ. އެހެންވީމަ ސާޗްތަކާ އެއްޗެހި ހެދުމުގައި އެރާތައް އެބަ އާދޭ. އަޅުގަނޑުމެންގެ ކަލްކިއުލޭޝަންސްތަކަށް އެބަ ލާން ޖެހޭ ވަރަށް ގިނަ ކަންކަން،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަވަހަށް މައުލޫމާތު ލިބިއްޖެ ނަމަ އެފަދަ އުޅަނދުތައް ހޯދަން ފަސޭހަވާނެ އެވެ. އެހެންވެ، ދަތުރުގެ މައުލޫމާތު ގަވާއިދުން ހިއްސާ ކުރަމުން ދަތުރު ކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ. އަދި މިއީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން ވެސް އޭނާ އެދިވަޑައިގަތެވެ.

މާރިޔާ-3 ހޯދުމުގައި ރާއްޖޭގެ އިތުރުން އިންޑިއާގެ އަސްކަރީ މަނަވަރަކާއި މަތިންދާބޯޓެއްގެ ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.