Roadha Mihaaru
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ

އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ

18 ޑިސެމްބަރ 2022

ދުނިޔޭގެ އެންމެ ވައި ނުސާފު ސިޓީތައް ގިނަ ސަރަހައްދަށް ދެކުނު އޭޝިއާ ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ އެންމެ ވައި ނުސާފު ސިޓީތައް ގިނަ ސަރަހައްދަށް ދެކުނު އޭޝިއާ ވެއްޖެ އެވެ.

ވޯލްޑް ބޭންކުން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން އެންމެ ބޮޑަށް ވައި ތަޣައްޔަރު ވެފައިވާ 10 ސިޓީގެ ތެރެއިން ނުވަ ސިޓީއެއް ހިމެނެނީ ދެކުނު އޭޝިއާގަ އެވެ.

ވައި ނުސާފުވުމުގެ ނަތީޖާއަކީ ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތަކާ ގުޅިގެން ކޮންމެ އަހަރު ދެ މިލިއަން މީހުން މަރުވުމެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވައި ނުސާފު ސިޓީތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ނިއުދިއްލީ އާއި ބިވާދީ އާއި ގާޒިއަބާދާއި ޖައުން ޕޫރާއި ނޮއިޑާ އާއި ބާގްޕާތެވެ. ދެން ޕާކިސްތާނުގެ ފައިސަލްއާބާދާއި ޕިޝާވަރާއި ބަހަވަލްޕޫރް ވެސް އެ ލިސްޓުގައި ހިމެނެ އެވެ.

ވޯލްޑް ބޭންކުން ބުނީ ލިސްޓުގައި ހިމެނޭ ގިނަ ސިޓީތަކުގެ ހާލަތު ޗައިނާގެ ބެއިޖިން ފަދަ ސިޓީތަކަށް ވުރެ ވެސް ގޯސް ކަމަށެވެ. އެ ސިޓީތަކުގެ ވައިގެ ހާލަތު ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 20 ގުނަ އިތުރެވެ. އެއާއެކު ނޭވާލާ ނިޒާމުގެ ނުރައްކާތެރި ބަލިތައް އާދަޔާ ހިލާފަށް އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ވައި ނުސާފު ވަނީ ސިނާއީ މަސައްކަތްތަކާއި ވެހިކަލާއި ޕަވަޕްލާންޓުތަކުން އަރާ ނުރައްކާތެރި ދުމުގެ ސަބަބުންނެވެ.

ވޯލްޑް ބޭންކުން ސައުތު އޭޝިއާ އަށް ކަނޑައަޅާފައިވާ ނައިބު ރައީސް މާޓިން ރެއިޒާ ވިދާޅުވީ، މި ސަރަހައްދުގެ ވައި ތަޣައްޔަރުވެ، ސިއްހީ ކާރިސާއެއް ކުރިމަތިވެފައިވާ އިރު އެ މައްސަލަ ހައްލު ކުރުމަށް ގައުމުތައް ގުޅިގެން ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށެވެ.

ވައި ނުސާފުވުމުގެ މައްސަލަ ހައްލު ކޮށްގެން އަހަރަކު 750،000 މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ވޯލްޑް ބޭންކްގެ ދިރާސާ އިން ދައްކަ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ވައި ނުސާފުވުމުގެ މައްސަލަ ފެންމަތިވެފައިވާ އިރު އުތުރު އިންޑިއާގެ ހިމާލަޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް ވެސް ކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން ވަރަށް ފަހުން އިތުރުވި އެވެ.