Roadha Mihaaru
ސިންގަޕޫރުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލަނީ

ސިންގަޕޫރުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

01 ޖުލައި 2021

ސިންގަޕޫރުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީ އާއި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އެ ގައުމުގެ ޓްރެވަލް އެޖެންޓްސް އެސޯސިއޭޝަން (ނާޓާސް) އިން މިއަދު މަޝްވަރާ ކޮށްފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ސިންގަޕޫރުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީ އާއި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އެ ގައުމުގެ ޓްރެވަލް އެޖެންޓްސް އެސޯސިއޭޝަން (ނާޓާސް) އިން މިއަދު މަޝްވަރާ ކޮށްފި އެވެ.

ސިންގަޕޫރުން ރާއްޖެ އަންނަ ޓޫރިސްޓުންނަަށް މަރުހަބާ ކިޔުމަށް ވަމުންދާ ތައްޔާރީތަކާއި ޓޫރިސްޓުން އަމަލުކުރަން ޖެހޭ އާ ގައިޑްލައިންތަކުގެ މައުލޫމާތު މި ވެބިނާގައި ދިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ސިންގަޕޫރުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި ރާއްޖޭގެ ޓޫރިޒަމްގެ ހިއްސާދާރުންނާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދު ވެސް މަޝްވަރާކުރި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރު އިބްރާހީމް ޝަހީބް މި ވެބިނާގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި އެ ގައުމުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރައްވައިފަ އެވެ.

ހައި ކޮމިޝަނަރު ވިދާޅުވި ގޮތުގައި ކޮވިޑާއެކު ކުރިމަތިވި ހާލަތަށް ފަހު ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރުމެވެ.

ހައި ކޮމިޝަނަރުގެ އިތުރުން މި ވެބިނާގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދާއި ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވެސް ވާހަކަ ދެއްކެވި އެވެ.

ވެބިނާ ނިންމައިލުމަށް ފަހު ޑެޕިއުޓީ ހައި ކޮމިޝަނަރު އީމާން ހުސައިން ވިދާޅުވީ މިއީ، ސިންގަޕޫރުގެ ޓްރެވެލް އޭޖެންޓުންނާއި ރާއްޖޭގެ ޓޫރިޒަމް ޕާޓްނަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށަށް ދާން ފެށުމުން ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް މި މަހުގެ 15 އިން ފެށިގެން ހުޅުވާލަން ސަރުކާރުން ނިންމައިފަ އެވެ.

ކޮވިޑް-19 އަކީ އާންމު ރޯގާތައް ފަދަ ބައްޔެއްގެ ގޮތުގައި ކަނޑައަޅައި، އެ ބައްޔާ މެދު އަމަލުކުރަމުން އައި ހާއްސަ އުސޫލުތައް ދޫކޮށްލަން ސިންގަޕޫރުން ވަނީ ނިންމައިފަ އެވެ. އެ ގައުމުން ބުނެފައި ވަނީ އާބާދީގެ ތިން ބައިކުޅަ ދެ ބައި މީހުންނަށް އަންނަ މަހު ވެކްސިން ފުރިހަމަކުރެވުމާ އެކު މިގޮތަށް އަމަލުކުރަން ފަށާށެވެ.