Roadha Mihaaru
ކުނި އެންދުން ނޫންގޮތެއް ނެތް: އިންޑިއާގެ ދަނޑުވެރިން

ކުނި އެންދުން ނޫންގޮތެއް ނެތް: އިންޑިއާގެ ދަނޑުވެރިން

06 ނޮވެމްބަރ 2019

ނިއު ދިއްލީ (ނޮވެމްބަރު 6) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، އާއްމުންގެ ދިރިއުޅުމަށް އުނދަގޫވުމާ ގުޅިގެން، ދިއްލީއާ ކައިރި ސަރަހައްދުތަކުގެ ދަނޑުތަކުގައި ކުނި އެންދުން މަނާކުރުމުގެ އަމުރެއް އެ ގައުމުގެ ސުޕްރީމް ކޯޓުން ނެރުނު ނަމަވެސް ކުންޏާއި ހުއި އެންދުން ނޫން ގޮތެއް ނެތް ކަމަށް އިންޑިއާގެ ބައެއް ދަނޑުވެރިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ނޮވެމްބަރު 6) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، އާއްމުންގެ ދިރިއުޅުމަށް އުނދަގޫވުމާ ގުޅިގެން، ދިއްލީއާ ކައިރި ސަރަހައްދުތަކުގެ ދަނޑުތަކުގައި ކުނި އެންދުން މަނާކުރުމުގެ އަމުރެއް އެ ގައުމުގެ ސުޕްރީމް ކޯޓުން ނެރުނު ނަމަވެސް ކުންޏާއި ހުއި އެންދުން ނޫން ގޮތެއް ނެތް ކަމަށް އިންޑިއާގެ ބައެއް ދަނޑުވެރިން ބުނެފި އެވެ.

އިންޑިއާގެ އުތުރުގެ ޕަންޖާބް ސްޓޭޓުގެ ފަގީރު ދަނޑުވެރިއެއް ކަމަށްވާ ސަޓްނަމް ސިންގް ބުނީ ދަނޑުތައް ހައްދަންވާ އިރަށް ކޮންމެ ގޮތެއް ހަދައިފައި ވެސް ދަނޑުތައް ސާފުކުރަން ޖެހޭ ކަމަށެވެ. އަދި ދަނޑުތައް ސާފު ކުރެވޭނީ ހުއިތައް އަންދައިގެން ކަމަށް އޭނާ ބުންޏެވެ.

"ހުއިތައް ނާންދާ، ދަނޑުތަކުގައި މުޑުވައް ކުރެވޭނެ ގޮތެއް ނެތް،" އޭއެފްޕީ އަށް ސިންގް ބުންޏެވެ.

އެ ސަރަހައްދުގެ އެހެން ދަނޑުވެރިއެއް ކަމަށްވާ ކަބާލް ސިންގް ބުނީ ބިންގަނޑު ތައްޔާރު ކުރަން ދަނޑުތަކުން ހުއި ހުސްކުރަން އަންދަން ޖެހޭ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އެކަން ކުރެވެން އޮތް ނަމަ އެކަމެއް ސަރުކާރުން ބުނެދޭނެ ޖެހޭނެކަމަށް އޭނާ ބުންޏެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ވައި ނުސާފުވުން ހުއްޓުވުމަށް ސަރަހައްދީ ސަރުކާރުން އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. ނަތީޖާއަކަށް ވެގެން ދަނީ 20 މިލިއަން މީހުން ދިރިއުޅޭ ސިޓީގެ މީހުން ނުސާފު ވަޔަށް ނޭވާލުމުން އެ މީހުންގެ އުމުރު ކުރުވެ އެތައް ބަޔަކު މަރުވަމުންދިއުން ކަމަށް ބުނެފައިވެ އެވެ. އަދި އެއީ ތަހުޒީބް މުޖްތަމައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެކްޓިވިސްޓުންތަކެއް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

ދަނޑުވެރިކަން ކުރުމަށް ފަހު، ދަނޑުތަކުން ކުނި އެންދުމަކީ މިހާރު ވެސް މަނާކަމެކެވެ.

ޓްރެފިކް ޕޮލިއުޝަން ދަށްކުރުމުގެ ގޮތުން، ހޯމަ ދުވަހުން ފެށިގެން ދިއްލީގެ މަގުތަކުގައި ދުއްވޭނީ، ކަނޑައަޅާ ވަކި ދުވަސްތަކެއްގައި ހިރި ނުވަތަ އޮނަހިރި އަދަދުގެ ނަމްބަރު ޕްލޭޓް ހުރި ކާރުތަކެވެ. ފުރަތަމަ ދުވަހު ވެސް 1.5 މިލިއަން ކާރު ދިއްލީގެ މަގުތަކުން މަދުކުރެވުނު ކަމަށް ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވި އެވެ. ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް ވެސް މިހާރު ވަނީ ހުއްޓުވައިފަ އެވެ. ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.

ދިއްލީގެ ވައިގެ ނުސާފުކަން މިހާރު ހުރީ ޑަބްލިއުއެޗްއޯ އިން ހުއްދަ ކުރާ މިންވަރަށް ވުރެ 40 ގުނަ އަށް ވުރެ ވެސް މަތީގަ އެވެ. ދިއްލީގެ އެޓްމޮސްފެރިކް ޕާޓިކިއުލާ މެޓާ (ޕީއެމް2.5) އާދިއްތަ ދުވަހު ހުރީ ކިއުބިކް މީޓަރަކަށް 1،000 މައިކްރޯގްރާމްގަ އެވެ. ސައްވީސް ގަޑިއިރަކަށް ބަލާ ނަމަ ޕީއެމް2.5 ލެވެލް ކިއުބިކް މީޓަރަކަށް 25 މައިކްރޯގްރާމަށް ވުރެ މަތިވެގެން ނުވާނެ އެވެ.