Roadha Mihaaru
ދުން ބޯވުމުން ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި

ދުން ބޯވުމުން ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި

14 ނޮވެމްބަރ 2021

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އާދަޔާ ހިލާފަށް ދުން ބޯވެ، ވަރަށް ބޮޑަށް ވައި ތަގައްޔަރުވުމާ ގުޅިގެން، ނިއު ދިއްލީގެ ސްކޫލްތައް އެއް ހަފުތާގެ މުއްދަތަކަށް ބަންދުކޮށްފި އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އާދަޔާ ހިލާފަށް ދުން ބޯވެ، ވަރަށް ބޮޑަށް ވައި ތަގައްޔަރުވުމާ ގުޅިގެން، ނިއު ދިއްލީގެ ސްކޫލްތައް އެއް ހަފުތާގެ މުއްދަތަކަށް ބަންދުކޮށްފި އެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް އިއްޔެ ވިދާޅުވި ގޮތުގައި، މިހާރު އެ ސްޓޭޓަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ ނުރައްކަލުން ރައްޔިތުން ރައްކާތެރިކުރުމުގެ ގޮތުން، ސްކޫލްތައް އެއް ހަފުތާއަށް ބަންދުކޮށް، ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް ހަތަރު ދުވަހުގެ މުއްދަތަށް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

"ސްކޫލްތައް ބަންދުކުރީމާ، ތަގައްޔަރު ވެފައިވާ ވައިގެ ތެރެއަށް ދަރިވަރުން ނޭވާލާކަށް ނުޖެހޭނެ،" ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

އާދަޔާ ހިލާފަށް ޖައްވު ނުސާފުވުމާ ގުޅިގެން، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ވެސް، ވީވަރަކުން ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރުމަށް ވަނީ އަންގައިފަ އެވެ. އަދި އަމިއްލަ މީހުންގެ އޮފީސްތައް ވެސް، ވީވަރަކުން އޮފީހަށް ނުނިކުމެ ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ހިމެނީ، އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ސަހަރުތަކުގެ ތެރޭގަ އެވެ. ކާރުހާނަތަކުން ބޭރުކުރާ ދުންތަކާއި އެއްގަމު އުޅަނދުތަކުން ބޭރުކުރާ ދުމުގެ އިތުރުން ދަނޑުބިންތަކުގައި އަންދާ އެންދުންތަކުން ބޭރުވާ ދުމުގެ ސަބަބުން، ދިއްލީގެ ޖައްވު އަބަދުމެ ހެން އޮންނަނީ ތަގައްޔަރުވެފަ އެވެ.

ވިހަ ދުމުން ޖައްވު ތަގައްޔަރުވެފައިވާ އިރު، ނިއު ދިއްލީގައި މަގު ހިނގާފައިވާ މީހަކު ދުމުން ސަލާމަތް ވުމަށް މާސްކު އަޅައިގެން. --އޭއެފްޕީ

ވިހަ ދުމުން ޖައްވު ތަގައްޔަރުވެފައިވާ އިރު، ނިއު ދިއްލީގައި މަގު ހިނގާފައިވާ މީހަކު ދުމުން ސަލާމަތް ވުމަށް މާސްކު އަޅައިގެން. --އޭއެފްޕީ

ނަމަވެސް ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގެ ދުވަސްވަރު ވައި ޖެހޭ ބާރުމިން ދަށްވުމުން، އެ ދުވަސްވަރު ޖައްވުގެ ތެރޭގައި ދުންތައް ހަރުލާފައި ހުންނަ މިންވަރު އިތުރުވެ އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގައި އިއްޔެ އޮތް އަޑުއެހުމެއްގައި، އެކޯޓުން ލަފާ ދީފައިވަނީ، ދިއްލީގެ ވައި ތަގައްޔަރުވެފައިވާތީ ދިއްލީ ފުރަބަންދުކުރުމަށެވެ.

"އެހެން ނޫނީ އަހަރެމެން ކިހިނެއް މިތަނުގައި ދިރިއުޅޭނީ،" އިންޑިއާގެ އުއްތަމަ ފަނޑިޔާރު އެން.ވީ ރަމަނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އެ ލަފަޔާ ގުޅިގެން، ދިއްލީ ޗީފް މިނިސްޓަރު އަރްވިންދު ވިދާޅުވީ ކަމާ ބެހޭ ދާއިރާތަކުގެ އިސް ވެރިންނާ އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި، ސުޕްރީމް ކޯޓުގެ ލަފަޔާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

"ވައި ތަގައްޔަރުވުމުގެ ފުރަބަންދެއް މީގެ ކުރިއަކުން ދުވަހަކު ވެސް އިއުލާންކޮށްފައެއް ނެތް. އެކަން ވެގެން ދާނީ ވަރަށް އާދަޔާ ޚިލާފު ފިޔަވަޅަކަށް،" ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

ދިއްލީގެ ވައި އާދަޔާ ހިލާފަށް ނުސާފުވެފައިވާތީ، ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފަދަ ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ތައްޔާރުވެ ތިބުމަށް، އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން، އިއްޔެ ވަނީ ސަރުކާރުގެ އިދާރާތަކަށް ލަފާ ދީފަ އެވެ.

އެ ބޯޑުން ބުނި ގޮތުގައި، މިހާރު އެސަހަރުގެ ވައިގެ ތެރޭގައި ހަރުލާފައި ހުރި ދުންތައް، މިމަހުގެ 18އާ ހަމައަށް އެ ގޮތުގައި ހުންނާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެ އެވެ. ސަބަބަކީ، މިދުވަސްވަރު ވައި ޖެހޭ ބާރުމިން ދަށްވުމެވެ.

އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ވައިގެ ކޮލިޓީ ވަޒަންކުރާ މިންގަނޑުން ބަލާއިރު، އިއްޔެ ދިއްލީގެ ވައިގެ ތެރޭގައި ޕީއެމް (ޕާޓިކިއުލޭޓް މެޓާ) 2.5ގެ ކުނޑިފުއްތައް ހުރީ 300 އަށް މަތިވެފަ އެވެ. މިއީ ނޭވާލާ ނިޒާމުގެ ތެރެއިން އިންސާނާގެ ލޭގެ ތެރެއަށް ފޭދިގެންދާ ވަރުގެ ކުދިކުދި ފުއްތަކެކެވެ.

ޕާޓިކިއުލޭޓް ނުވަތަ ޕާޓިކަލް މެޓާ އަކީ ވައިގެ ތެރޭގައި ހިމެނޭ، ހިރަފުހާއި އަޅިއާއި ދުމާއި ގެދަބުޅީގެ ހަރު ކުނޑިފުއްތަކާއި ދިޔާ ތިކިތަކެވެ. މީގެ ބައެއް ބާވަތުގެ ކުނޑިފުއްތަކަކީ އޭގެ ބޮޑުމިނާއި އޭގެ އަނދިރި ކުލައިގެ ސަބަބުން އިންސާނުންގެ ހަމަލޮލަށް ފެންނަ ފުއްތަކެވެ. އަދި ބައެއް ފުއްތަކަކީ އޭގެ ކުލަ އަލިކަމުންނާއި ކުޑަކަމުން، ހަމަލޮލަށް ނުފެންނަ ފުއްތަކެވެ.

ނިއު ދިއްލީގެ 20 މިލިއަން މީހުންގެ އާބާދީ، ދުމާއި ހިރަފުހުން ތަގައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލަމުން ދާތާ އެތައް އަހަރެއްވެއްޖެ އެވެ. އަދި މިހާރު ކުރިމަތިވެފައިވާ ނުސާފުކަން ތަހައްމަލު ކުރަމުން ދާތާ ހަފުތާއަކަށް ވުރެ ގިނަދުވަސް ވެއްޖެ އެވެ.

ފިނި މޫސުން ފެށޭ ދުވަސްވަރު، ވައިޖެހޭ ބާރުމިން ދަށްވުމުން، ނިއު ދިއްލީގެ ވައިގެ ތެރޭގައި ހިރަފުހާއި ދުން ހިފެހެއްޓިފައި ހުންނަ މިންވަރު އިތުރުވެ އެވެ. އޭގެ އިތުރުން، ފިނި މޫސުން ފެށޭ ދުވަސްވަރު، ދަނޑުވެރިން އެމީހުންގެ ދަނޑުވެރިކަމުގެ އާ މޫސުމަށް ދަނޑުތައް ތައްޔާރު ކުރުމުގެ ގޮތުން، ދަނޑުތައް އަންދަން ފެށުމުން، ދުމުގެ މައްސަލަ އިތުރަށް ގޯސްވެ އެވެ.