Roadha Mihaaru
"އަންނަ އަހަރުގެ ފެއާތަކުގެ ފެންވަރު ރަނގަޅުކުރާނަން"

އަންނަ އަހަރުގެ ފެއާތަކުގެ ފެންވަރު ރަނގަޅު ކުރާނަން: ތޮއްޔިބު

07 ނޮވެމްބަރ 2019

މިއަހަރު ލިބުނު ތަޖުރިބާއާ އެކު އަންނަ އަހަރުގެ ފެއާތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ކުރާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަހަރު ލިބުނު ތަޖުރިބާއާ އެކު އަންނަ އަހަރުގެ ފެއާތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ކުރާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގައި އޭނާ ވިދާޅުވީ، މި އަހަރުގެ މި ފެއާއަކީ ވެސް ކާމިޔާބު ފެއާއެއް ކަމަށެވެ. އެގޮތުން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންސީތަކާ އެކު މުހިއްމު ބައްދަލުވުންތައް ބޭއްވުނު ކަމަށް އޭނާ ވިދާޅުވި އެވެ. ދުވާލެއްގެ މައްޗަށް އެމްއެމްޕީއާރްސީން ވަނީ ވިއްސަކަށް މީޓިން ބާއްވާފަ އެވެ.

"މި އަންނަ އަހަރު އަޅުގަނޑުމެން ވަރަށް ބޮޑަށް ކޮލިޓީ އަށް ބަލާނަން. ވީހާ ވެސް ރަނގަޅަށް، ރަނގަޅު ކޮލިޓީއެއްގައި ކަންކަން ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވީ، ޑަބްލިއުޓީއެމް ފެއާ ވެސް އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން މިކަން އިންތިޒާމުކުރާ ފަރާތްތަކާ ބައްދަލުކުރި ކަމަށާއި މިއަހަރަށް ވުރެ ރަނގަޅު ލޮކޭޝަނަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، ޖާގަ އިތުރު ކުރުމަށް މަޝްވަރާ ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ، މި އަހަރުގެ ފެއާއިން ވެސް އާންމުކޮށް ދިވެހިން މީގެ ކުރިން މަސައްކަތް ނުކުރާ ޓުއާ އޮޕަރޭޓަރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން ތޮއްޔިބު ވިދާޅުވީ، އެ ބަޖެޓުން ވެސް މުހިއްމު ގިނަ ކަންތައްތަކެއް ކުރެވޭނެ ކަމަށާއި މަސައްކަތްތައް ކުރަނީ ކަނޑައަޅާ ބަޖެޓެއް އެންމެ ފުރިހަމައަށް ބޭނުން ކުރުމަށް ކަމަށެވެ.

އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް 154.2 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. މިއަހަރު ރާއްޖެ އިޝްތިހާރު ކުރުމަށް ކަނޑައަޅާފައިވަނީ 106 މިލިއަން ރުފިޔާ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން ބައިވެރިވި ޑަބްލިއުޓީއެމް ފެއާ ކާމިޔާބުކަމާ އެކު ނިމުނު އިރު ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ހާއްސަ ރޯޑް ޝޯއެއް ވެސް އިނގިރޭސިވިލާތުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.