Roadha Mihaaru
މަސީގެ ތިން ވަނަ ކޮންސްޓްރަކްޝަން ކޮންފަރެންސް ފަށައިފި

މަސީގެ ތިން ވަނަ ކޮންސްޓްރަކްޝަން ކޮންފަރެންސް ފަށައިފި

06 ނޮވެމްބަރ 2019

ކޮންސްޓްރަކްޝަން ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ކޮންފަރެންސެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮންސްޓްރަކްޝަން ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ކޮންފަރެންސެއް ފަށައިފި އެވެ.

މިއަދު ދަރުބާރުގޭގައި ފެށި މި ކޮންފަރެންސަކީ ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެގެން ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ. ކޮންމެ ދަންފަޅިއެއްގައި ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުންހުރި ތިން ކަރުދާސް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

ކޮންފަރެންސުގެ މައުލޫތައް

1- ފެއާ ޓެންޑަރިން އެންޑް ކޮންޓްރެކްޓްސް - މަސީ

2- ނޭޝަނަލް ކޮންޓްރެކްޓާސް ރެޖިސްޓްރޭޝަން - ޕްލޭނިން މިނިސްޓްރީ

3- ނިއު ލޭބާ ރެގިއުލޭޝަންސް - އިކޮނޮމިކް މިނިސްޓްރީ

4- އިންޝުއަރެންސް ބޮންޑްސް - ދިވެހި އިންޝޫރެންސް

5- އެތިކަލް ޕްރެކްޓިސަސް އިން ފޭސިން އެންވަރަމެންޓަލް ޗެލެންޖަސް އިން ކޮންސްޓްރަކްޝަން - ސީބީއީ

6- ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް ޗެލެންޖެސް އިން ކޮންސްޓްރަކްޝަން - މަސީ

މިނިސްޓަރު އަސްލަމް ކޮންސްޓްރަކްޝަން ކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިނިސްޓަރު އަސްލަމް ކޮންސްޓްރަކްޝަން ކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މި ކޮންފަރެންސްގެ ޒަރީއާއިން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަމަށް ހުރި ހައްލުތައް ހޯދޭނެ ކަމަށެވެ. އަދި މިހާރު ބައެއް މަސައްކަތްތަކުގައި ކޮންސްޓްރަކްޝަން ދާއިރާގެ ދިވެހި ކުންފުނިތައް ނުފެނުނު ނަމަވެސް ކުރިއަށް އޮތްތާނގައި މަގު ހެދުމާއި ފެނާ ނަރުދަމާގެ މަސައްކަތުގައި ވެސް ދިވެހި ކުންފުނިތައް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތަރައްގީވަމުން އަންނައިރު ޕަބްލިކް އިންފްރާސްޓްރަކްޗާ އަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެމުން އަޅުގަނޑުމެން މިގެންދަނީ. އެހެންކަމުން ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެބެޖެހޭ ބިލްޑިން ފިޔަވާ އެހެނިހެން ސިވިލް ވޯކްތަކުގެ ގިޔަރަށް." އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ކޮންފަރެންސަށް ފަހު މަސީން ޕްލޭނިން މިނިސްޓަރަށް ކޮންފަރެންސާ ގުޅޭ ރިޕޯޓެއް ހުށަހަޅާނެ އެވެ. އެ ރިޕޯޓުގައި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ކަންތަކާއި ކޮންފަރެންސުން ނިންމި ނިންމުންތައް މަސީން ހިމަނާނެ އެވެ.

މިނިސްޓަރު އަސްލަމް އާއި ޖަނާ މަޝްވަރާ ކުރައްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިނިސްޓަރު އަސްލަމް އާއި ޖަނާ މަޝްވަރާ ކުރައްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރަމުން އަންނަ ކަމަށެވެ. އަދި މި ކުރިއެރުމަކީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ކުރި މަސައްކަތުން ހާސިލްވި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި އެންމެ ގިނައީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަން ފާހަގަކުރައްވާ ޖަނާ ވިދާޅުވީ އެފަދަަ ކުންފުނިތަކަށް ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓުތައް ލިބޭނެ ގޮތްތަކާ ގުޅޭގޮތުން ކޮންފަރެންސުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަދަ ހުރިހާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސީން މަސައްކަތް ކުރާނެ ކަމަށް ޖަނާ ވިދާޅުވި އެވެ.

"މަސީން މި ގެންދަނީ ކޮންސްޓްރަކްޝަން ދާއިރާގައި ހުރި ހުރިހާ ގޮންޖެހުންތަކަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރަމުން. އެގޮތުން އަޅުގަނޑުމެން ވާނީ މި އަހަރުގެ ކުރީ ކޮޅުގައި މި ދާއިރާގެ ސޭފްޓީއާ ބެހޭ ސެމިނާއެއް ވެސް ބާއްވާފައި." ޖަނާ ވިދާޅުވި އެވެ.

މަސީން މީގެ ކުރިން މި ކޮންފަރެންސް ކުރިއަށްގެންދިޔައީ ސެމިނާއެއްގެ ގޮތުގަ އެވެ. ނަމަވެސް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ކޮންފަރެންސެއްގެ ގޮތުގައި ކުރިއަށްގެންދާނެ ކަމަށް މަސީން ބުންޏެވެ. ކޮންސްޓްރަކްޝަން ކޮންފަރެންސްގެ ހަތަރުވަނަ އެޑިޝަން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭއްވުމަށް މަސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.