Roadha Mihaaru
ބިލިއަނަރު އަދާނީއަށް އެމެރިކާއިން ދައުވާކޮށްފި

އިންޑިއާގެ ބިލިއަނަރު އަދާނީއަށް އެމެރިކާއިން މަކަރާއި ހީލަތުގެ ދައުވާކޮށްފި

22 ނޮވެމްބަރ 2024

އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީ 250 މިލިއަން ޑޮލަރުގެ ރިޝްވަތު ސްކީމެއް ރާވައި، އެމެރިކާގައި ފައިސާ ހޯދުމުގެ ގޮތުން އެކަން ސިއްރުކުރި ކަމުގެ ތުހުމަތުގައި މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލައިފި އެވެ.

އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީ 250 މިލިއަން ޑޮލަރުގެ ރިޝްވަތު ސްކީމެއް ރާވައި، އެމެރިކާގައި ފައިސާ ހޯދުމުގެ ގޮތުން އެކަން ސިއްރުކުރި ކަމުގެ ތުހުމަތުގައި މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލައިފި އެވެ.

އޭޝިއާގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ އުމުރުން 62 އަހަރުގެ އަދާނީގެ ފުޅާ ވިޔަފާރި ބަނދަރުތަކާއި އެއާޕޯޓުތަކާއި އިޔާދަކުރެވެނިވި ހަކަތައާ ހަމައަށް ފެތުރިފައި ވާއިރު މިއީ އެ ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އިތުރުވި އާ މައްސަލައަކަށް ވަނީ ވެފަ އެވެ.

އެމެރިކާގެ ޕްރޮސިކިއުޓަރުން ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުގައި އަދާނީ އާއި އޭނާގެ އިސް މުވައްޒަފުން ވަނީ އިޔާދަކުރެވެނިވި ހަކަތައިގެ ޕްރޮޖެކްޓްތައް އެ ކުންފުންޏަށް ކާމިޔާބުުކުރުމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ފައިސާ ހުށަހަޅައިފަ އެވެ. މި ޕްރޮޖެކްޓްތަކުން 20 އަހަރު ތެރޭ ދެ ބިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.

އިންޑިއާގެ އަދާނީ ގްރޫޕްގެ ޗެއާޕާސަން ގޯތަމް އަދާނީ މުމްބާއީގައި ބޭއްވި ވޯލްޑް ކޮންގްރެސް އޮފް އެކައުންޓެންޓްސްގައި ނޮވެމްބަރު 19، 2022 ގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އަދާނީ ގްރޫޕްގެ ޗެއާޕާސަން ގޯތަމް އަދާނީ މުމްބާއީގައި ބޭއްވި ވޯލްޑް ކޮންގްރެސް އޮފް އެކައުންޓެންޓްސްގައި ނޮވެމްބަރު 19، 2022 ގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

މި ތުހުމަތަށް އިންކާރުކޮށް އަދާނީ ގްރޫޕުން ބުނީ އެ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.

"މިކަމުގެ ދިފާއުގައި ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" އަދާނީ ގްރޫޕުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ގްރޫޕްގެ ފްލެގްޝިޕް ކުންފުނި އަދާނީ އެންޓަޕްރައިސަސްގެ ހިއްސާ އިއްޔެ ވަނީ މި ދައުވާގެ ޚަބަރާ އެކު 22 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ގްރޫޕްގެ އެހެން ކުންފުނިތަކުގެ ހިއްސާގެ އަގު ވެސް ދިޔައީ ދަށަށެވެ. ތުހުމަތުތައް އެންމެ ބޮޑަށް އޮތް އަދާނީ ގްރީން އެނާޖީން ވަނީ 600 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކުމަށް ކުރަމުން ދިޔަ މަސައްކަތް ވެސް މަޑުޖައްސާލައިފަ އެވެ.

"މަކަރު ހަދަމުންދާތާ އެތައް އަހަރެއް"

އަދާނީ ގްރޫޕުން ސްޓޮކާއި ހިސާބުތައް އޮޅުވާލުމުގެ އަމަލުތައް ހިންގަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށް ބުނެ 2023 ވަނަ އަހަރު އެމެރިކާގެ ޝޯޓް-ސެލާ ހިންޑެންބާގް ރިސާޗް އިން ރިޕޯޓެއް ޝާއިއުކުރި ހިސާބުން ފެށިގެން އަދާނީ ގްރޫޕް އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގަ އެވެ.

އަދާނީ މި ތުހުމަތުތައް ދޮގުކުރެއްވި ނަމަވެސް މި ވާހަކަތަކާ އެކު އެތައް އިންވެސްޓަރުންނެއް އަދާނީގެ ހިއްސާތައް ވިއްކާލި އެވެ. އަދި އިންޑިއާގެ މާކެޓް ރެގިއުލޭޓަރު ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ބޯޑް އޮފް އިންޑިއާ (ސެބީ) އިން ވެސް ތަހުގީގެއް ހިންގަން ފެށި އެވެ.

އޭގެ ފަހުން ހިންޑެންބާގް އިން ވަނީ ސެބީގެ ވެރިޔާ މަދަބީ ޕޫރީ ބުޗް އަކީ އަދާނީ ގްރޫޕްގެ އޯފް ޝޯ ފަންޑުތަކާ ގުޅުން އޮންނަ މީހެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދާނީ ގްރޫޕާއި ބުޗް ވެސް ވަނީ މި ތުހުމަތަށް އިންކާރުކޮށްފަ އެވެ.

ނަމަވެސް އެމެރިކާގެ ދައުވާއަކީ އަދާނީ ގްރޫޕަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އަދާނީގެ އިތުރުން އޭނާއަށް ބޮޑުބޭބެ ކިޔާ މީހަކު ހިމެނޭހެން ހަތް މީހަކަށް ދައުވާ ލިބެ އެވެ.

އަދާނީ ގްރޫޕުން ހިންގާ، އިންޑިއާގެ މުންދުރާ ބަނދަރު. -- ފޮޓޯ: އޭއެފްޕީ

އަދާނީ ގްރޫޕުން ހިންގާ، އިންޑިއާގެ މުންދުރާ ބަނދަރު. -- ފޮޓޯ: އޭއެފްޕީ

ޕްރޮސެކިއުޓަރުން ބުނީ އެމެރިކާއިން 2022 ވަނަ އަހަރު އަދާނީ ގްރޫޕްގެ ތަހުގީގު ފަށާފައިވާ ކަމަށާއި އެ ތަހުގީގަށް ހުރަސް އެޅިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޕްރޮސިކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި އެގްޒެކެޓިވްސް އިން ލޯނާއި ބޮންޑުގެ ގޮތުގައި ތިން ބިލިއަން ޑޮލަރު ހޯދީ އެ ކުންފުނިން ރިޝްވަތާ ދެކޮޅަށް ގެންގުޅޭ އަމަލުތަކާއި ސިޔާސަތުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ދީގެންނެވެ.

"ތުހުމަތު ކުރެވޭ ފަދައިން، އެތައް ބިލިއަން ޑޮލަރެއްގެ ކޮންޓްރެކްޓްތައް ހޯދުމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތު ދިނުމަށް، ދައުވާ ލިބޭ ފަރާތްތަކުން ބޮޑު ސްކީމެއް ރާވައި، އެމެރިކާ އާއި ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އަތުން ކެޕިޓަލް ހޯދި އިރު އެ ސްކީމާ ބެހޭ ގޮތުން ވަނީ ދޮގު ހަދާފައި،" އެމެރިކާގެ އެޓާނީ ބްރިއޯން ޕީސް އިން ދައުވާތައް އިއުލާނުކޮށް ނެރުނު ބަޔާނެއްގައިވެ އެވެ.

އިންޑިއާގައި ސިޔާސީ ބަހުސެއް

މި މައްސަލަ ވަނީ އިންޑިއާގައި ވެސް ވަރަށް ބޮޑު ސިޔާސީ ބަހުސަކަށް ވެފަ އެވެ.

އަދާނީ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް ގާތް އެކުވެރިއެކެވެ. އަދާނީ އޮންނަ ގުޅުމުގެ ސަބަބުން މޯދީއަށް ނަހަމަ ފައިދާތަކެއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ތުހުމަތުކުރެ އެވެ.

އިދިކޮޅު ލީޑަރު ރާހުލް ގާންދީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އަދާނީ ހައްޔަރުކުރުމަށާއި ސެބީގެ ވެރިޔާގެ މަގާމުން ބުޗް ދުރުކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އަދާނީ އަށް މޯދީ ހިމާޔަތް ދެއްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ މައްޗަށް ކުރެވޭ މަކަރާއި ހީލަތުގެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ގޮވާލައި އިންޑިއާގެ ނެޝަނަލް ސްޓޫޑެންޓްސް ޔުނިއަން (އެންއެސްޔޫއައި) އިން އިއްޔެ ނިއު ދިއްލީގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ މައްޗަށް ކުރެވޭ މަކަރާއި ހީލަތުގެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ގޮވާލައި އިންޑިއާގެ ނެޝަނަލް ސްޓޫޑެންޓްސް ޔުނިއަން (އެންއެސްޔޫއައި) އިން އިއްޔެ ނިއު ދިއްލީގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ

މިކަމާ ގުޅިގެން މޯދީ އާއި ސަރުކާރުން އަދި ވާހަކައެއް ނުދައްކަ އެވެ. ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރެއް ކަމަށްވާ ސަމްބިތު ޕަޓްރާ ވަނީ މޯދީގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. ވިދާޅުވީ ދިފާއުގައި ވާހަކަ ދައްކަންޖެހޭނީ އަދާނީ ގްރޫޕުން ކަމަށެވެ.

އަދާނީ ގްރޫޕަށް ކުރާ ތުހުމަތުތަކާ ގުޅިގެން، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ތަހުގީގެއް ހިންގުމަށް އިދިކޮޅު ޕާޓީތަކުން ގޮވާލަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަންނަ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ފަށާއިރު އަލުން މި މައްސަލަ ނަގާނެ ކަމަށް ވަނީ ބެލެވިފަ އެވެ.