Roadha Mihaaru

ފައިސަލް، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފި

އިންޑިއާއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކޮށް، ދެ ގައުމު ގުޅިގެން ޓޫރިޒަމް ކުރިއަރުވަން، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު މަޝްވަރާކުރައްވައިފި އެވެ.

ފައިސަލް، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާ މަޝްވަރާކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

30 ޖުލައި 2024

އިންޑިއާއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކޮށް، ދެ ގައުމު ގުޅިގެން ޓޫރިޒަމް ކުރިއަރުވަން، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު މަޝްވަރާކުރައްވައިފި އެވެ.

ޓޫރިޒަމް ކުރިއަރުވަން އެއްބާރުލުން ދިނުމުގެ މަޝްވަރާތައް މިދިޔަ ހަފުތާގައި ރާއްޖޭގައި ބޭއްވުމަށް ފަހު އިތުރު ބައްދަލުވުންތަކަށް މިނިސްޓަރު ފައިސަލް މިހާރު ހުންނެވީ އިންޑިއާގަ އެވެ.

މިނިސްޓަރު މިއަދު ވަނީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންދްރަ ސިންގް އާ ބައްދަލުކުރައްވައި، ޓޫރިޒަމްގެ ގުޅުން މިހާރަށް ވުރެން ވަރުގަދަކުރަން މަޝްވަރާކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދެ ގައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމާއި ދެ ގައުމުގެ ގުޅުން ބަދަހިކުރަން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

ފައިސަލް، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި "ވެލްކަމް އިންޑިއާ" ގެ ނަމުގައި އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރުމުގެ ކެމްޕެއިނެއް ވެސް ފައްޓަވައިދެއްވާނެ އެވެ.

ރޯޑް ޝޯއެއް ގޮތަށް ބާއްވާ މި ހަރަކާތް އޮންނާނީ ދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެކަމަކު މިހާރު އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ. އެ ގައުމުން މިދިޔަ އަހަރު ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ. އަދި މިދިިޔަ އަހަރުގެ މި މުއްދަތުގައި ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް އައީ 57،000 އެއްހާ ޓޫރިސްޓުންނެވެ.

ރާއްޖެއަށް އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު އެހާ ބޮޑަށް ދަށްވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ޖެހުނު ސިޔާސީ މައްސަލަތަކެއްގައި ނަމަވެސް މިހާރު ދެ ގައުމުން ވެސް އަންނަނީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ. ރާއްޖެއަަށް އެކި ކަންކަމުގައި މިފަހުން އިންޑިއާ އިން އަންނަނީ ވަރަށް ބޮޑަށް އެއްބާރުލުން ދެމުންނެވެ.