08 ނޮވެމްބަރ 2019
ކާމިޔާބު މީހަކަށްވާން މުހިންމީ ކެރިގެން މަސައްކަތްކުރުން ނޫން އެހެން ކަމެއް ނޫންކަން 25 އަހަރުގެ ރިތޭޝް އަގަރްވާލް އަންނަނީ ސާބިތުކޮށް ދެމުންނެވެ. އިންޑިއާގެ މި ޒުވާނާ ވަކި ހިސާބަކުން ކިޔެވުން ހުއްޓާލައި ނުކުތީ ވިޔަފާރީގެ ތެރެއަށެވެ. އޭނާ ހޮސްޕިޓާލިޓީ އިންޑަސްޓްރީ އަށް ކުރި އިންވެސްޓްމަންޓް ކުރިއަށް ޖައްސާލައި، އެހާ ޒުވާން އުމުރުގައި ބިލިއަނަރަކަށްވެ، ދިރިއުޅުން މި ވަނީ މުޅިން ބަދަލުކޮށްލައިފަ އެވެ.
ކާމިޔާބު މީހަކަށްވާން މުހިންމީ ކެރިގެން މަސައްކަތްކުރުން ނޫން އެހެން ކަމެއް ނޫންކަން 25 އަހަރުގެ ރިތޭޝް އަގަރްވާލް އަންނަނީ ސާބިތުކޮށް ދެމުންނެވެ. އިންޑިއާގެ މި ޒުވާނާ ވަކި ހިސާބަކުން ކިޔެވުން ހުއްޓާލައި ނުކުތީ ވިޔަފާރީގެ ތެރެއަށެވެ. އޭނާ ހޮސްޕިޓާލިޓީ އިންޑަސްޓްރީ އަށް ކުރި އިންވެސްޓްމަންޓް ކުރިއަށް ޖައްސާލައި، އެހާ ޒުވާން އުމުރުގައި ބިލިއަނަރަކަށްވެ، ދިރިއުޅުން މި ވަނީ މުޅިން ބަދަލުކޮށްލައިފަ އެވެ.
ރިތޭޝް އެންމެ ފުރަތަމަ ފެށި ވިޔަފާރި އަކީ ޓޫރިސްޓް ހޮޓާތަކުގެ ބުކިންސް ހަދައިދޭ އޮންލައިން ހިދުމަތް އޮރެވެލް ޓްރެވެލް އެވެ. އެއީ 2012 ގަ އެވެ. އެކަމަކު އޭގެ ހިދުމަތް ފުޅާވެ އެއީ މިހާރު ދުނިޔޭގައި ނަން ހޮސްޕިޓާލިޓީ ކުންފުނި އޯޔޯ އެވެ. ކުންފުނި ފުޅާކޮށްލީ، ފެށިތާ އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.
މި ވިޔަފާރީގައި ރިތޭޝްއާ އެކު ހިއްސާވަނީ އޭނާއާ 2013 ގައި ދިމާވި ބެޖޫލް ސޮމައިއާ އެވެ. އެ ދެ މީހުން ފުރަތަމަ ބައްދަލުވީ ޕޭޕަލްގެ ބާނީ ޕީޓާ ތިއެލް ކުރިއަށް ގެންދިޔަ ތިއެލް ފޮލޯޝިޕް ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެތަނުން އެ މީހުންނަށް ފަހިވި 100،000 ޑޮލަރާ އެކު ނިންމީ ދެ ގޮތެކެވެ. އެއް ގޮތަކީ ކިޔެވުން ހުއްޓާލުމެވެ. އަނެއް ގޮތަކީ ވިޔަފާރިއެއް ފެށުމެވެ.
ރިތޭޝް ބޭނުންވީ ކިޔެވުން ހުއްޓާލައި، ވިޔަފާރިއެއް ފަށާށެވެ. އެކަމަކު އެ ހިޔާލަށް އޭރު ބެޖޫލް އެހާ ގަބޫލެއް ނޫނެވެ. ނަމަވެސް ލޯ މަރާލާފައި ދެ މީހުން ވެސް ނުކުތީ އެވެ. މިހާރު އެ މީހުންގެ ކުންފުނި އޯޔޯ އަކީ ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސާދުތައް ކަމަށްވާ އެމެރިކާ އާއި ޗައިނާ ފަދަ ގައުމުތަކުގައި ކުރިއަރަމުން އަންނަ އުންމީދީ ވިޔަފާރިއެކެވެ.
އިންޑިއާގެ އިތުރުން ޗައިނާގައި 338 ސިޓީއެއްގައި އެކަނި ވެސް މިހާރު އޯޔޯގެ 13،000 ހޮޓާ އެބަހުއްޓެވެ. އެމެރިކާގައި 200 ތަން އެބަ ހުއްޓެވެ. އެ ކުންފުނިން ދާދި ފަހުން ވަނީ އެމެރިކާގެ ނެވާޑާގައި ހުންނަ 657 ކޮޓަރީގެ ހޫޓާޒް ކެސިނޯ ހޮޓެލް ގަނެ، އެތަން ވެސް ރިބްރޭންޑްކޮށްފަ އެވެ. ނަމަކީ މިހާރު އޯޔޯ ހޮޓެލް އެންޑް ކެސިނޯ ލަސް ވެގަސް އެވެ.
ރިތޭޝް ކިޔައިދިން ގޮތުގައި އެމެރިކާގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތެވެ. އެހެންވެ އޯޔޯގެ އިންވެސްޓްމަންޓްތައް މިހާރު ވަނީ އެ ގައުމަށް ފޯކަސްވެފަ އެވެ. ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކަށް ވެސް ވިޔަފާރި ފުޅާކުރަން ކުރާ މަސައްކަތްތައް މަޑުޖައްސަލައެއް ނުލަ އެވެ.
"ކުރިއަކުން އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން މިހާ ޒުވާން އުމުރުގައި މިހާރު އާދެވިފައި މިހުރި ހިސާބަށް އާދެވޭނެ ކަމަކަށް."
އޭގެ ނަތީޖާ އަކީ އޯޔޯގެ 35،000 ހޮޓާ ދުނިޔޭގެ 800 ސިޓީއެއްގައި މިހާރު ހިންގަމުން ދިއުމެވެ. ކުންފުނީގެ މުވައްޒަފުންގެ އަދަދު 20،000 އަށް ވުރެ ގިނަ އެވެ.
މީގެ އިތުރުން ބޮޑެތި އެހެން ކުންފުނިތަކަށް އޯޔޯ އިން އިންވެސްޓްކޮށް، އެ ވިޔަފާރިތަކުގައި ވެސް ހިއްސާވެ އެވެ. އޭގެ ތެރޭގައި ސޮފްޓްބޭންކް، ސެކޮއާ ކެޕިޓަލް އިންޑިއާ، އެއާބީއެންބީ އަދި ގްރީނޯކްސް ކެޕިޓަލް ހިމެނެ އެވެ.
އޯޔޯ ފުޅާވެ، މަގުބޫލުވަމުން ދިޔަ ނަމަވެސް ރިތޭޝް އަދި ހުރީ ކުންފުނީގެ ސާފު ފައިދާ ހާމަކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އޭނާ ބުނިގޮތުގައި އަދިވެސް ބޭނުންވާ ހިސާބަކަށް ނުދެ އެވެ. އެހެންވެ ކުންފުނީގެ މިލްކިއްޔާތާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި ތައްޔާރެއް ނޫނެވެ.
އެކަމަކު އޯޔޯ ކޮޅަށް ޖަހައި އޭނާ މިހާރު ވަނީ އެ ކުންފުނީބެ 30 ޕަސެންޓް ހިއްސާ އަމިއްލަކޮށްފަ އެވެ. އެކަމަށް 1.3 ބިލިއަން ޑޮލަރު އިންވެސްޓްކުރި އެވެ.
"ކުރިއަކުން އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން މިހާ ޒުވާން އުމުރުގައި މިހާރު އާދެވިފައި މިހުރި ހިސާބަށް އާދެވޭނެ ކަމަކަށް." އިންޑިއާގެ އޮޑިޝާ އަށް އުފަން ރިތޭޝް ބުންޏެވެ. "އަހަރެން އުފަން ސިޓީގެ އާބާދީގެ ހަތްދިހަ ޕަސަންޓް މީހުންނަކީ ބަނޑުހައިހޫނުކަމުގައި އުޅޭ މީހުން. އެހެންވީމާ އެކަހަލަ ތަނަކަށް ނިސްބަތްވާ މީހަކު މާ ބޮޑެތި ހުވަފެންތައް ބެލުމަކީ ވެސް ބައެއް މީހުންގެ ނަޒަރުގައި ތަންކޮޅެއް އައިބު ކަމަކަށް ވެދާނެ."
އޭނާ ކިޔައިދިން ގޮތުގައި ވިޔަފާރި އަކީ އަބަދުވެސް ސިކުނޑިތެރޭގައި އެނބުރޭ ކަމެކެވެ. އެހެންވެ ކަމެއް ކާމިޔާބުކުރަން ހުވަފެން ދެކޭ މީހަކަށް ނޫނީ ކަމެއް ހާސިލެއް ނުވާނެ އެވެ. އެހެންވެ އުމުރުން 13 އަހަރުގައި އޭނާ ނުކުތީ މޮބައިލް ފޯން ސިމް ކާޑް ވިއްކާށެވެ.
"އެކަމާ އާއިލާ ވެސް ގަބޫލެއް ނޫން. އާއިލާ އިން ބޭނުންވީ އަހަރެން ކިޔަވައިގެން މޮޅު މީހަކަށްވާން. އާއިލާގައި ތިބީ ވެސް އިންޖިނިއަރިން އާއި ބިޒްނެސް ސްކޫލްތަކުން ކިޔެވި މީހުން،" ރިތޭޝް ބުންޏެވެ.
އެހެންވެ އޭނާ ގްރޭޑް 10 އާ ހަމައަށް ކިޔަވާފައި އާއިލާގެ ޕްރެޝަރުތަކާ ހެދި ފަހުން އިންޖިނިއަރިން ކޮލެޖަކާ ވެސް ގުޅުމެވެ. އެކަމަކު ކިޔަވާ ހިތް ނުވެގެން ކުލާސްތައް ކަޓުވާލައި، އޭނާ ބެލީ ވިޔަފާރިއާ ގުޅޭ ކޮންމެވެސް ކަމެއް ކުރެވޭތޯ އެވެ.
"މީހުން ވިޔަފާރިކުރާ ގޮތް ބަލައި މައުލޫމާތު ހޯދުން އެންމެ ކުރާ ހިތްވާ ކަމަކަށްވެފައި އޮންނަނީ،" ރިތޭޝް ބުންޏެވެ. "އެހެންވެ ދިއްލީ އަށް ގޮސް އެކި ފެންވަރުގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް ގުޅުން ބަދަހިކޮށް، ވިޔަފާރިއެއް ފައްޓާނެ ގޮތަކާ ދޭތެރޭ އަބަދު ވެސް އަހަރެން ވިސްނަމުން ދިޔައީ."
ރިތޭޝް ބުނީ އޭނާގެ ހުވަފެން ހަގީގަތަކަށްވެ، ވިޔަފާރި ކާމިޔާބުވުމަކީ ވަރަށް ގިނަ މަސައްކަތާއި ހިތްވަރު ކަމަށެވެ.
"އަސްލު ހަގީގަތުގައި ވިޔަފާރި ކާމިޔާބުވުމުގައި އަހަރެން ބިލްޑްކުރި ނެޓްވޯކްގެ ތެރެއިން ލިބުނު ހިތްވަރު ބޮޑު ދައުރެއް އަދާކުރާނެ،" އޭނާ ބުންޏެވެ. "އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން. ބޭނުން ވަނީ އަޒުމަކާ އެކު ހިތްވަރުކުރުން."
ބިލިއަނަރު އަދާނީއަށް އެމެރިކާއިން ދައުވާކޮށްފި
ރާއްޖޭގައި ފިލްމުތައް ޝޫޓްކުރަން ބޮލީވުޑަށް ރައީސްގެ ހާއްސަ ދައުވަތެއް!
"އިންޑިއާގެ އިތުރު ޓޫރިސްޓުންނަށް މަރުހަބާ ކިޔަން"
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ފައިސަލް، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާ މަޝްވަރާކޮށްފި
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
އިންޑިއާގެ ޓޫރިސްޓުން މަދުވީތަ؟ ތަފާސްހިސާބަށް ޖެހިލަމާ
ޓޫރިޒަމަށްވުރެ ލަކްޝަދީބަށް ފެރީ ވެސް މުހިންމު!
އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އިންޑިއާ
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް